30 ޖުލައި 2024 - 23:18 0
މޫސާ ނާޝިއު
އައިކް އާއި މާރިޔާ
30 ޖުލައި 2024 - 23:18 0
އެމްޑީޕީ ގައުމީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ ރައީސްގެ މަގާމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވާދަ ކުރައްވާއިރު، އެ ގޮނޑިއަށް ދެން ވާދަ ކުރައްވަނީ ޒުވާން ގާނޫނީ ވަކީލު، އައިކް އަހްމަދު އީސަ އެވެ.
އެމްޑީޕީގެ މަންމަގެ ގޮތުގައި މާރިޔާ މަޝްހޫރު ވެފައިވާއިރު، އައިކް އަކީ އުމުރުން 18 އަހަރު ފުރުމާއެކު އެމްޑީޕީގެ އޮޑިއަށް ފުންމާލައި ސޮއިކުރި ޒުވާނެކެވެ. އެހެންވެ، ހުކުރު ދުވަހު ބާއްވާ ގަލޮޅު އުތުރު ދާއިރާގެ ރައީސް ހޮވުމުގެ ބައި އިލެކްޝަން ފޯރިގަދަ ވާނެ އެވެ.
ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ މެންބަރު ކަމާއި އެމްޑީޕީގައި ޕާޓީގެ ޗެއާޕާސަންގެ މަގާމާއި ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރުކަން މާރިޔާ ވަނީ ކުރައްވައިފަ އެވެ. އަދި މާރިޔާ އަކީ އެމްޑީޕީން ފުރަތަމަ ބޭއްވި މުޒާހަރާގެ ޖަޑިބެވެ.
އައިކް އަކީ ޕާޓީއާ ގުޅުމަށް ފަހު ސީދާ ހަރަކާތްތަކާއި އިދާރީ މަސައްކަތްތަކުން ވެސް ފާހަގަކޮށްލެވޭ ޒުވާނެކެވެ. އެމްޑީޕީގެ އެންމެ ފުރަތަމަ ބޭއްވުނު ޔޫތުވިންގު ކޮންގްރެސްގެ ޑިރެކްޓަ އޮފް ކޮންގްރެސްކަން ކުރެއްވި އެވެ. ޔޫތު ވިންގުން ބޭއްވި ސީދާ ހަރަކާތްތައް އިންތިޒާމު ކުރުމުގައި ބައިވެރިވި އެވެ.
ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހާއި ލީގަލް އެފެއާޒް ކޮމިޓީ އާއި، ދިރާސާ ކޮމިޓީގެ މެންބަރުކަމުގެ އިތުރުން ޔޫތު އެންޑް ރިސޯސް ކޮމެޓީގެ ޑެޕިއުޓީ ޗެއާ އަކީ އައިކް އެވެ. އަދި ޕާޓީގެ ފަރާތުން ކޯޓުތަކަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅަންޖެހޭ މައްސަލަތައް ތައްޔާރުކޮށް ހުށަހެޅުމާއި، ވަކާލާތުކުރުމަކީ އައިކްގެ ދުވަހު ޒިންމާގެ ތެރޭގައި ހިމެނޭ ކަމެކެވެ.
"ޕާޓީގައި ބަސް ބުނެވޭ މަގާމެއްގައި ހުރެވުމަކީ މިހާރު އަދާކުރާ ޒިންމާތައްވެސް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ލިބޭނޭ އިތުރު ބާރަކަށް،" އައިކް ބުންޏެވެ.
އައިކް ފާހަގަކުރީ އޮގަސްޓް މަހުގެ 2 ވަނަ ދުވަހަކީ ޒަމާނާ އެއްގޮތަށް ޕާޓީ ބަދަލުކުރަން ބޭނުންތޯ ނުވަތަ ނޫންތޯ ނިންމުމަށް ޕާޓީގެ މެންބަރުންނަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.
އަދި އިންތިހާބު ވެއްޖެނަމަ، ދާއިރާގައި އެމްޑީޕީން ކުރާ މަސައްކަތްތައް އަލުން ތަރުތީބުކުރެވި، ޕާޓީގެ ފަރާތުން ދާއިރާއަށް ލިބެންޖެހޭ އެއްބާރުލުން ހޯދުމަށް ވަކާލާތުކުރާނޭ ކަމަށް އައިކް ބުންޏެވެ.
"ގަލޮޅު އުތުރަކީ މަޖިލީހުގެ ނަން ވިދާ އެއް ދާއިރާ، އެކަމަކު ގަލޮޅު އުތުރުގެ ރައްޔިތުންގެ އަޑު އެމްޑީޕީ ގައުމީ މަޖިލީހުގެ އެންމެ ފަހުން އިވުނީ ކޮންއިރަކުތޯ ޕާޓީގެ މެންބަރުން ސުވާލު ކުރަން ޖެހޭނެ" އައިކް ފާހަގަކުރި އެވެ.
Comment