Advertisement

ޔޫރޯގެ ހިތްދަތިކަމާ އެކު ވެން ޑައިކް އަށް ފުޓްބޯޅައިން ޗުއްޓީއެއް

12 ޖުލައި 2024 - 16:52 0


ޔޫރޯގެ ހިތްދަތިކަމާ އެކު ވެން ޑައިކް އަށް ފުޓްބޯޅައިން ޗުއްޓީއެއް

12 ޖުލައި 2024 - 16:52 0

މިއުނިކް (ޖުލައި 12) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ހިތްދަތި ގޮތަކަށް ކަޓައިގެން ދިއުމުން، ދިގު ފުޓްބޯޅަ ސީޒަނަށް ފަހު، ހަށިގަނޑަށް އަރާމްކުރުމުގެ ގޮތުން ޗުއްޓީއެއް ބޭނުންވާ ކަމަށް ނެދަލެންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ބުނެފި އެވެ.

ވިހި އަހަރަށް ފަހު، ނެދަލެންޑްސް އިން ފުރަތަމަ ފަހަރަށް ޔޫރޯގެ ސެމީ ފައިނަލުގައި ވާދަކުރިއިރު، ސެމީގައި ލީޑުނެގި ނަމަވެސް އިންގްލެންޑް އަތުން ވަނީ 2-1 އިން ބަލިވެފަ އެވެ. އިންގްލެންޑް މޮޅުވި ގޯލު ޖެހީ ވެސް މެޗުގެ އިތުރު ވަގުތުގަ އެވެ.

އެ މެޗަށް ފަހު، ވެން ޑައިކް ވަނީ، އިންގްލެންޑަށް ދިން ޕެނަލްޓީއާ ބެހޭގޮތުން ވާހަކަ ދައްކައި، އެ މެޗުގެ ރެފްރީ، ޖަރުމަނުގެ ފީލިކްސް ޒްވޯޔާގެ ބައެއް ނިންމުންތަކަށް ވެސް ފާޑުކިޔައިފަ އެވެ. އަދި ވެން ޑައިކް ވަނީ މުސްތަގުބަލާ ބެހޭގޮތުން ވެސް ވާހަކަ ދައްކައިފަ އެވެ.

ނެދަލެންޑްސް އާއި ލިވަޕޫލްގެ ކެޕްޓަން، ވެން ޑައިކް، 33، އަށް މި ސީޒަނުގައި، 64 މެޗު ކުޅެން ޖެހުނުއިރު، އެއީ 5395 މިނިޓެވެ. ވެން ޑައިކް އަކީ އައުޓްފީލްޑް ކުޅުންތެރިންގެ ތެރެއިން، ޔޫރަޕްގެ ވަރުގަދަ ފަސް ލީގަށް ބަލާއިރު، މިދިޔަ ސީޒަނުގައި ތިން ވަނަ އަށް އެންމެ ގިނަ ވަގުތު ކުޅުނު ކުޅުންތެރިޔާ އެވެ.

މުސްތަގުބަލާ މެދުގައި ވިސްނަން ވަގުތު ނަގާނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ރަނގަޅު ބްރޭކެއް ބޭނުންވާ ކަމަށް ވެން ޑައިކް ވަނީ ބުނެފަ އެވެ.

"ވަރަށް ރަނގަޅަށް ވިސްނަން ޖެހޭ، ގައުމީ ޓީމާއި ކްލަބް ލެވަލްގައި ދެން އަހަރެން ބޭނުންވަނީ ކޮން ކަމެއްތޯ ހާސިލްކުރަން، އެ އަށް ފަހު، ދެން ކުރިއަށްދާނެ ގޮތެއް އެނގޭނީ، މި ވަގުތު ސިކުނޑީގައި ވަކިކަމެކޭ ކުރާނީ އެހެނެއް ނެތް، މިއީ ބްރޭކެއް ބޭނުން ވަގުތު،" ވެން ޑައިކް ބުންޏެވެ.

ވެން ޑައިކް، ލިވަޕޫލާ އެކު ހަދާފައިވާ ކޮންޓްރެކްޓް އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ ކޮންޓްރެކްޓް އާ ނުކޮށްފިނަަމަ، އަންނަ ސީޒަނަށް ފަހު ހިލޭ ޓްރާންސްފާއެއްގައި ލިވަޕޫލް ދޫކޮށްލަން، ޖެނުއަރީ މަހުން ފެށިގެން ވެން ޑައިކަށް ޓީމަަކާ އެކު، ޕްރީ އެގްރީމެންޓެއްގައި ސޮއިކުރެވޭނެ އެވެ.

ކުރިން ސެލްޓިކާއި ސައުތެމްޓަން އަށް ކުޅުނު ވެން ޑައިކް އަށް ސައުދީ ޕްރޯ ލީގުން ބޮޑު މުސާރަ ލިބޭ ކޮންޓްރެކްޓެއް ވަނީ ހުށަހަޅައިފަ އެވެ.