Advertisement

ކުވެއިތު ފަންޑުން "އަނބުރާ ގެންދިޔަ" ފައިސާއިން ބައެއް ރިކަވާކުރެވިއްޖެ: މިނިސްޓަރު ހަލީލު

14 ޖުލައި 2024 - 22:22 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހެލްތު މިނިސްޓަރު ހަލީލު: އޭނާ ވިދާޅުވީ ކުވެއިތު ފަންޑުން "އަނބުރާ ގެންދިޔަ" ފައިސާއިން ބައެއް ރިކަވާކުރެއްޖެ ކަމަށް --- ފޮޓޯ: ރައީސް އޮފީސް


ކުވެއިތު ފަންޑުން "އަނބުރާ ގެންދިޔަ" ފައިސާއިން ބައެއް ރިކަވާކުރެވިއްޖެ: މިނިސްޓަރު ހަލީލު

14 ޖުލައި 2024 - 22:22 0

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ހަތް ރަށެއްގައި ހޮސްޕިޓަލު ހެދުމަށް ކުވެއިތު ފަންޑުން ދިން ފައިސާގެ ތެރެއިން އަނބުރާ ގެންދިޔަ ކަމަށް މި ސަރުކާރުން ބުނާ ފައިސާގެ ބައެއް ރިކަވާ ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ.އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.

ވެރިކަންކުރާ ޕީއެންސީގެ ޖަގަހާގައި މިރޭ ބޭއްވި ޖަލްސާއެއްގައި މިނިސްޓަރު ވިދާޅުވީ، އެ ފަންޑުތައް ރިކަވާ ކުރެވުނީ މި ސަރުކާރުގެ އިސްވެރިން ކުވެއިތު ފަންޑާއެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ކަމަށެވެ.

"ކުވެއިތު ފަންޑާއެކު އަޅުގަނޑުމެންނަށް ކުރެވުނު މަޝްވަރާގެ މަތިން، އަޅުގަނޑު ހާއްސަކޮށް ފިނޭންސް މިނިސްޓަރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ބޭނުން، އެމަނިކުފާނު އިސްވެ ހުންނަވައިގެން ކުރެވުނު މަސައްކަތްތަކިގެ ނަތީޖާއަކީ ކޮންމެވެސް ވަރަކަށް އޭގެއިން ފަންޑު ރިކަވާ ކުރެވިއްޖެ،" ހަލީލު ވިދާޅުވި އެވެ.

އަދި، މަޝްރޫއުތައް މިހާރު ލަސްވެފައި އޮތަސް ސަރުކާރުން މާޔޫސް ނުވާ ކަމަށާއި މި ވެރިކަމުގެ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭ ރައްޔިތުން ހާސިލްވާ މަންޒަރު ފެންނާނެ ކަމަށްވެސް ވަޒީރު އޭނާ ވިދާޅުވި އެވެ.

މިދިޔަ ސަރުކާރަށް ހޮސްޕިޓަލުތައް ނޭޅުނީ ސަރުކާރުގައި ހަކަތަ ނެތް މިންވަރުން މޮޅެތި ޑިޒައިންތައް ދައްކައިގެން އެކަން ކުރަން އުޅުމުން ކަމަށާއި މި ސަރުކާރުން އެ މަޝްރޫއުތައް ހިންގާނީ ޑިޒައިންތަކަށް ބަދަލުގެނެސްގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކުވެއިތު ފަންޑުން ފައިސާ އަނބުރާ ގެންދެވި ކަމަށް އެންމެ ފުރަތަމަ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

"މިދިޔަ ސަރުކާރުން އެ ފަންޑުގެ ބޭނުން ނުކޮށް ޕްރޮޖެކްޓުތައް ހިންގުން ލަސްކުރަމުން ލަސްކުރަމުން ގޮސް ކުވެއިތު ފަންޑުން އެންމެ ފަހުން ފަންޑު އަނބުރާ ގެންދިޔައީ، މިދިޔަ ސަރުކާރުގައި،" މަޖިލިސް ކެމްޕޭނު ތެރޭގައި އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ ފަހުން މިނިސްޓަރު ހަލީލު ވަނީ ކުވެއިތު ފަންޑުގެ ޕްރޮކިއުމެންޓު އުސޫލާ ހިލާފަށް ވަކި ގޮތަކަށް، އެ ޕްރޮޖެކްޓުތައް އެވޯޑު ކުރުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައިވާތީ ކަމަށް މަޖިލީހުގައި ވިދާޅުވެފަ އެވެ. އެ ވަހާކަ އޭނާ ވަނީ މިރޭވެސް ތަކުރާރުކުރައްވާފަ އެވެ.

ނަމަވެސް އިތުރަށް ހޯދި ހޯދުންތަކުން އިނގުނު ގޮތުގައި ބިޑުތައް އެވޯޑު ކުރި މަރުހަލާ ނިންމައި އެކަމުގެ މައުލޫމާތު ކުވެއިތު ފަންޑަށް ހެލްތު މިނިސްޓަރީން ހިއްސާ ކުރުމުން އެ މަރުހަލާ ކުރިއަށްދިޔަ ގޮތް ބަލައި، ރާއްޖެއަށް ދިން "ނޯ އޮބްޖެކްޝަން" ލިޔުން ވަނީ ދީފަ އެވެ.

ރާއްޖޭގެ ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލްތަކެއް އެޅުމަށް ކުވެއިތު ފަންޑުން ދޭން ނިންމި އެހީ އަނބުރާ ގެންގޮސްފައި ނުވާކަން އޭރުގެ ފިނޭންސް މިނިސްޓްރީގެ ސީނިއާ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފަ އެވެ.

މިއާއެކު 19 ވަނަ މަޖިލިސް މެންބަރުން ހެލްތު މިނިސްޓަރު މަޖިލީހަށް ހާޒިރުކުރުވާ ތަކުރާރުކޮށް ސުވާލުކުރުމުން އެކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯއްދަވާފައި ފަހުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ހަލީލު މިރޭ ވާހަކަ ދެއްކެވީ މަޖިލީހުގައި ފުރަތަމަ ވާހަކަދެއްކެވި ރާގުގަ އެވެ.

ކުވެއިތު ފަންޑުގެ އެހީގެ ދަސުން މިދިޔަ އަހަރު މެއި މަހު ހަވާލުކުރި ރަށްތަކަކީ ހަނިމާދޫގެ އިތުރުން އދ. މާމިގިލި، ވ. ފެލިދޫ، ތ. ވިލުފުށި، ށ. މިލަންދޫ، ނ. ވެލިދޫ، ކު. ތުލުސްދޫ އެވެ.