މިއަދު ބޭއްވި އެސްއޯއީ ކޮމިޓީގެ ބައްދަލުވުން. ބައެއް ކުންފުނިތަކުގެ ކޮރަޕްޝަން މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ކޮމިޓީއަށް ހޯދުމަށް ވެސް މިއަދު ވަނީ ފާސްކޮށްފައި --- ފޮޓޯ: މަޖިލިސް އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ބޭންކް އޮފް މޯލްޑްވްސް (ބީއެމްއެލް) ގެ ވެރިން ހާޒިރުކޮށް ސުވާލު ކުރުމަށް އެ ކޮމިޓީން ނިންމައިފި އެވެ.
މިއަދު ބޭއްވި ޖަލްސާގައި ބީއެމްއެލްގެ ވާހަކަ ތިލަވީ އެ ކުންފުނީގެ ކަސްޓަމަރުންގެ އެކައުންޓްތަކުން ނޭނގި ފައިސާ ކެނޑޭ މައްސަލަ މިދިޔަ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާ މެދު މަޝްވަރާ ކުރުމުގެ ތެރެއިންނެވެ. އެ ރިޕޯޓުގައި ހުރި ހުށެޅުންތައް ތަންފީޒު މިންވަރު ދެނެގަތުމަށް މި މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އެ މައްސަލަ ބަލަނީ އެސްއޯއީ ކޮމިޓީންނެވެ. ބީއެމްއެލް ހާޒިރުކޮށްގެން ސުވާލު ކުރުމަށް އެންމެ ފުރަތަމަ ހުށަހެޅުއްވީ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު އެވެ. އެއަށްފަހު ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވެސް ބިއެމްއެލްއާ މެދު ރައްޔިތުންގެ އޮތް ޝަކުވާއެއް ހިއްސާކުރެއްވި އެވެ.
"ފަހުން ލިމިޓު ކުރީ [ކާޑުން ކެނޑޭ ވަރު]. ކޮމިޝަން ކުޑައެއް ނުވެޔޯ. ތިމަންނަމެން އަތުން އަހަރުން އަހަރަށް ކޮމިޝަން ނަގައޭ. އެކަމަކު ލިމިޓު ކޮށްގެން ލިބޭ ސާވިސް ނުލިބެއޭ. ކަނޑާ ވަރަށް ކަނޑައޭ ހިދުމަތެއް ނުލިބެއޭ," އެކަމާ ގުޅިގެން ބީއެމްއެލްއާ ސުވާލު ކުރަން ހުށަހަޅުއްވަމުން ދީދީ ވިދާޅުވި އެވެ.
މަޖިލީހުގައި ތޮއްޑޫ ދާއިރާގެ މެންބަރުގެ ގޮތުގައި އެމްޑީޕީ ތަމްސީލު ކުރައްވާ ހުސައިން ސަމީރު ވަނީ ބިއެމްއެލްއާއެކު އެހެން އިދާރާތަކެއް ވެސް ހާޒިރު ކުރުމަށް ހުށަހަޅާފަ އެވެ. އެއީ އެ ރިޕޯޓާ ގުޅުން ހުރި އެހެނިހެން އިދާރާތަކެވެ.
"ބޭންކް އޮފް މޯލްޑިވްސްއަކީ ވެސް ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏެއް. ދެން މިހާރު ބޭންކް އޮފް މޯލްޑިވްސް މިހާރު މި ދެކެނީ އިތުބާރު ނެތް ކުންފުންޏެއްގެ ގޮތުގައި ރައްޔިތުން. އަޅުގަނޑު ދެކެން ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ގޮތުން މިތަނަށް ހާޒިރުކޮށް ރައްޔިތުންގެ އިތުބާރު އޮތް ކުންފުންޏަކަށް ހަދަން މަޝްވަރާ ކުރަން ސުވާލުކުރަން," އެ ވާހަކަތަކަށް ތާއީދު ކުރައްވަމުން ކިނބިދޫ ދާއިރާގެ ޕީއެންސީ މެންބަރު އަލީ އަޝްރަގު ވިދާޅުވި އެވެ.
ކޮމިޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވީ މައްސަލައިގައި ހިމެނޭ ފުލުހުންނާއި އެމްއެމްއޭ ވެސް ބޭންކާއެކު ހާޒިރު ކުރުމަށެވެ. އޭގެ އިތުރުން, ކަރެކްޝަންސްގެ އޭގެ ތެރޭގައި ހިމެނުމަށް ނިންމައި އެކަން އެ އިދާރާތަކަށް މިއަދު އަންގަވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
Comment