Advertisement

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމުން މޫސަ އިސްތިއުފާދީފި

18 ޖުލައި 2024 - 09:56 1


ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމުން މޫސަ އިސްތިއުފާދީފި

18 ޖުލައި 2024 - 09:56 1

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ރައީސްގެ މަގާމުން މޫސާ ނާޝިދު (މޫސަ) އިސްތިއުފާދީފި އެވެ.

އެކަމަކު، މޫސަގެ ތިން ވަނަ ދައުރު ވަނީ މިދިޔަ މާޗް މަހު ހަމަވެފަ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި، މޫސަ އިސްތިއުފާ ދީފައިވަނީ، ސްޕޯޓްސް މިނިސްޓްރީ އާއި ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އަށް އަންގައިގެންނެވެ. ރާއްޖޭގެ ބެޑްމިންޓަނަށް ދިމާވެފައިވާ މައްސަލަ އަށް ހައްލެއް ހޯދަން، ސަރުކާރުންނާއި އޮލިމްޕިކް ކޮމިޓީން ވަނީ ބީޑަބްލިއުއެފްގެ ލަފަޔަކަށް އެދިފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުން އިންތިހާބުކުރި ހިންގާ ބޯޑު އިންތިހާބު ކުރީ 2021 ވަަނަ އަހަރުގެ ފެބްރުއަރީ 24 ގަ އެވެ. އެ ހިންގާ ބޯޑު ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރީ، 2021، މާޗް 11 ގަ އެވެ. މުއްދަތު ހަމަވެފައި އޮތް ބޯޑަކުން، ބެޑްމިންޓަން އެސޯސިއޭޝަން ހިންގަމުން، އަދި އަމުދުން، ސަރުކާރުގެ އިދާރާތަކުގެ އަޑުއެހުންތަކުގައި ބައިވެރިވެ، ޖަވާބުދާރީވަމުން އަންނައިރު، މި ކަމާ ގިނަ ބަަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް، ބެޑްމިންޓަން އެސޯސިއޭޝަންގައި ހުރި، އަސާސީ ގަވާއިދުގެ މައްސަލަތަކާއި އެހެނިހެން ކަންކަން ހައްލުކުރަން ދިން މުއްދަތުގައި އެކަން ކޮށްފައިނުވެ އެވެ.

ކުރީގެ ކުޅުންތެރިޔާ، މޫސަ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމު ތިން ދައުރު އަދާކުރެއްވިއިރު، ބައިނަލްއަގުވާމީ އެކިއެކި ބެޑްމިންޓަން ޖަމިއްޔާތަކުގެ މަގާމުުތައް ފުރުއްވި އެވެ. އޭގެ ތެރޭގައި، ދުނިޔޭގެ ބެޑްމިންޓަންގެ މައި އިދާރާ، ބީޑަބްލިއުއެފްގެ ކައުންސިލް މެމްބަރުކަމާއި ބެޑްމިންޓަން އޭޝިއާ ޖެނެރަލް ސެކްރެޓަރީ ކަމާއި ދެކުނު އޭޝިއާ ބެޑްމިންޓަން ފެޑެރޭޝަންގެ ސެކްރެޓަރީ ޖެެނެރަލްގެ މަގާމު ހިމެނެ އެވެ.

މޫސައާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއްގައި، އޭނާގެ މަސްލަހަތު އޮންނަ ވިޔަފާރިތަކުގެ ކަންކަން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލައި، ފާސްކޮށްފަ އެވެ. އެ ގޮތުން، ބެޑްމިންޓަން އެސޯސިއޭޝަން ހިންގާ ފަރާތްތަކުގެ މައްޗަށް ކުރެވޭ މި ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އެ އެސޯސިއޭޝަންގެ ރައީސް މޫސަގެ މަސްލަހަތު ހިމެނޭ، ސްޕޯޓްސް ސާމާނު ވިއްކާ ފިހާރަ، އަސްކަނި ސްޕޯޓްސް އާއި އޭނާއާ ގުޅުން ހުރި އެހެން ތަންތަން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި މައްސަލައާ ގުޅިގެން ދައުލަތާ ދެކޮޅަށް މޫސަ ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. މޫސަ ވަނީ މި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެެރަލް އޮފީހާ ދެކޮޅަށް، ހައި ކޯޓަށް މައްސަލަަ ހުށަހަޅައިގެންވެސް ކުރިއަށް ގެންގޮސްފަ އެވެ.

އޭސީސީން ކޮރަޕްޝަންގެ ތަހުގީގެއް ކުރާތީ، ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު ވެސް ފަސްކުރަން އެ އިދާރާއިން ވަނީ އަންގައިފަ އެވެ. އަދި ސްޕޯޓްސް ކޮމިޝަނަރު ވެސް ވަނީ އަސާސީ ގަވާއިދު އިސްލާހުނުކޮށް، ބެޑްމިންޓަން އިންތިހާބުގެ ކަންކަން ކުރިއަށް ނުގެންދަން ލަފާދީ ކުރިއަށްދާން ގޮތްތަކެއް ވެސް ސާފުކޮށްދީފަ އެވެ. އެކަމަކު، އޭގެއިން އެއް ގޮތަކަށް ވެސް އެސޯސިއޭޝަނުން ވެސް މަސައްކަތްނުކުރެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ މި މައްސަލަތަކާއި އެސޯސިއޭޝަނުން ކުޅުންތެރިންނާ މެދު އިހުމާލުވެފައިވާ އެކިއެކި މައްސަލަތައް ފެންމަތިވެފައިވާއިރު، މޫސަގެ ލީޑަޝިޕަށް އޮތީ އިތުބާރު ގެއްލިފަ އެވެ.