Advertisement

އެސޯސިއޭޝަން ކަޕް: ޕޮލިސް ކުލަބާއި ވެމްކޯ އިން ފެށީ މޮޅަކުން

9 ޖުލައި 2024 - 11:13 0

އަތޫފް އާތިފް

އަތޫފް އާތިފް

ޕޮލިސް ކުލަބާއި, ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު


އެސޯސިއޭޝަން ކަޕް: ޕޮލިސް ކުލަބާއި ވެމްކޯ އިން ފެށީ މޮޅަކުން

9 ޖުލައި 2024 - 11:13 0

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ މައިލޯ ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯ އިން މުބާރާތް މޮޅަކުން ފެށިއިރު, ޕޮލިސް ކުލަބުން ވެސް މޮޅަކުން ފަށައިފި އެވެ.

އިއްޔެ ހަވީރު އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯ އިން އަލްމާ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނަ ގޮތައް އޮތް ނަމަވެސް އަލްމާއިން އެ މެޗު ދޫކޮށްލުމާއެކު ވެމްކޯ އަށް މި މެޗު ލިބުނީ ސީދާ ތިން ސެޓުންނެވެ.

ރޭ ޕޮލިސް ކުލަބުން ނުކުތީ, ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އާ ދެކޮޅަށެވެ. ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މި މެޗު, ޕޮލިސް ކުލަބުން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. އެއީ 18-10, 18-14, 16-18, 12-18 އަދި 15-11 އިންނެވެ.

މި މެޗުގެ ފުރަތަމަ ދެ ސެޓުގައި ޕޮލިސް ކުލަބްގެ ހައްވާ ރާޝިދާ އަދި ޝަހާ ޝާމިން ވަނީ ތަފާތު މޮޅަށް ކުޅެ ގިނަ ޕޮއިންޓްތަކެއް ސްކޯ ކޮށްފަ އެވެ. އެއާއެކު, މި ދެ ސެޓު ޕޮލިހުން ވަނީ ފަސޭހަމަކާއެކު, 18-10 އަދި 18-14 އިން ކާމިޔާބު ކޮށްފަ އެވެ.

ޖެހިގެން އައި ތިންވަނަ ސެޓުގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ޓީމުން ގިނަ ބަދަލުތަކެއް ފެނިގެންދިޔަ އެވެ. އެގޮތުން އެ ޓީމުގެ ސެންޓާ އަށް ކުޅެމުން އައި ނަރީމާ އިދުރީސް (ނަންނި) އައުޓް ފީލްޑް އިން ކުޅެން އެރިއެވެ. މި ސެޓުގައި އެންމެ ފާހަގަ ކޮށްލެވޭ ކުޅުމެއް އެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ނަންނިގެ އެވެ. އެގޮތުން ޕޮލިހުގެ ގިނަ އެޓޭކުތަކެއް ނަންނި ވަނީ ހުއްޓުވާފަ އެވެ. މިއާއެކު މި ސެޓު 18-16 އިން ކާމިޔާބުކުރީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުންނެވެ.

ޖެހިގެން އައި ހަތަރުވަނަ ސެޓުގައި ވެސް ޕޮލިސް ކުލަބް ފެނިގެންދިޔައީ އާދައިގެ ގޮތަކަށެވެ. އޭގެ ފައިދާ ނަގާ މި ސެޓު ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުން ކާމިޔާބުކުރީ 18-12 އިންނެވެ.

މެޗުގެ ފަހު ސެޓުގައި ޕޮލިހުން ކުޅުން ރަނގަޅުކުރިއިރު, މި ސެޓުުގައި ޝަހާގެ މޮޅު ކުޅުން ފެނިގެންދިޔަ އެވެ. މި ސެޓު ޕޮލިހުން ކާމިޔާބުކުރީ 15-11 އިންނެވެ.