Advertisement

ކުރެހުން ވެސް އެބަހުރި، ހުޅުމާލޭގައި ސްޓޭޑިއަމެއް އަޅާނެ

16 ޖުލައި 2024 - 13:05 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަދަދު


ކުރެހުން ވެސް އެބަހުރި، ހުޅުމާލޭގައި ސްޓޭޑިއަމެއް އަޅާނެ

16 ޖުލައި 2024 - 13:05 0

ކުރެހުން ވެސް ކުރަހާފައި އެބަހުރި ކަމަށާއި ދިވެހިން ބޭނުންވާ ފެންވަރުގެ ސްޓޭޑިއަމެއް މި ސަރުކާރުން ހުޅުމާލޭގައި އަޅާނެ ކަމަށް ސްޕޯޓްސް މިިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް އަށް ދިން އިންޓަވިއުއެއްގައި ރާފިއު ވިދާޅުވީ މީގެ ކުރިން ވެސް ހުޅުމާލޭގައި ސްޓޭޑިއަމެއް އަޅަން ބިމެއް ކަނޑައަޅާފައި އޮތް ކަމަށެވެ. އެކަމަކު، މި ސަރުކާރުން ހަވާލުވިއިރު، އެ ބިން އޮތީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައި ކަމަށް ރާފިއު ވިދާޅުވި އެވެ.

އެކަމަކު، މި ސަރުކާރުން ކުޅިވަރަށް ދޭ އަހައްމިއްޔަތުކަމުގެ ތެރެއިން، ސްޕޯޓްސް މިނިސްޓްރީން އެދުނު މިހާރު އެ ބިން އެ މިިނިސްޓްރީގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެ ތަނުގައި ސްޓޭޑިއަމް އަޅަށް ފައިސާ ހޯދުމުގެ މަސައްކަތް ކަމަށް ރާފިއު ވަނީ ވިދާޅުވެފަ އެވެ.

"ކުރެހުން އެބަހުރި ކުރަހާފަ ވެސް ޑިޒައިންތަކާ އެއްޗެހި ވެސް، ފައިސާ ލިބޭނެ ގޮތެއްގެ މަސައްކަތް މިހާރު އަޅުގަނޑުމެންނަށް ކުރެވެމުން މި ދަނީ،" ރާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މި ފަސް އަހަރު، ނިމިގެންދާއިރު ހުޅުމާލޭން ހަމަޖެހިފައިވާ އެ ބިމުގައި "އައިކޮނިކް" ސްޓޭޑިއަމެއް ގާއިމު ކުރުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.

މީގެ ހަތަރު އަހަރު ކުރިން، ހުޅުމާލޭގައި އިންޓަނޭޝަނަލް ސްޓޭޭޑިއަމެއް ތަރައްގީ ކުރުމުގެ މަސައްކަތުގައި ޗައިނާގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް)އާ އެކު، މިދިޔަ ސަރުކާރުގެ، ޕްލޭނިން މިނިސްޓްރީން ފްރޭމްވޯކް އެގްރީމެންޓެއްގައި ސޮއިކުރި އެވެ. އެ ގޮތުން، 2020 ވަނަ އަހަރު ފެބްރުއަރީ މަހު، ސޮއިކުރެވުނު އެ އެއްބަސްވުމަކީ ޕްރޮޖެކްޓް ފީސިބިލިޓީ އަދި ޑިޒައިންގެ އިތުރުން ފައިސާ ހޯދުމުގެ ގޮތުން ސީމެކްއާ އެކު ވެވުނު އެގްރީމެންޓެކެވެ.

އެ ގޮތުން، އޭރު، ޗައިނާގެ ސީމެކް އިން "ދި ކޮރަލް" ނަމުގައި ހުށަހެޅި ޕްރޮޕޯސަލަކީ ގާތްގަނޑަކަށް 20،000 މީހުންގެ ޖާގައިގެ އިންޓަނޭޝަނަލް އޮލިމްޕިކް ސްޓޭޑިއަމެއް އަޅާށެވެ. ފުޓްބޯޅަ ދަނޑެއްގެ އިތުރުން ސިންތެޓިކް ރޭސް ޓްރެކަކާއި ކުޅިވަރުގެ އެހެން ހަރަކާތްތައް ބޭއްވޭނެ އިންތިޒާމު ވެސް މި ދަނޑުގައި ހަމަޖެހިގެންދާނެ އެވެ. އެހެން ނަމަވެސް، ފަހުން އެ ސްޓޭޑިއަމް އެޅުމުގެ ކަންކަން ކުރިއަށްނުދިޔައިރު، އެ ޕްރޮޖެކްޓްގެ އިތުރު ކުރިއެރުމެއް ވެސް ފެނިގެން ނުދިޔަ އެވެ.