Advertisement

"ކަފާލާތުގެ ބިލު" ފޮނުވުން ވީ އާދަޔާ ހިލާފު ބޮޑު ހެޔޮކަމަކަށް

16 ޖުލައި 2024 - 13:08 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: އޭނާއަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވެސް މެންބަރެއް. ފޮޓޯ: މަޖިލީހުގެ އިދާރާ


"ކަފާލާތުގެ ބިލު" ފޮނުވުން ވީ އާދަޔާ ހިލާފު ބޮޑު ހެޔޮކަމަކަށް

16 ޖުލައި 2024 - 13:08 0

ކަފާލާތުގެ ދަށުން މީހުން ދޫކުރުމުގެ އުސޫލު ފަސޭހަކުރަން ޖިނާއީ އިޖުރާއަތުގެ ގާނޫނު ބަދަލުކުރަން ސަރުކާރުން ބިލެއް ހުށަހެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިހުލާސްތެރިކަން ދައްކައިދޭ ކަމެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައިފި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލުގެންނަން ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ހުށަހެޅުއްވި ބިލުގައި އޮތީ ސައިބާ ކުށްތައް ހުއްޓުވުމުގައި ތަންފީޒީ އިދާރާތަކަށް އިތުރު ބާރުތަައް ލިބޭނެ އުސޫލުތަކަކާއި ކަފާލާތުގެ ދަށުން މީހުން ދޫކޮށްލުން މިހާރަށް ވުރެ ފަސޭހަވާނެ އުސޫލުތަކެކެވެ.

ބިލުގެ އެއް މަގުސަދަކީ ބިލުގައިވާ ގޮތުން، ސައިބާ ކުށްތައް ހުއްޓުވުމަށް ޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭން ޖެހޭ ބާރުތައް ލިބިދިނުމާއި އެފަދަ ކުށްތައް ތަހުގީގުކޮށް ދައުވާކުރުމުގައި އަމަލުކުރާނެ އިޖުރާއީ އުސޫލުތައް ކަނޑައެޅުމެވެ. ދެވަނަ މަގުސަދަކީ މިހާރުވެސް އަމަލުކުރަމުން އަންނަ ކަފާލާތުގެ ނިޒާމު އިތުރަށް ހަރުދަނާކުރުރުމަށް ޓަކައި ތަފްސީލީ އުސޫލުތަކާއި އިޖުރާއަތްތައް ކަނޑައެޅުމެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލަށް ކުރި ބަހުސްގައި ޝުޖާއު ވިދާޅުވީ ގާނޫނެއްގެ ސިފައި ޑްރާފްޓްކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައި އޮތީ "ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައްޔިތުން އެންމެ ގަދައަށް ދެއްވި ވާހަކަ" ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޝަރީއަތް ކުރިއަށް ދިޔަ އިރު ވެސް މީހުން އެންމެ ބޮޑަށް ދެއްކީ އެ ވާހަކަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން، މިގައުމުގައި ކަފާލާތުގެ ދަށުން މީހުން ދޫކުރެވޭނެ ނިޒާމު އެމަނިކުފާނު ގާއިމްކޮށްދޭނަމޭ. އެއީ ރައްޔިތުން އެވާހަކަ ދައްކަމުން ދިޔައީތީ އިއްޒަތްތެރި ރައީސް،" ޝުޖާއު ވިދާޅުވި އެވެ.

އެ ބިލުން ފައިދާކުރާނީ އިދިކޮޅު އެމްޑީޕީއަށް ކަމަށް ވިދާޅުވެ، އޭނާ ތަސައްވުރު ކުރެއްވި ގޮތުގައި އެމްޑީޕީގެ ސަރުކާރުގެ ބައެއް ބޭފުޅުންގެ މައްޗަށް މި ވެރިކަމުގައި ޝަރީއަތް ހިންގާނެ ކަމަށެވެ.

"ޖަލަަށް ލާން ޖެހޭ މީހެއް ވިއްޔާ ޖަލަށް ވެސް ލެވިގެން ދާ މަންޒަރު ފެނިގެންދާނީ އެހާ ވަރަށް، ސާބިތުވާ ވަރަށް ހެކިހުރެއްޖެއްޔާ، އެހެން ނަމަވެސް ކަފާލާތުގެ ބިލެއް މިއަދު މިއިއްޒަތްތެރި މަޖިލީހަށް އައީމާ އޭގެ ފޮނިމީރުކަން ގެނެސްދޭނީ ކޮން ބަޔަކަށްތޯ؟ ލިބުނަސް އެމްޑީޕީއަށް ލިބޭނީ އިއްޒަތްތެރި ރައީސް،" ޝުޖާއު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެންމެ ގިނައިން އިވުނު ވާހަކަ އަކީ ކުރީގެ ރައީސް ޔާމީނު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ކުރެއްވި މަސައްކަތުގައި އިންސާފު ނުލިބުނީ ކަފާލާތުގެ ބިލެއް ނެތިގެން ކަމަށް ދެއްކި ވާހަކަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެންމެ ގަދައަށް ރައްޔިތުންގެ ފަރާތުން ހުށަހަޅަމުން ދިޔައީ މިވާހަކަ، އިއްޒަތްތެރި ރައީސް، މިއޮތީ ގާނޫނެއްގެ ސިފައިގައި ގެނެސް، މިއޮތީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދު، މިއޮތީ ގާނޫނެއްގެ ސިފައިގައި މި އިއްޒަތްތެރި މަޖިލީހަށް ގެނެސްފައި،" ޝުޖާއު ވިދާޅުވި އެވެ.

އެއަށް ފަހު ވެސް އޭނާ ތަކުރާރުކޮށް ވިދާޅުވީ އެ ބިލުން ފައިދާކުރާނީ އެމްޑީޕީއަށް ކަމަށެވެ.