20 މާރިޗު 2025 - 16:18 1
އަހުމަދު އާއިދު
ސަރުކާރަށް އަހަރެއް ވެގެން ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު އާސަންދަ ރިފޯމު ކުރާ ވާހަކަ ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް
20 މާރިޗު 2025 - 16:18 1
ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުން ހޯދާ ހިދުމަތްތަކަށް ބިލް ކުރުމުގައި ޕްރައިވެޓް އިންޝުއަރަންސްއަށް އިސްކަން ދިނުމަށް ނިންމާ އިންޝުއަރެންސް ހަމަވުމުން ނޫނީ އާސަންދައިން ނުކެނޑޭނެހެން އޮތް އުސޫލު ބަދަލުކޮށްފި އެވެ.
އާސަންދަ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، އައުޓްޕޭޝަންޓު ހިދުމަތްތަކަށް ޕްރައިވެޓް އިންޝުއަރެންސް އަދި އާސަންދަ ހިދުމަތް ލިބޭނެހެން އުސޫލު ބަދަލުކޮށް ސިއްހީ ހިދުމަތްދޭ ތަންތަނުގެ ސިސްޓަމަށް ގެންނަން ޖެހޭ ބަދަލު ގެނެސްފައިވާ ކަމަށެވެ.
"މި ބަދަލާއެކު މާޗު 19، އިން ފެށިގެން ޑޮކްޓަރަށް ދެއްކުމަށް ނަގާ ކޮންސަލްޓޭޝަން ފީ މި އުސޫލުން ތަންފީޒުކުރެވިގެންދާނެ. އައުޓްޕޭޝަންޓު އެހެނިހެން ހިދުމަތްތަކަށް މި އުސޫލު އަމަލުކުރަން ފަށާނީ މާޗު 27، 2025 ގަ،" އާސަންދައިން ބުންޏެވެ.
ބަދަލާއެކު މީހުންގެ ބިލަށް އަރާ ފައިސާއަށް ފުރަތަމަ ޗާޖު ކުރާނީ ޕްރައިވެޓް އިންޝުއަރެންސް ޕްލޭން އިން ކަމަށާއި އަދި އިތުރުވާ އަދަދު އާސަންދައިން ކެނޑޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
އާސަންދަ ސްކީމަކީ ދެމެހެއްޓިނިވި ގޮތެއްގައި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވޭ ނިޒާމަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން އާސަންދަ ސްކީމްގެ ރިފޯމް ކުރުމުގެ މަސައްކަތާއި ގުޅޭ "އައުޓް-ޕޭޝަންޓް" ގެ ހިދުމަތްތަކަށް ބިލު ކުރާ ގޮތަށް ބަދަލު ގެނައީ އޮކްޓޯބަރު 31، 2024 ގަ އެވެ.
އޭރު ގެނައި ބަދަލާއެކު ޕްރައިވެޓް އިންޝުއަރެންސް ނަގާފައިވާ ފަރާތްތަކުން އެ ފަރާތްތަކުގެ ޕެކޭޖްތަކުގެ ލިމިޓް ހަމަވުމުން ނުވަތަ ޕްރައިވެޓް އިންޝުއަރެންސްއިން އެ ހިދުމަތް ކަވަރު ނުކުރާނަމަ، އެ ފަރާތްތަކަށް މިހާރެކޭ ވެސް އެއްގޮތަށް އާސަންދައިން އެ ހިދުމަތަކަށް ކަވަރޭޖު ލިބިގެންދިޔަ އެވެ.
އުސޫލު ބަދަލުކުރަން ނިންމާފައި މިވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އާސަންދަ ރިފޯމު ކުރުމުގެ މަސައްކަތްތަކެއް ސަރުކާރުން ފަށާފައި އޮއްވަ އެވެ.
"މި އާސަންދަ ނިޒާމު މިއޮތީ ވަރަށްބޮޑު ތަނުން ބޮއްސުންލާފައި. އަޅުގަނޑުމެން މި ދަންނަވަނީ، އާސަންދަ ރިފޯމް ކުރާ ވާހަކަ. މިކަން ހައްލުކުރާ ވާހަކަ،" ސަރުކާރަށް އަހަރެއް ވެގެން ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
Comment