15 ޖުލައި 2024 - 10:56 1
މުހައްމަދު އުޝާމް
ވެމްކޯގެ ކުރީގެ އެމްޑީ ފުއާދު: އޭނައަށް ކުރި ދައުވާ ޝަރީއަތުގެ މަރުހަލާއިން ފެށިގެން ބަލަން ހައި ކޯޓުން ހުކުމްކުރި - ފޮޓޯ: އަވަސް
15 ޖުލައި 2024 - 10:56 1
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ލޭންޑިން ކްރާފްޓެއް ގަތުމުގައި އެހެން ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދިން ކަމަށް ބުނެ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދުގެ މައްޗަށް އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ލޭންޑިން ކްރާފްޓްގެ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި، އޭގެ އަގުގެ 30 ޕަސެންޓަށްވާ 3.9 މިލިއަން ރުފިޔާ ދޫކުރުމުގައި އެ ކުންފުނީގެ ޕޮލިސީއާ ހިލާފަށް އަމަލު ކުރި ކަމަށް ތުހުމަތުކުރާ މައްސަލާގައި އިބްރާހިމް ފުއާދަށް ދައުވާކޮށްފައިވަނީ ޖޫން، 2018، ގަ އެވެ.
މަދަނީ މިންގަނޑުން މައްސަލަ ނުފެތޭ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ދަށު ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރީ ދަށު ކޯޓުން ހުކުމްކުރިތާ ދެ އަހަރު ފަހުން ސެޕްޓެމްބަރު، 2020، ގަ އެވެ.
ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނަނީ ދައުލަތުން ކޮށްފައިވާ ދައުވާގެ ނުރަނގަޅު ކަމުގެ މައްޗަށް ފުއާދު އުފައްދާފައިވާ ސުވާލުތަކާއި ޖުޑީޝަލް ރިވިއުގެ ޝަކުވާތައް ޖިނާއީ ކުށުގެ ދައުވާގެ މައުޟޫއީ މައްސަލައިގެ ތެރެއިން ބަލަން ޖެހޭ ހާލަތެއް އޮތް ކަން ފުއާދަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
އަދި ދައުވާގައި ވަކި ކަންކަމެއް ހިމަނަން، ދައުވާ ވަކި ގޮތަކަށް ކޮށްފައި ނެތް ކަމަށް ފާހަގަކޮށް ދައުވާ ބާތިލު ކުރުމަށް ކްރިމިނަލް ކޯޓުން ނިންމީ ގާނޫނު އަސާސީގެ 220 ވަނަ މާއްދާ އާއި 223 ވަނަ މާއްދާއާ ހިލާފަށް، ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ އިހުތިޔާރީ ބާރުތައް ހަނިވާ ގޮތަށް ކަމަށް ހުކުމުގައިވެ އެވެ.
ގާނޫނު އަސާސީގެ 220 ވަނަ މާއްދާއަކީ ޖިނާއީ ދައުވާ އުފުލުމުގެ ކަންކަން ނިންމުމަށް މިނިވަން ޕްރޮސެކިއުޓަ ޖެނެރަލަކު ހުންނަވަން ޖެހޭ ކަމަށް ބަޔާން ކުރާ މާއްދާ އެވެ. އަދި 223 ވަނަ މާއްދާއަކީ ޕްރޮސެކިއުޓަ ޖެނެރަލްގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރާ މާއްދާ އެވެ.
ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން އެ ދައުވާ އަލުން ކްރިމިނަލް ކޯޓަށް ހުށަހެޅުމަށާއި ދައުވާ ހުށަހެޅުމުން މައްސަލަ ކޯޓުން ބަލައިގަނެ، އިބްތިދާއީ މަރުހަލާ ނިމިފައިވާ ކަމަށް ކަނޑަައަޅައި ޝަރީއަތުގެ މަރުހަލާއިން ފެށިގެން މައްސަލަ ކުރިއަށް ގެންދަން ހުކުމްކޮށްފައިވެ އެވެ.
މި މައްސަލަ ހައި ކޯޓުގައި ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ދީބަނާޒު ފަހުމީ އަދި ފަނޑިޔާރު ހުސައިން މަޒީދެވެ.
Comment