Advertisement

ސިޔާސީ މަގާމެއްގައި ހުރެގެން ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ނިންމައިފި

about 12 hours 0

އަމަން ހަލީމް

އަމަން ހަލީމް

ދައުލަތުގެ ދެވަނައަށް އެންމެ މަތީ ހައިކޯޓު: ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ ބައެއް އެހެން މުވައްޒަފުންނަށް ވެސް ދައުލަތާ ދެކޮޅަށް ވަކާލާތުނުކުރެވޭނެ ކަމަށް ނިންމި -- އަދަދު ފައިލް ފޮޓޯ


ސިޔާސީ މަގާމެއްގައި ހުރެގެން ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ނިންމައިފި

about 12 hours 0

ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށްފައި ހުރި ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.

ހައި ކޯޓުން މިގޮތަށް ނިންމީ އެންވަޔަރަމަންޓް މިނިސްޓްރީގެ ނައިބު، މުހައްމަދު ރާގިބު އަހުމަދު، ދައުލަތާ ދެކޮޅަށް ވަކާލާތު ކުރާ މައްސަލައެއްގައި ޕްރޮސިކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިއުތިރާޒުކުރުމުންނެވެ. ރާގިބު ދިފާއީ ވަކީލެއްގެ ގޮތުގައި ކޯޓަށް ވަޑައިގަތީ، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ މައްސަލައެއްގަ އެވެ.

މި މައްސަލައަކީ ބައްޕައަކު ދަރިއަކަށް ޖިންސީ ގޯނާ ކޮށްގެން ދަށު ކޯޓުގައި ސާބިތުވެފައިވާ މައްސަލައެކެވެ. މިހާރު ހައި ކޯޓުގައި ކުރިއަށް ދަނީ އެ މައްސަލައިގެ އިސްތިއުނާފެވެ.

ޕީޖީ އޮފީހުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގައި، އެ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި އެ ކުދިން ޖިންސީ އަނިޔާއިން ރައްކާތެރިކުރުމުގައި ދައުލަތުގެ ޒިންމާއެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. މި ހާލަތުގައި، ސިޔާސީ މަގާމެއްގައި ހުރި މީހަކު ދައުލަތާ ދެކޮޅަށް ކޯޓުގައި ވަކާލާތުކުރުމުން މަސްލަހަތު ފުށުއަރާ ކަމަށް އެ އޮފީހުން ބުންޏެވެ.

މިކަމަށް ރައްދު ދެމުން ރާގިބު ކޯޓުގައި ވިދާޅުވީ، ޕީޖީ އޮފީހަކީ ދައުލަތް ނޫން ކަމަށާއި ދައުލަތުގެ މުއައްސަސާއެއް ކަމަށެވެ. މި ނުކުތާއަށް ބާރު ދެމުން އޭނާ ވިދާޅުވީ، ޖިނާއީ ބޮޑެތި މައްސަލަތަކުގައި މާލީ ތަނަވަސްކަން ނެތް މީހުންނަށް ގާނޫނީ ވަކީލެއްގެ ފުރުސަތު ފަހިކޮށްދެނީ ވެސް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ކަމަށެވެ.

އޭގެ އިތުރުން ޖިނާއީ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކީ، ކުށެއް ނެތް މައުސޫމު މީހަކަށް ވެސް ވެދާނެ ކަމަށާއި ގާނޫނީ ވަކީލު ހުންނަ މަގާމެއްގެ ސަބަބުން އޭނާއަށް ކޯޓުގައި ވަކާލާތު ކުރުން މަނާ ނުކުރެވޭނެ ކަމަށް ވެސް އޭނާގެ ރައްދުގައި ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމެއްގައި ވެސް މިގޮތަށް ނިންމާފައިވާ ކަމަށް އޭނާ ކޯޓުގައި ވިދާޅުވެފައިވެ އެވެ.

މި މައްސަލައިގެ ތެރެއިން ހައި ކޯޓުގެ ފަނޑިޔާރުން ވަނީ ސިޔާސީ މަގާމެއްގައި ތިބި މީހުން ދައުލަތާ ދެކޮޅަށް ވަކާލާތުކުރުމާ މެދު ސަރުކާރު ނުވަތަ ދައުލަތުގެ ސިޔާސަތަކީ ކޮބައިތީ ޕީޖީ އޮފީސް މެދުވެރިކޮށް އޭޖީ އޮފީހުން ހޯދާފަ އެވެ.

އޭޖީ އޮފީހުން ދިން ޖަވާބުގައި، ސިޔާސީ މަގާމެއްގައި ހުރެ ދައުލަތާ ދެކޮޅަށް ކޯޓުގައި ވަކާލާތުކުރުމަކީ މުސާރަދޭ ފަރާތް (ދައުލަތް/ސަރުކާރު)ގެ މަސްލަހަތާ ދެކޮޅަށް މަސައްކަތް ކުރެވޭ ހާލަތެއް ކަމަށް ފެންނަ ކަމަށް ބުންޏެވެ. އަދި ސިޔާސީ މަގާމުގައި ދެމިތިބިހާ ހިނދަކު، ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ދައުލަތާ ދެކޮޅަށް ވަކާލާތުކުރެވޭނެ ކަމަށް ނުފެންނަ ކަމަށް އެ އޮފީހުން ދެކޭ ކަމަށް ބުންޏެވެ.

މިކަމަށް ރިއާޔަތްކޮށް ހައި ކޯޓުގެ ފަނޑިޔާރުން ބުނީ، ދައުލަތުގެ ސިޔާސަތަކީ ދައުލަތުގެ މުވައްޒަފަކަށް ދައުލަތާ ދެކޮޅަށް ވަކާލާތުނުކުރެވޭނެ ސިޔާސަތުކަން އެނގެން އޮންނަ ކަމަށެވެ.

ކޯޓުން މި މައްސަލައިގައި ގޮތެއް ނިންމުމުގައި ދެން ރިއާޔަތްކުރީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ވަކީލުންގެ ސުލޫކީ ގަވާއިދަށެވެ. އެ ގަވާއިދުގައި އޮތް ގޮތުން ވެސް ދައުލަތުގެ މުވައްޒަފުން ދައުލަތާ ދެކޮޅަށް ވަކާލާތުކުރުމުން މަސްލަހަތު ފުުށުއަރާ ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.

ހައި ކޯޓުގެ ނިންމުގައި ދައުލަތާ ދެކޮޅަށް ވަކާލާތުކުރުން މަނާކުރާ ދެ ގިންތިއެއް ކަނޑައަޅާފައިވެ އެވެ. ފުރަތަމަ ގިންތިއަކީ ރައީސް އައްޔަނުކުރާ މަގާމުތައް ފުރާ މީހުންނެވެ. ދެވަނަ ގިންތިއަކީ ފުރަތަމަ ގިންތީގައި ނުހިމެނުނަސް، އެ މީހަކު މަސައްކަތް ކުރާ ދައުލަތުގެ މުއައްސަސާގެ ހައިސިއްޔަތުން އެ މުއައްސަސާގެ މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ މީހުންނެވެ.

މި މައްސަލެ ބެލި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުގައި ވަނީ، ރާގިބަށް އެ މަގާމުގައި ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ކަނޑައަޅާފަ އެވެ.