14 ޖުލައި 2024 - 09:01 1
މުހައްމަދު ޝަހްޒާން
14 ޖުލައި 2024 - 09:01 1
އެތެރޭގެ މައުލޫމާތު ލީކުވާ ކަމަށް ބުނެ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ އެގްޒެކެޓިވް ސެކްރެޓަރީ އެހެން ޑިޕާޓުމެންޓަކަށް ބަދަލު ކޮށްފި އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި ފަޒުލްގެ ސެކްރެޓަރީ ބަދަލު ކޮށްފައި ވަނީ މިއަދު އެވެ. އޭނާއަކީ އެޗްޑީސީ އެމްޑީ ކަމުގައި އަހުމަދު އާތިފް ހުރި ދުވަސްވަރުގައި ވެސް އެ މަގާމު ފުރި މުވައްޒަފެވެ.
ފަޒުލްގެ ސެކްރެޓަރީގެ ގޮތުގައި ހުރި މުވައްޒަފު އެހެން ޑިޕާޓުމެންޓަކަށް ބަދަލު ކުރުމާ ގުޅިގެން އެ ކޯޕަރޭޝަނުގެ ހުރިހާ މުވައްޒަފުންނަށް އެޑްރެސްކޮށް އޭނާ ފޮނުވި ސިޓީގެ ކޮޕީއެއް "އަދަދު" އަށް ވަނީ ލިބިފަ އެވެ. އެ ސިޓީގައި އޭނާ ބުނެފައި ވަނީ ފަޒުލް އާއި ބިއުރޯގެ އެގްޒެކެޓިވް ސެކްރެޓަރީއަކަށް މިއަދުން ފެށިގެން އެހެން މުވައްޒަފަކު އައްޔަނުކޮށްފައިވާ ކަމަށެވެ.
ސެކްރެޓަރީ ކަމުން ވަކިކުރި މުވައްޒަފުގެ މައުލޫމާތު ހަބަރުގައި ގެނެސްދީފައި ނުވަނީ އޭނާގެ އެދުމުގެ މަތިންނެވެ.
އެކަމާ ގުޅިގެން އޭނާއަށް "އަދަދު" އިން ގުޅުމުން ބުނެފައި ވަނީ އެހެން ޑިޕާޓުމެންޓަކަށް ބަދަލު ކޮށްފައި ވަނީ އަމިއްލައަށް އެދިގެން ކަމަށެވެ.
ނަމަވެސް އޭނާ އެހެން ޑިޕާޓުމެންޓަކަށް ބަދަލު ކޮށްފައި ވަނީ އެތެރޭގެ މައުލޫމާތު "ލީކު" ވާތީ ކަމަށް މި ނޫހަށް ވަނީ ކަށަވަރުވެފަ އެވެ. އަދި އެޗްޑީސީގެ އެތެރޭގެ މައުލޫމާތު ލީކުވާ މައްސަލަ ބަލަން، ފަޒުލްގެ އެންގުމުގެ މަތިން، ތަހުގީގެއް ވެސް ކުރިއަށް ގެންދާކަން އެނގިފައިވެ އެވެ.
އެގްޒެކެޓިވް ސެކްރެޓަރީގެ މަގާމުގައި ހުރި މުވައްޒަފު އެހެން ޑިޕާޓުމެންޓަކަށް ބަދަލު ކުރިކުރުމާ ގުޅިގެން އެ ކޯޕަރޭޝަނުން މި ހަބަރު ޝާއިއު ކުރުމާ ހަމައަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
50.00%
50.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment