11 ޖުލައި 2024 - 12:44 0
މުހައްމަދު ނަސީމް
މިނިސްޓަރު އިހުސާން ރިވިއުގައި ވާހަކަ ދައްކަވަނީ. މަރުގެ އަދަބު ދިނުމާ ބެހޭ ތަންފީޒީ އިދާރާތައް ބަލަހައްޓަނީ އޭނާގެ މިނިސްޓްރީގެ ދަށުން ---
11 ޖުލައި 2024 - 12:44 0
ރާއްޖޭގައި މަރުގެ އަދަބު އުވައިލެވެން ނެތީ އެއީ ގާނޫނުއަސާސީއާ ހިލާފު ކަމަކަށް ވާނެތީ ކަމަށް ޔޫއެން ހިއުމަން ރައިޓްސް ކޮމިޓީގައި ސަރުކާރުން ބުނެފި އެވެ.
ރާއްޖޭގައި މަދަނީ އަދި ސިޔާސީ ހައްގުތަކާއި މިނިވަންކަން އެ ގޮތުގައި ލިބިދޭ ކަން ކަށަވަރުކޮށް ދިނުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ރިޕޯޓު ހުށަހެޅުމަށް ޓަކައި ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ބޭއްވި ރިވިއު ސެޝަންގައި ޔޫއެންގެ މާހިރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރާއްޖޭގައި މީހަކަށް މަރުގެ ހުކުމް އިއްވާ ނަމަ ހުކުމް އިއްވުމާ ހަމައަށް ހުރިހާ ކަމެއް ކުރަނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ. މީހަކަށް މަރުގެ ހުކުމް އިއްވާނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ހުކުމް އިއްވަނީ ރާއްޖޭގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެ ސީރިއަަސް ކުށްތަކަށް ކަން ވެސް އޭނާ ފާހަގަކުރެެއްވި އެވެ.
"ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ބަޔާންކުރާ ގޮތުން ރާއްޖޭގެ ގާނޫނުތަކުގެ ބިންގަލަކަށް ވާނީ އިސްލާމްދީން. ރާއްޖޭގެ ގާނޫނުތަކުން މީހަކަށް މަރުގެ ހުކުމް އިއްްވޭނީ މަދު ހާލަތްތަކެއްގައި. މި ގާނޫނުތަކަކީ ރައްޔިތުންގެ ރުހުން އޮތް ގާނޫނުތައް. މި ހުކުމް އުވާލައިފި ނަމަ ގާނޫނުއަސާސީއާ ހިލާފުވާނެ،" އިހުސާން ވިދާޅުވި އެވެ.
މަރުގެ އަދަބު ތަންފީޒުކުރުމަށް ޓަކައި މާފުށީ ޖަލުގައި ގާއިމުކޮށްފައިވާ ފެސިލިޓީއާ ބެހޭ ގޮތުން ވެސް ހިއުމަން ރައިޓްސް ކޮމިޓީގެ މާހިރުން ސުވާލުކުރެއްވި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ އެ ފެސިލިޓީ ހުންނަން ޖެހެނީ ރާއްޖޭގެ ގާނޫނީ ފްރޭމްވޯކް އޮތީ މަރުގެ އަދަބު ތަންފީޒުކުރެވޭ ގޮތަށް ކަމަށާއި އެ ފެސިލިޓީ ގާއިމްކޮށްފައި ހުރީ އެކަން ފުރިހަމަކުރުމަށް ޓަކައި ކަމަށެވެ.
"އެހެން ނަމަވެސް މިހައިތަނަށް އެ ފެސިލިޓީގައި އެއްވެސް މީހަކަށް އަދަބު ތަންފީޒުކޮށްފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި 1954 ވަނަ އަހަރުގެ ފަހުން މަރުގެ އަދަބު ތަންފީރުކޮށްފައި ނުވާކަން ފާހަގަކުރައްވައި ރާއްޖޭގައި މިވަގުތު ވެސް މަރުގެ ހުކުމުގައި 16 މީހަކު އެބަ ތިބި ކަމަށެވެ. އޭގެ ތެރެއިން ހަތަރު މީހަކު ތިބީ ޝަރުއީ ހުރިހާ މަރުހަލާއެއް ނިމިފައި ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment