Advertisement

ހަރަދުކުޑަކުރަން ނިންމާފައިވަނިކޮށް، ފިނޭންސް މިނިސްޓްރީގެ ލޮބީ މަރާމާތު ކުރަން 2.2 މިލިއަން ހަރަދުކުރަނީ

17 ޖުލައި 2024 - 11:15 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ފިނޭންސް މިނިސްޓްރީގެ ލޮބީގެ ބައެއް ފޮޓޯ، ލޮބީ މަރާމާތު ކުރުމަށް 2.2 މިލިއަން ހަރަދުކުރަން ވަނީ ނިންމާފަ - ފައިލް ފޮޓޯ/އަދަދު


ހަރަދުކުޑަކުރަން ނިންމާފައިވަނިކޮށް، ފިނޭންސް މިނިސްޓްރީގެ ލޮބީ މަރާމާތު ކުރަން 2.2 މިލިއަން ހަރަދުކުރަނީ

17 ޖުލައި 2024 - 11:15 1

ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތަކެއް އިއުލާނުކޮށްފައި ވަނިކޮށް ފިނޭންސް މިނިސްޓްރީގެ ލޮބީ މަރާމާތު ކުރުމަށް 2.2 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމައިފި އެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ އެކު ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި، 35،000ރ. އަށްވުރެ މަތިން އެއްވެސް ހަރަދެއް ނުކުރަން އެ މިނިސްޓްރީން އެންގީ ފެބްރުއަރީ 2023، ގަ އެވެ.

ނަމަވެސް، ޖުމްލަ 2.2 މިލިއަން ރުފިޔާ ހަރަދުވާ ގޮތަށް ފިނޭންސުން އެޕްރީލް 15، ގައި ވަނީ މިނިސްޓްރީގެ ޕޯޓިކޯ އަދި ރިސެޕްޝަން ޑިޒައިންކޮށް މަރާމާތުކުރުމަށް މަސައްކަތް އެވޯޑުކޮށްފަ އެވެ. އެ މިނިސްޓްރީން "އަދަދު" އަށް ދިން ޖަވާބުގައި ބުނީ ހަރަދުކުޑަކުރުމުގެ މަސައްކަތް ފެށިފައި އޮތުމުން މަރާމާތުގެ މަސައްކަތް މަޑުޖައްސާލި ނަމަވެސް ޖޫން 23، ގައި އެގްރިމެންޓުގައި ސޮއިކޮށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

"މިހާތަނަށް މި މަސައްކަތަށް ހަރަދުކުރެވުނީ ގާތްގަނޑަކަށް 700،000ރ. އަދި މި ޕްރޮޖެކްޓުގެ ޖުމްލަ އަގަކީ ގާތްގަނޑަކަށް 2.2 މިލިއަން ރުފިޔާ" ފިނޭންސުން ލިޔުމުން ދިން ޖަވާބުގައި ބުންޏެވެ.

އެ މިނިސްޓްރީން މި މަސައްކަތް ކުރުމަށް ސޮއިކުރިތާ ހަތަރު ދުވަސް ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުން ހަރަދު ކުޑަކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ވިދާޅުވެ ސޯޝަލް މީޑިއާގައި ޕޯސްޓުކުރައްވާފަ އެވެ.

ލޮބީ މަރާމާތު ކުރުމުގެ މަސައްކަތް ކުރާ ސަބަބުތަކުގެ ގޮތުގައި ފިނޭންސުން ވަނީ ގިނަ ކަންކަމެއް ފާހަގަކޮށްފަ އެވެ. އެގޮތުން، އެ މަސައްކަތް ކުރުމަށް ރޭވި ނުކުރެވިފައިވާތާ 10 ވަރަކަށް އަހަރު ވުމާއި، އަމީނީ މަގު ހެދުމުގެ ސަބަބުން ޕޯޓިކޯ އޭރިއާ ޕޭމަންޓަށްވުރެ ތިރިވެ ދަތިތައް ކުރިމަތިވުމާއި ޕީސީބީއަށް މަސައްކަތްކުރާނެ ވަކި ޖާގައެއް ދިނުން ވަނީ އެ މިނިސްޓްރީން ފާހަގަކޮށްފަ އެވެ.