Advertisement

ހެޔޮ ނިޔަތެއް އޮތް ނަމަ އާންމުންނަށް އިންޒާރު ނުދީ ފުރަތަމަ ހަރަދު ކުޑަ ކުރާނީ ސަރުކާރުން

16 ޖުލައި 2024 - 12:32 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ފިނޭންސް މިނިސްޓްރީގެ އިމާރާތް އަތު ކައްޓާއަކަށް އަރުވާފައި. ހަރަދު ކުޑަކުރަން ސަރުކާރުން ކުރަމުންދާ ކަމަކީ ޕްރޮޖެކްޓުތައް ހުއްޓާލުން ކަމަށް ބައެއް ފަރާތްތަކުން ބުނޭ --- އާޓްވޯކް: އިމްދާދު/އަދަދު


ހެޔޮ ނިޔަތެއް އޮތް ނަމަ އާންމުންނަށް އިންޒާރު ނުދީ ފުރަތަމަ ހަރަދު ކުޑަ ކުރާނީ ސަރުކާރުން

16 ޖުލައި 2024 - 12:32 0

ވެރިކަމަށް ވަޑައިގަތުމުގެ ގައުމުގެ އިގްތިސާދީ ހާލަތު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދެވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އެމަނިކުފާނުގެ ބަހުރުވައިން ބުނާ ނަމަ އެއިރު ވެސް ދިވެހިރާއްޖެ އޮތީ "އިގްތިސާދީ އަނދަވަޅަކަށް" ވެއްޓިފަ އެވެ. ވިދާޅުވެފައި އޮތީ ހުރިހާ ނަޒަރިއްޔާއަކުން އެމަނިކުފާނު ބެއްލެވިއިރު ވެސް ފެނިވަޑައިގަތީ "ގައުމު އޮޔާދާ މަންޒަރު" ކަމަށެވެ.

އެކަމަކު، ނޮވެމްބަރު 17، 2023، ގައި ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން އަނދަވަޅަކަށް ވެއްޓިފައި އޮތް ކަމުގެ އިހުސާސެއް ސަރުކާރުގެ ފަޅިއަކުން ނުފެނެ އެވެ. ފެނުނީ އިންތިހާއަށް ހަރަދު ބޮޑުވި މަންޒަރެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، އެތައް ޕްރޮޖެކްޓެއް އިއުލާނުކޮށް، އެތައް ވަޒީފާއެއް ބަހައިފި އެވެ. އީދަށް މުޅި ރާއްޖެ ދިއްލަން ކަމަށް ބުނެ އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން ބޭރުން ކުލަ ބޮކިތަކެއް ގެނެސްފި އެވެ. ސަރުކާރަށް އަހަރެއް ނުވަނީސް 700 އަށް ވުރެ ގިނަ ސިޔާސީ މަގާމު އުފައްދައިފި އެވެ.

ކޮންޓިންޖެންސީ ބަޖެޓަކުން ނަގައި އެތައް މިލިއަން ޑޮލަރެއް ހަރަދު ކުޑަ ކުރުމަށްފަހު ޑްރޯންތަކެއް ގަނެފި އެވެ. އެ ޑްރޯންތައް މިހާތަނަށް އުދުއްސީ ދެ ފަހަރެވެ. އިންޑިއާއަށް ދައްކަން 50 މިލިއަން ޑޮލަރުގެ ބޮޑު ލޯނެއް އިންޓްރެސްޓާއެކު ދައްކައިފި އެވެ. އެ ލޯނުގެ އިންޓްރެސްޓަކީ ސަރުކާރުން ކޮންމެހެން ދައްކަންޖެހޭ ފައިސާއެއް ވެސް ނޫނެވެ.

ސަރުކާރުގެ ހަރަދުތައް އަދި ވެސް ދަނީ އިތުރުވަމުންނެވެ. މަގާމުތައް އަދިވެސް ދަނީ ގިނަ ކުރަމުންނެވެ. އެކަމަކު، އެ ފަޅިން އެއްވެސް ހަރަދެއް ކުޑަނުކޮށް، މީހާ އުޅޭ ފެންވަރު ދަށް ކުރަން ސަރުކާރުގެ ވެރިން ދަނީ ރައްޔިތުންނަށް އަންގަމުންނެވެ. ހަރަދު ކުޑަ ކުރުމުގައި ސަރުކާރުގެ ހެޔޮ ނިޔަތް ދެއްކުމުގެ ބަދަލުގައި އެކަން ވެސް އަޅުވަނީ މި ރައްޔިތުންގެ ބޮލުގަ އެވެ.

ހަރަދު ކުޑަ ކުރަން ނިންމީ ސޯޝަލް މީޑިއާ ޕޯސްޓަކުން، އަމަލުން އެކަމެއް ނުފެނޭ

ދައުލަތުގެ ހަރަދުތައް ކުޑަ ކުރަން "ފިޔަވަޅުތަކެއް" އަޅަން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު އިއުލާނު ކުރެއްވީ ޖޫން 27، ގަ އެވެ.

ސަރުކާރުގެ ހަރަދު ކުޑަ ކުރަން ރައީސް ނިންމެވި ނަމަވެސް އެކަން ކުރައްވާނެ ގޮތުގައި ހަރުދަނާ ޕްލޭނެއް އިއުލާނެއް ނުކުރައްވަ އެވެ. ހަރަދު ކުޑަ ކުރައްވަން ނިންމެވިކަން އިއުލާން ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓުގައި ރައީސް ވިދާޅުވިހާ ވެސް ވާހައަކީ ސިޔާސީ މަގާމުތައް މަދު ކުރުމާއި މިނިވަން ދުވަހުގެ ފުޅަނދުބުރު ނުބާއްވާ ވާހަކަ އެވެ.

"ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާފައި. އެގޮތުން، ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ. މީގެ ތެރޭގައި، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި އެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ،" ރައީސް ވިދާޅުވެފައިވެ އެވެ.

އެ ޕޯސްޓުގައި ދެން ރައީސް ދެއްކެވީ ފުޅަނދު ބުރާއި ކުޅިވަރުތަކަށް ކުރާ ހަރަދު ކުޑަކުރުން ނުވަތަ އެފަދަ ކަންކަން ނުބާއްވާނެ ކަމުގެ ވާހަކަ އެވެ. އޭގެ އިތުރުން ވެސް ހަރަދު ކުޑަ ކުރުމުގެ ގޮތުން ބައެއް އެހެން ކަންކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެ ވިދާޅުވާ ކަންކަން ބޭއްވީ ސިއްރެއްގެ ގޮތުގަ އެވެ.

"މިގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ހަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައި. މީގެ އިތުރަށް ވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ސިޔާސީ މަގާމުތައް ހާމަ ވެސް ނުކުރެވުނު، މަދެއް ވެސް ނުކުރެވުނު

ސިޔާސީ މަގާމުތައް މަދު ކުރައްވާނެ ކަމަށް ރައީސް މުއިއްޒު އިއުލާނު ކުރެއްވިއިރު، ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ އަދަދަކީ ދައުލަތުގެ އެންމެ މުހިންމު އަދި އެންމެ ބޮޑު ސިއްރު ކަމަށް ވެއްޖެ އެވެ.

ސަރުކާރުން އައްޔަންކޮށްފައިވާ ސިޔާސީ މަގާމުތަކުގެ އަދަދު ހާމަ ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓިން ޖުލައި 3، ގައި ހުށަހެޅި ކުއްލި މައްސަލަ ވެސް ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން ބޭރުކޮށްލީ އެވެ.

"ޕީއެންސީގެ ވެރިކަމުގައި ދިވެހި ރައްޔިތުންނަށް ދިމާވެފައި އޮތް ހާލަތަކީ ދިވެހި ރައްޔިތުން މުސާރަ ދޭ މީހުންގެ އަދަދު ވެސް ދިވެހި ރައްޔިތުންނަށް އެނގުން މަނާ، ސިއްރު،" ކުއްލި މައްސަލަ ބޭރުކޮށްލުމުން އެ މައްސަލަ ހުށަހެޅުއްވި މެންބަރު މީކާއިލް ނަސީމް ވިދާޅުވި އެވެ. "މިއީ ސިއްރު މައުލޫމާތުގެ ގޮތުގައި ޕީއެންސީގެ ސަރުކާރުގައި މި މައުލޫމާތާމެދު އަމަލު ކުރެވެމުންދަނީ."

އޭގެ ކުރިން ޕީއެންސީއަށް ނިސްބަތްވާ ބައެއް މެންބަރުން ވިދާޅުވެފައި އޮތީ ސަރުކާރުން ދީފައިވާ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ ގިނަ ނުވާނެ ކަމަށެވެ. ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ ދަށުގައި ބެހެއްޓުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދަކީ [ސިޔާސީ މުވައްޒަފުންގެ އަދަދު] 700 އަށް ނޭރުވުން، ނާރުވަން، އަރުވާފަ ނޯންނާނެ، 700 އަށްވުރެ މަދުވާނެ އެއަށްވުރެންވެސް މަދަކުރެވޭތޯ މިއުޅެނީ އިއްޒަތްތެރި ރައީސް،" މަޖިލީހުގެ ތަޅުމުގައި ޖޫން 30، ވަނަ ދުވަހު ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވި އެވެ.

އެކަމަކު އެއީ ތެދު ނޫންކަން މި ނޫހުން އެއްކޮށްފައިވާ މައުލޫމާތުތަކުން އެކަނި ވެސް އެނގެ އެވެ. އެމްބަސީ ރައީސް އޮފީސް އަދި ބައެއް އެހެން އިދާރާތާކުން މި ނޫހަށް ނުހޯދުނު ސިޔާސީ މަގާމުތަކުގެ ތަފުސީލު ނުހިމަނައި ވެސް، މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މަދުވެގެން 705 މީހުން ތިބިކަން ހިސާބުތަކުން ދައްކަ އެވެ.

ސަރުކާރުން ރަސްމީކޮށް ބުނަނީ ސިޔާސީ މުވައްޒަފުންގެ އަދަދަކީ ސިއްރެއް ނޫން ކަމަށެވެ. އެ އަދަދުތައް ހަފުތާއެއްގެ ތެރޭގައި ހާމަ ކުރާނެ ކަމަށް ވެސް ސަރުކާރުގެ ބައެއް ވެރިން ވިދާޅުވި އެވެ. އެކަމަކު އެ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް އަދަދުތައް އަދިވެސް އޮތީ ސިއްރެއްގެ ގޮތުގަ އެވެ.

ރައީސް މުއިއްޒު ވިދާޅުވާ އިގްތިސާދީ އަނދަވަޅުގެ ވާހަކަ

ގައުމުގެ އިގްތިސާދީ ހާލަތު ނިކަން ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ.

އެއިރުގެ ސަރުކާރުން ނަގާފައި ހުރި ލޯނުތައް ދައްކާނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ވެއްޓިފައި އޮތް "އިގްތިސާދީ އަނދަވަޅުން" އަރައިގަނެ، ގައުމު "ސަލާމަތް ކުރާނެ" ގޮތުގެ ޕްލޭނެއް އޮތް ވާހަކަ ރައީސް ވިދާޅުވި އެވެ.

އެ ހުރިހާ ކަމެއް ކުރައްވާނީ އެއްވެސް ރައްޔިތަކަށް ބުރައެއް ނުޖައްސަވާ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން މި ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ސަރުކާރުގެ އިސްވެރިން ވާހަކަ ދައްކަވާ މޭރުމުން ހީވަނީ، އިގްތިސާދީ ބުރަ އުފުލަން ޖެހެނީ ރައްޔިތުންނަށް ކަމަށެވެ.

"މި ދުވަސްކޮޅު މި ޖެހެނީ އެއްކަލަ އަޅުގަނޑުމެން އަބަދު ޓޭކްއަވޭ ހަދައިގެން ކޭކެއުން ހުއްޓާލާފައި، ކޮންމެވެސް ވަރަށް ގޭތެރޭގައި އަމިއްލަ އަށް ގަރުދިޔަ އާއި ބަތާ ކައްކައިގެން ކާލައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަށް ތިރިވެލުން،" ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް އާދީއްތަ ދުވަހު ވިދާޅުވި އެވެ.

އެހެންކަމުން މިއީ އިގްތިސާދާ ގުޅޭ ގޮތުން ރައީސް މުއިއްޒު ކުރިން ދެއްކެވި ބައެއް ވާހަކަތައް ހިއްސާކޮށްލުމަށް މުނާސަބު ވަގުތެއް ކަމަށް ފެނެ އެވެ. ރައީސް މުއިއްޒުގެ ވައުދުތަކާއި އަމަލާއި ބަސް ދިމާވޭތޯ އެ ވާހަކަތަކުން ވަޒަންކޮށްލެވިދާނެ އެވެ.

އިގްތިސާދާ ގުޅޭ ގޮތުން ރައީސް ދެއްކެވި ބައެއް ވާހަކަ

އޯގަސްޓު 10، 2023

"ފެނިގެންދަނީ ކޮން މަންޒަރެއްތޯ؟ ފެންނަނ،ީ ގައުމު އޮޔާދާ މަންޒަރު. ހުރިހާ މަންޒަރަކުން ވެސ،ް ހުރިހާ ނަޒަރިއްޔާތަކުން ވެސ،ް ގައުމު އޮޔާދާ މަންޒަރު. ގައުމުގެ މިނިވަންކަން ގެއްލިގެންދާ މަންޒަރު، ގައުމުގެ އިސްތިގްލާލް އޮޔާދާ މަންޒަރ،ު ގައުމުގެ އިގްތިސާދު އަނދަވަޅަކަށް ވެއްޓިފައިވާ މަންޒަރު."

އޯގަސްޓު 12، 2023

"އާދެ! އަޅުގަނޑުމެންނަށް އަންނަ އައިސްދާނެ ސުވާލުތަކަކީ މުޅިން ވެސް ހަރަދު ކުރާ ވާހަކައޭ ދައްކަނ.ީ ކޮބައިހެއްޔޭ ފައިސާ ހޯދާނެ ގޮތުގެ ވާހަކަ؟ މިހާރު މި ފައިސާ ހޯދާ ވާހަކަ ދައްކާއިރުގައި އެވާހަކަ ދައްކާބޭފުޅުން މިގައުމު މިވަނީ މިހާރު އަނދަވަޅަކަށް ވައްޓާލާފައި. ސަތޭކަ ބިލައަނަށްވުރެން ގިނަ ރުފިޔާގެ ދަރަނި އެބަ އޮތް. އެހެންވީމާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެ ދަރަނި، އެ ޑެބިޓް ރީސްޓްރަކްޗާ ކުރާނެ ރަނގަޅު ދެކޮޅުޖެހޭ ޕްލޭންތައް ހެދިގެން ދާނެ."

އޯގަސްޓު 29، 2023

"އެހެންވީމާ އަޅުގަނޑު އެދެނީ މިރަށުގައި ތިއްބެވި ރައްޔިތުން ވެސް އަދި ރާއްޖޭގެ ހުރިހާ ކަންކޮޅަކުން ވެސް މިޖަލްސާ ބައްލަވަމުން ގެންދަވާ ރައްޔިތުން ވެސް މިދައްކާ ވާހަކައިގެ މިމެސެޖްތައް ސީރިއަސްކޮށް ކަނުލާ އަޑުއެއްސެވުމަށް. ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެނަށް އެނގެއޭ. ގައުމުގެ އިގްތިސާދު މިހާރު ވެއްޓިފައި އޮތް އަނދަވަޅުން ނަގާކޮޅަށް ޖެހުމަށް އަޅުގަނޑުމެނަށް ކަންކަން ކުރަންޖެހޭ ގޮތް އެނގެއޭ."

ސެޕްޓެމްބަރު 1، 2023

"އެހެންވީމ،ާ އިގްތިސާދަށް ދިރުން ގެނެސ،ް ބުންވަރު ގެނެސ،ް އިންވެސްޓަރުންގެ ކޮންފިޑެންސް އަނބުރާ މި ގައުމުގެ އިގްތިސާދަށް ގެނެވޭނެ ގޮތަށް ގައުމުގެ އިގްތިސާދު މިހާރު އޮތް އަނދަވަޅުން ނަގައި، ކޮޅަށް ޖަހާ, އިންވެސްޓަރުންގެ ކޮންފިޑެންސް އަނބުރާ ހޯދޭ ވަރަކުން، ލިބޭ ވަރަކުން ދާނ،ީ މިދެންނެވި ގޮތަށް ޓޫރިޒަމް ދާއިރާއަށް އަންނާނެ ފަރާތްތައް ގިނަވަމުން."

ސެޕްޓެމްބަރު 8، 2023

"އަޅުގަނޑުމެންގެ ގައުމުގެ އިގްތިސާދު މިވަނީ އަނދަވަޅަކަށް ވެއްޓިފައި. ދަރަނި މިވަނީ އިންތިހާއަށް ބޮޑުވެފައި. 113 ބިލިއަން ރުފިޔާގެ ދަރަނި އަޅުގަނޑުމެންގެ ބޮލުގައި މި ސަރުކާރުން މިވަނީ އަޅުވާފައި. މި ދަރަނި ދައްކަން އަޅުގަނޑުމެން ކެރިގެން މި ކުރިމަތިލަނީ. އަޅުގަނޑުމެންނަށް އެނގޭ މި ދަރަނި ދައްކާނެ ގޮތް. އަޅުގަނޑުމެން ދަރަނި ދައްކައި، ރައްޔިތުންނަށް ބުރައެއް ނުޖައްސައި، މި ގައުމުގެ އިގްތިސާދު ނަގާ ކޮޅަށް ޖަހައިދޭނަން އިރާދަކުރެއްވިއްޔާ."

-

ރައީސް މުއިއްޒު ވިދާޅުވި ފަދަ ބިޔަ އިގްތިސާދީ އަނދަވަޅަކަށް ރައްޔިތުން ވެއްޓިފައި އޮތް ނަމަ ސަރުކާރުން ކުރަމުން ގެންދާ ހަރަދުތައް މަދުކުރަންޖެހެ އެވެ. އެކަމަކު ހަރަދު ކުޑަ ކުރާ މަންޒަރެއް ނުވަތަ އެކަން ކުރާނެ ގޮތުގެ ހަރުދަނާ ޕްލޭނެއް ސަރުުކާރަކަށް ނުދެއްކެ އެވެ.

އެ ވިދާޅުވާ އިގްތިސާދީ އަނދަވަޅުން އަރައިގަންނަން މަސައްކަތް ކުރާ ނަމަ، ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް އެކަަމުގެ ބުރަ އުފުލަންޖެހޭނީ ސަރުކާރުންނެވެ. އާދައިގެ ނުވަތަ ދަށް ފެންވަރެއްގެ ދިރިއުޅުމަކަށް ވެއްޓެންޖެހޭނީ ރައްޔިތުންނެއް ނޫނެވެ.