10 ޖުލައި 2024 - 20:45 0
މުހައްމަދު ނަސީމް
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. މަޖިލީހުގެ މަސައްކަތް އިސްލާހުކުރަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވާ. ފޮޓޯ: މަޖިލީހުގެ އިދާރާ
10 ޖުލައި 2024 - 20:45 0
"ރައްޔިތުންގެ ގުރުބާނީއާއި އެމީހުންނަށް ލިބޭ ހިދުމަތާ ދެމެދު އޮތް ފަރަގު ބޮޑު" ކަމަށް، އިނގިރޭސި އާ ބޮޑުވަޒީރު ކިއާ ސްޓާމާ އޭނާގެ ފުރަތަމަ ތަގުރީރުގައި ވިދާޅުވި ވިދާޅުވުން ރާއްޖޭގެ ހާލަތާ ގުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށްގެން ވެސްޓްމިންސްޓަރ ފައުންޑޭޝަން ފޮރ ޑިމޮކްރަސީން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެއް ފަށަން ކްރޮސްރޯޑްސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ ވެރިކަން ކުރުމުގެ ވައްޓަފާޅިއާމެދު އަލުން ވިސްނައި، ބަދަލުތައް ގެނަސް، ކަންކަން އިސްލާހުކޮށް، ބައެއް ކަންކަން އަލުން މުރާޖައާ ކުރަން ޖެހޭ ކަމަށެވެ.
އެއާ އެކު އޭނާ ވިދާޅުވީ އިނގިރޭސި ބޮޑުވަޒީރު (ކިއާ ސްޓާމާ)ގެ ފުރަތަމަ ތަގުރީރުން، ކްއޯޓްކުރަން ( އޭނާ ވިދާޅުވެފައިވާ ގޮތަށް ބައެއް ނަކަލުކުރަން) މިއީ މުނާސަބު ވަގުތެއް ކަަމަށެވެ.
"ރައްޔިތުން ވެފައިވާ ގުރުބާނީއާއި ސިޔާސީ މީހުންގެ ފަރާތުން އެމީހުންނަށް ލިބޭ ހިދުމަތާ ދެމެދު އޮތް ފަރަގު މިހާ ބޮޑުވުމުން، ގައުމެއްގެ ހިތް ވަރުބަލިވާން މެދުވެރިވޭ. މީހުންގެ އުއްމީދުތައް ފޫދިގެންދޭ، ރޫހު ގެއްލޭ، އުޖާލާ މުސްތަގުބަލަކަށް ކުރާ އުއްމީދު ގެއްލޭ" އެހެން ވިދާޅުވެ ނާޒިމު ނަކަލު ކުރެއްވި ބައިގައި ސްޓާމާ ވިދާޅުވެފައި ވެ އެވެ.
ސްޓާމާގެ ތަގުރީރުން ނާޒިމް ނަކަލުކުރެއްވި ބައިގައި ދެން އޮތް ވާހަކައަކީ އެންމެން އެކުގައި ކުރިއަށް ދާން ޖެހޭ ވާހަކަ އެވެ. މީހުންގެ ހިތްތަކުގައި އުފެދިފައިވާ ޒަހަމް ފަސޭހަ ވާނީ ސްޓާމާ ވިދާޅުވެފައިވާ ގޮތުގައި ދައްކާ ވާހަކަތަކުން ނޫނެނެވެ. އަމަލީ ގޮތުން ކުރާ މަސައްކަތްތަކަކުންނެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން އިވެނީ އެފަދަ ވާހަކަތަކެކެވެ.
"އަޅުގަނޑުމެން ކުރަން ޖެހޭ މަސަައްކަތް ސާފު،" އޭނާ ވިދާޅުވި އެވެ.
އެއާ އެކު އޭނާ ދެއްވީ މަޖިލީހުގައި މިހާރު އެޑްރެސް ކުރަން ޖެހިފައިވާ ކަންތައްތަކެއްގެ ލިސްޓެކެވެ.
- ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ޒިންމާދާރުކުރުމުގެ މަސައްކަތް ކުރުމަށް ޓަކައި ކޮމިޓީތަކުގެ ނިޒާމު ހަރުދަނާކުރުން.
- ކަންކަން ގާތުން ބެލުމާއި ރިޕޯޓްކުރުމުގެ ނިޒާމު ހަރުދަނާކޮށްގެން ޓްރާންސްޕޭރެންސީއާއި ޒިންމާދާރުކުރުވުން ހަރުދަނާކުރުން
- އައުޓްރިޗް ޕްރޮގްރާމްތަކާއި ރައްޔިތުން ބައިވެރިވާ ޕްލެޓްފޯމްތައް އުފައްދައި ރައްޔިތުންނާ ގާތުން މަސައްކަަތް ކުރުން
އެ ކަންތައްތަކަށް އެޑްރެސް ކުރަން ޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މިނިވަން ގާނޫނުހަދާ މަޖިލީހެެއްގެ މުހިއްމުކަމުގެ ވާހަކަ ދައްކައި ކޮޅުން ނުލާނެ ކަމަށެވެ. ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމަށް ޓަކައި ޑިމޮކްރަސީ ހަރުދަނާކޮށް، ބާރުތައް ވަކިވެފައި އޮތުން ކަށަވަރުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
Comment