Advertisement

ފްރާންސްގެ ކޯޗުކަމުން ޑެޝޯމްޕްސް ވަކިނުކުރާނެ

11 ޖުލައި 2024 - 11:49 0


ފްރާންސްގެ ކޯޗުކަމުން ޑެޝޯމްޕްސް ވަކިނުކުރާނެ

11 ޖުލައި 2024 - 11:49 0

ޕެރިސް (ޖުލައި 11) - ފްރާންސްގެ ކޯޗުގެ މަގާމުން ޑިޑިއޭ ޑެޝޯމްޕްސް ވަކިނުކުރާނެ ކަމަށް ފްރާންސްގެ ފުޓްބޯލް ފެޑެރޭޝަނުން ހާމަކޮށްފި އެވެ.

ފްރާންސްގެ ކުރީގެ ކެޕްޓަން، ޑެޝޯމްޕްސް، މި ވަގުތު ކޮންޓްރެކްޓްގައި ހުރީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށެވެ.

ޑެޝޯމްޕްސް، 2012 ވަނަ އަހަރު ފްރާންސްގެ ކޯޗުކަމާ ހަވާލުވިއިރު، 2018 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2021 ވަނަ އަހަރުގެ ނޭޝަންސް ލީގު ކާމިޔާބުކޮށްފައިވެ އެވެ. މި ފަހަރުގެ ޔޫރޯގައި ފްރާންސްގެ ނަތީޖާތަށް އެންމެ ރަނގަޅެއް ނޫން ކަމަށް ބުނެ، ޑެޝޯމްޕްސް ވަކިކުރަން ގޮވާލާ އަޑުތައް ވަނީ ގަދަވެފަ އެވެ.

އެކަަމަކު، ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ފިލީޕޭ ޑިއާލޯ، ލެކިއުޕޭ އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، ކާމިޔާބު ނުލިބުނަސް، ޓީމު އެކުލަލުމާއި ފުޓްބޯޅައިގެ މުހިންމު ކަންކަމަށް ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ކަނޑައެޅި ޓާގެޓްތައް ޑެޝޯމްޕްސް ވަނީ ހާސިލްކޮށްފައި ކަމަށެވެ.

"އަހަންނަށް ނުފެނޭ އޭނަ (ޑެޝޯމްޕްސް)ގެ ކޮންޓްރެކްޓާ މެދު ސުވާލު އުފައްދަންވީ ޖާގައެއް. މީގެ ކުރިން ހޯދާފައިވާ ކާމިޔާބީ ހެކިދޭ ޑެޝޯމްޕްސް އަދިވެސް ހުންނަން ޖެހޭކަން. ދެން، މި ފަހަރު ވެސް އަހަރެމެން ކަނޑައެޅި ކަންކަން އެބަހުރި ހާސިލްކޮށްފައި. ޑިޑިއޭ (ޑެޝޯމްޕްސް) ގައުމީ ޓީމުގައި ހުންނާނެ،" ޑިއާލޯ ވިދާޅުވި އެވެ.

މި ފަހަރުގެ ޔޫރޯގައި ފްރާންސް އިން އެ ޓީމުގެ ކުޅުންތެރިއަކު ލައްވައި އޯޕަން ޕްލޭ އިން ލަނޑެއް ޖެހީ ސެމީ ފައިނަލުގައި ސްޕެއިން އަތުން ބަލިވި މެޗުގަ އެވެ.

ގްރޫޕް ސްޓޭޖުގައި އޮސްޓްރިއާ އަތުން ބައިކޮޅަށް ޖެހި ގޯލަކުން މޮޅުވިއިރު، ނެެދަލެންޑްސްއާ ވީ 0-0 އިން އެއްވަރެވެ. ގްރޫޕްގެ ފަހު މެޗުގައި ކީލިއަން އެމްބާޕޭ ޕެނަލްޓީއެއް ޖެހިއިރު، މެޗު ނިމުނީ 1-1 އިން ޕޮލެންޑާ އެއްވަރުވެގެންނެވެ. ގަދަ 16 ބުރުގައި، ބެލްޖިއަމް އަތުން ފްރާންސް 1-0 އިން މޮޅުވީ ބައި ގޯލަކުންނެވެ. އަދި ކުއާޓާ ފައިނަލުގައި، ޕޯޗުގަލް އަތުން ފްރާންސް މޮޅުވީ، 0-0 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެންނެވެ.

ފްރާންސްގެ ފަރާތުން ފެންނަނީ ފޫހި ކުޅުމެއް ކަމަށް ބުނެ، ފާޑުކީ ފަރާތްތަކަށް ޑެޝޯމްޕްސް ވަނީ ސެމީ ފައިނަލުގެ ކުރިން ރައްދުދީފަ އެވެ. އެކަމަކު، ސެމީ ފައިނަލުގައި ވެސް ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.