17 ޖުލައި 2024 - 15:04 0
މުހައްމަދު ނަސީމް
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. އޭނާ މިއަދު ވިދާޅުވީ އިންތިހާބުތައް އެއްފަހަރާ ބޭއްވިޔަސް ވާނެ ދައްޗެއް ނެތް ކަމަށް، އަދަދު/ފައިލްފޮޓޯ
17 ޖުލައި 2024 - 15:04 0
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްފަހަރާ ބާއްވާ ގޮތަށް ގާނޫނު ބަދަލުކޮށް، އެގޮތަށް އިންތިހާބުތައް ބާއްވަން ޖެހިގެން ކުރިމަތިވާނެ އެއްވެސް ދައްޗެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ކޮމިޝަނުގެ ރައީސް ފުވާދު ވިދާޅުވީ އިންތިހާބުތައް އެއްފަހަރާ ބާއްވާ ނަމަ ކޮމިޝަނުގެ އިތުރުން ރައްޔިތުންނަށް ވެސް ވާނީ ފަސޭހަ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުގައި އުނދަގުލެއް ކަމަށް ކިރިޔާ ވެސް ވެދާނެ ކަމެއްގެ ގޮތުގައި ފުވާދު ފާހަގަކުރެއްވީ ވޯޓު ކަރުދާހުގެ އަދަދު އެކަަކަށް ވުރެ ގިނަ ވުމެވެ.
"އެހެން ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބުގައި އަޅުގަނޑުމެން އެކަން ތަޖުރިބާކޮށްފައި މިވަނީ. އެއީކީ އުނދަގޫ ކަމަކަށް ނުވޭ، ލޯކަލް ކައުންސިލް އިންތިހާބުގައި އެ އަންނަނީ އެތައް ބައިވަރު ނަންތަކެއް، އެހެން ނަމަވެސް ރިޔާސީ އިންތިހާބާ މަޖިލިސް އިންތިހާބު އެއްކޮށްލައިފިއްޔާ ޖަހަން ޖެހޭނީ ދެނަމެއްގައި އެކަނި، ފާހަގަ،" ފުވާދު ވިދާޅުވި އެވެ.
އިންތިހާބުތައް އެއްފަހަރާ ބޭއްވުމުން ވާން ހުރި ފައިދާތަކުގެ ވާހަކަ މިއަދުގެ ބައްދަލުވުމުގައި ފުވާދު ވަރަށް ތަފްސީލުކޮށް ދެއްކެވި އެެވެ. އޭގެ އެއް ކަމަކީ އިންތިހާބުތަކަށް މިހާރު ހިނގާ ހަރަދުން ބޮޑުބައެއް ސަލާމަތް ކުރެވުމެވެ. ކުރިން ވެސް ވިދާޅުވެފައިވާ ފަދައިން އޭނާ ވިދާޅުވީ ރައްޔިތުންގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްފަހަރާ ބާއްވައިފި ނަމަ 130 މިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެ ކަަމަށެވެ.
ދެ އިންތިހާބު އެއްފަހަރާ ބޭއްވުމުން ވާނެ އަނެއް ފައިދާ އަކީ ފުވާދު ވިދާޅުވި ގޮތުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު އިތުރުުވުމެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ދެ އިންތިހާބު އެއްފަހަރާ ބާއްވައިފި ނަމަ ޓާން އައުޓް 90 ޕަސެންޓަށް ވުރެން މަތިވުމުގެ ފުރުސަތު އެބަ އޮތެވެ.
"އެއީ މަޖުލިސް އަށް ވޯޓުލާ މީހުންގެ ތެރޭގައި ތިބެދާނެ ރިޔާސީ އިންތިހާބަށް ވޯޓުލާން ނުދާ ބައެއް ވެސް، އަދި ރިޔާސީ އިންުތިހާބަށް ވޯޓުލާ މީހުންގެ ތެރޭގައި ތިބެދާނެ މަޖުލިސް އަށް ވޯޓުލާން ނުދާ ބައެއް ވެސް، އެކަމަކު ދޭތި އެއްކޮށްލައިފިއްޔާ، ދާމީހުން ވޯޓުލީމާ 90 އިން މައްޗަށް އަރާނެ ރިޔާސީ އިންތިހާބަށް ވޯޓުލާ މީހުން ވެސް މަޖުލިސް އަށް ވޯޓުލާ މީހުން ވެސް،" ފުވާދު ވިދާޅުވި އެވެ.
ފުވާދު ވިދާޅުވި ގޮތުގައި ބޭރު ގައުމުތަކުގައި ދިރިއުޅޭ މީހުން ވޯޓުލުމަށް ޓަކައި ކުރާ ދަތުރުތައް އެއް ދަތުރަަކަށް ވުމަކީ ވެސް އެއްފަހަރާ ދެ އިންތިހާބު ބޭއްވުމުން ވާނެ ފަސޭހައެކެވެ.
Comment