Advertisement

ލިޓަން މަރާލި ކަމަށް ދައުލަތުން ކުރާ ދައުވާތަކަށް ނިޒާމް އިންކާރުކޮށްފި

17 ޖުލައި 2024 - 12:13 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ލިޓަން މަރާލި ކަމަށް ދައުލަތުން ކުރާ ދައުވާތަކަށް ނިޒާމް އިންކާރުކޮށްފި

17 ޖުލައި 2024 - 12:13 0

ބަންގްލަދޭޝް މީހެއް ކަމަށްވާ މުހައްމަދު ލިޓަން، 35، މަރާލި ކަމުގެ ތުހުމަތުގައި ގދ ތިނަދޫ, މަނާރު, މުހައްމަދު ނިޒާމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާ އިންކާރުކުރާ ކަމަށް ޝަރީއަތުގައި މިއަދު އޭނާ ބުނެފި އެވެ.

ފުރަތަމަ މި މައްސަލަ ފެންމަތިވީ, ފިއުލް ޕަވާ ކުންފުނީގެ "ހެދޭކުރި" ދޯނީގައި މަސައްކަތްކުރާ ލިޓަން އަދި ނިޒާމް ގެއްލިގެން ހޯދަން ފެށި ހިސާބުންނެވެ. ނިޒާމު ފެނުނު ނަމަވެސް ލިޓަން އަދިވެސް ނުފެނެ އެވެ.

ދައުލަތުން ތުހުމަތު ކުރަނީ، ލިޓަންއަށް ނޭގި ހުއްޓާ އޭނާ މޫދަށް ކޮއްޕާލައިގެން އޭނާ މަރާލާފައިވާ ކަމަށެވެ. އެ ހާދިސާ ހިނގީ ޑިސެމްބަރު 28، ގެ 19:00 އާ 20:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އެ ތުހުމަތުގައި ނިޒާމުގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ދައުވާ ވަނީ އުފުލައިފަ އެވެ.

ދޯނިން 51،000ރ. ވަގަށް ނެގި ކަމުގެ ތުހުމަތުގައި ނިޒާމުގެ މައްޗަށް ވައްކަމުގެ ދައުވާ ވެސް އުފުލާފައިވެ އެވެ. އަދި, މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާއެއް ވެސް އުފުލާފައިވެ އެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އޭނާ ބުނީ ތިން ދައުވާއަށް ވެސް އިންކާރު ކުރާ ކަމަށެވެ.

މީގެ ކުރިން ފުލުހުން އޭނާ ހޯދާ ކަމަށް ހަބަރު ލިބިގެން ދެ ފަހަރު މަތިން ފުލުހުންގެ މައި އިދާރާ، ހުސައިން އާދަމް ބިލްޑިނަށް ހާޒިރުވި ކަމަށް ވެސް އޭނާ ބުންޏެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކު ފުލުހުންގެ އިދާރާއިން އޭރު އޭނައަށް އެންގީ ހޯދަމުން ނުދާ ކަމަށެވެ.

ދައުލަތުން ކުރާ ތުހުމަތުތަކަކީ ހަގީގަތެއް ނެތް ކަންކަން ކަމަށް ބުނެ، އިތުރަށް ތަފުސީލުކޮށް އެ ވާހަކަތައް ދައްކަން ބޭނުންވަނީ ވަކީލަކާ އެކީ ކަމަށް އޭނާ ބުންޏެވެ. އޭނާ ވަކީލަކު ހަމަޖައްސާފައިވަނީ މަރުގެ ދައުވާއަށް އެކަންޏެވެ.

---

ޑިސެމްބަރު 28، 2022 ގައި ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން ހޯދި ހޯދުމުން އެނގުނު ގޮތުގައި އެންމެ ފަހުން އެ ދެ މީހުން ފެނިފައިވަނީ ތެޔޮބޯޓެއްގައި ވިލިމާލޭ ފަޅުން ނުކުމެގެން ދަނިކޮށް ކަމަށްވެ އެވެ.

ޖެނުއަރީ 01، 2023 ގައި އެ ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ކ. ހުޅުލެ ނެރު ކައިރިން ފެނިފަ އެވެ. ނަމަވެސް ބޯޓުގައި ލިޓަން އަދި ނިޒާމް ވެސް ނެތެވެ. އެ ދެ މީހުން ހޯދުމަށް ފުލުހުންގެ އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށް ގެންދަނިކޮށް ނިޒާމް މާލެއިން ފެނުނީ އާންމު މީހަކު ސޯޝަލް މީޑިއާގައި އޭނާ ފެނިގެން ހިއްސާކުރި ފޮޓޯއަކާ ގުޅިގެންނެވެ.

އޭގެ ފަހުން މާލޭ ގެސްޓްހައުސް އަކުން އޭނާ ހައްޔަރުކޮށް ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް 60 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހި އެވެ. ނިޒާމް އަދިވެސް ބަންދުގައި ހުރި އިރު، އޭނާ ހައްޔަރުކުރީ ލިޓަންގެ މަރުގެ މައްސަލައިގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ލިޓަންގެ ހަށިގަނޑު ނުފެނުނު ނަމަވެސް ނިޒާމުގެ އަމަލުތަކަކީ މީހަކު މަރާލުމުގެ އަމަލެއް ކަން ޝަރީއަތަށް ސާބިތު ކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.