Advertisement

ލަންކާގެ ޖޫނިއާ މުބާރާތުން ރާއްޖޭގެ ފަސޫހާ އަށް ރިހި މެޑަލް

14 ޖުލައި 2024 - 11:30 1

ފަސޫހާ، ލަންކާ މުބާރާތަށް ފުރުމުގެ ކުރިން ސިންތެޓިކް ޓްރެކުގައި ޓްރެއިނިން ހަދަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު


ލަންކާގެ ޖޫނިއާ މުބާރާތުން ރާއްޖޭގެ ފަސޫހާ އަށް ރިހި މެޑަލް

14 ޖުލައި 2024 - 11:30 1

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި، ވާދަކުރާ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގައި ހިމެނޭ ގައުމީ އެތުލީޓް، ފަސޫހާ އަހުމަދު، 800 މީޓަރު އިވެންޓުން ރިހި މެޑަލް ހޯދައިފި އެވެ.

ސައުވީސް އަހަރުން ދަށަށް ހާއްސަ 800 މީޓަރު އިވެންޓުން ފަސޫހާ ރިހި މެޑަލް ހޯދީ، 2 މިނިޓް، 13.81 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއް ވަނަ ހޯދި ލަންކާގެ އެސްއެލް އާމީގެ ކަނިކާ ލަކްޝާނީގެ ޓައިމިން އަކީ 2 މިނިޓް، 11.08 ސިކުންތެވެ. އަދި ތިން ވަނަ ހޯދި ލަންކާގެ އެއާފޯސް ޓީމުގެ ކުމާރީގެ ޓައިމިން އަކީ، 2 މިނިޓް، 17.54 ސިކުންތެވެ.

ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަސް ތެރޭ ފަސް ފަހަރު މަތިން، 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުުގުރާލު ފަސޫހާގެ މި ފަހަރުގެ ޓައިމިން އަކީ ވެސް ރެކޯޑެކެވެ.

ފަސޫހާ، އެންމެ ފަހުން، 800 މީޓަރުގެ ގައުމީ ރެކޯޑް ހެދީ، މީގެ މަހެއް ކުރިން އިންޑިއަން ގްރޯން ޕްރީގަ އެވެ. އެއީ، އިންޑިއަން ގްރޯން ޕްރީގެ 800 މީޓަރު ދުވުމުގެ އިވެންޓް، ދެ މިނިޓް 14.53 ސިކުންތުން ދުވެގެންނެވެ.


ލަންކާގެ ޖޫނިއާ މުބާރާތުގައި ފަސޫހާ ހިމެނޭހެން، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ 16 އެތުލީޓުން ވާދަކުރެ އެވެ.

ފަސޫހާގެ އިތުރުން، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަރާތުން ލަންކާ މުބާރާތުގައި ވާދަކުރާ އެތުލީޓުންނަކީ، އައިޝަތު ބިންތި އަހުމަދު، ޒީކް އަޝްރަފް ރަޝީދު، އައިދު އަބްދުﷲ ރިފާއު، މުހައްމަދު ހަލަފް ބިން އަފްރާހު، އައިޝަތު ލައިބާ ނިޝާން، އަމަތުﷲ ބިންތި ޔާމީން، މާވީ ޔޫސުފް އޮލާގާ މާގާ، ލޫތު މުހައްމަދު ފައިޒާން ސާބިގު، ޝުއާ އަހުމަދު ރިޝްފާން، އައިމިނަތު ލުމާ އަސްލަމް، އަހުމަދު އިޔާން އިގްބާލް މުހައްމަދު، މުހައްމަދު ނައުފް ނާޒިރު، ޒޯހާ ބިންތި އުސާމާ އަލީ، މުހައްމަދު އަޔާން ޝަފީއު އަދި އައިނީ މުހައްމަދު ނާސިރު އެވެ.