Advertisement

ފްރާންސް ކުޅުންތެރިންނާ ދިމާކޮށްލި އެންޒޯގެ ވީޑިއޯ މައްސަލަ ހޫނުވެއްޖެ

17 ޖުލައި 2024 - 07:02 0


ފްރާންސް ކުޅުންތެރިންނާ ދިމާކޮށްލި އެންޒޯގެ ވީޑިއޯ މައްސަލަ ހޫނުވެއްޖެ

17 ޖުލައި 2024 - 07:02 0

ބީނޯޒް އެރީޒް، އާޖެންޓީނާ (ޖުލައި 17) - ކޮޕަ އެެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުމަށް ފަހު، އާޖެންޓީނާގެ މިޑްފީލްޑަރު، އެންޒޯ ފެނާންޑޭޒް، ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއެއްގައި ފްރާންސް ކުޅުންތެރިންނާ ދިމާކޮށްފައިވާއިރު، އެ ވީޑިއޯގެ މައްސަލަ ފްރާންސުން ފީފާ އަށް ހުށަހަޅަން ނިންމައިފި އެވެ.

ސޯޅަ ވަނަ ފަހަރަށް ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަށް ފަހު އާޖެންޓީނާ ކުޅުންތެރިން އުފާފާޅުކުރުމުގެ ތެރޭގައި ބައެއް ކުޅުންތެރިން ކިޔާފައިވާ ލަވައެއްގެ ތެރެއިން ފްރާންސް ކުޅުންތެރިންނާ ދިމާކޮށްލުމުގެ އިބާރާތްތަކެއް ބޭނުންކޮށްފައިވެ އެވެ.

އެ ވީޑިއޯއާ ގުޅިގެން، އެންޒޯއާ އެކުގައި، ޗެލްސީ އަށް ކުޅެމުން އަންނަ ފްރާންސްގެ ވެސްލީ ފޮފާނާ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ފޮފާނާ ބުނީ، މިއީ ނަސްލީ ގޮތުން ދިމާކުރުމަށް ބާރު އަޅާ ކަމެއް ކަމަށެވެ.

ޗެލްސީން ވެސް ވަނީ އެންޒޯގެ މި ވީޑިއޯގެ މައްސަލަަ ބަލަން ފަށައިފަ އެވެ.

ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެންޒޯގެ މި ލައިވް ވީޑިއޯގައި ފްރާންސް ކުޅުންތެރިންނާ ދިމާކޮށްލި މައްސަލައިގައި، ޖަވާބުދާރީވާން އާޖެންޓީނާ ފުޓްބޯލް ފެޑެރޭޝަނަށް ވެސް ލިއުމުން އަންގައިފަ އެވެ.

ފްރާންސް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ފިލީޕޭ ޑިއާލޯ ވިދާޅުވީ، އާޖެންޓީނާ ކުޅުންތެރިންގެ ފަރާތުން ފެނުނީ ބަލައިގަންނަން ދަތި ކަންތައްތަކެއް ކަމަށެވެ. އަދި މި މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޑިއާލޯ ވިދާޅުވި އެެވެ.

ފްރާންސް އާއި އާޖެންޓީނާ ވަނީ އެންމެ ފަހުން ދެ ވޯލްޑް ކަޕްގައި ވެސް ބައްދަލުކޮށްފަ އެވެ. އެ ގޮތުން، 2018 ވަަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ޓީމުގެ ބުރުގައި އާޖެންޓީނާ ކަޓުވާލުމަށް ފަހު، ފްރާންސް އިން ގޮސް، މުބާރާތުގެ ތަށި އުފުލާލި އެވެ. އަދި އެންމެ ފަހުން، 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި، އާޖެންޓީނާ އިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ފްރާންސް ބަލިކޮށްފަ އެވެ.