Advertisement

ހުއްދަ ނެތް ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ދިވެހިން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު

8 ޖުލައި 2024 - 22:28 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ްއިމިގްރޭޝަން ކޮންޓްރޯލަރު ޝައްމާން: އޭނާ ވަނީ ހުއްދަނެތް ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ދިވެހިން ޖޫރިމަނާކުރާނެ ކަމުގެ އިންޒާރު ދެއްވާފަ - ފޮޓޯ: އިމިގްރޭޝަން


ހުއްދަ ނެތް ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ދިވެހިން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު

8 ޖުލައި 2024 - 22:28 1

ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ހިންގާ މަސައްކަތުގެ ތެރެއިން ހުއްދަ ނެތް ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ދިވެހިންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝައްމާން ވަހީދު ދެއްވައިފި އެވެ.

ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ޝައްމާން ވިދާޅުވީ، ރާއްޖޭގައި ބިދޭސީންނާއެކު މުއާމަލާތްތައް ހިންގާ ދިވެހިން މަސައްކަތްކުރުމުގެ ހުއްދަ ނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ ކުށެށް ކަމަށް އިމިގްރޭޝަން ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

"އަދި އެފަދަ ފަރާތްތައް އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގެ ދަށުން، 50,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކޮށް އެމީހެއްގެ ޕާސްޕޯޓު ވަކިމުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ލިބިގެންވޭ،" އޭނާ ލިޔުއްވާފައިވެ އެވެ.

އެފަދަ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ސީދާ ވިދާޅުނުވި ނަމަވެސް ޝައްމާން ވަނީ ހުރިހާ ފަރާތްތަކުންވެސް އިމިގްރޭޝަންގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް ގޮވާލާ ކަމަށް ވިދާޅުވެފަ އެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތްތަކުގެ ތެރެއިން ޖޫން 30، ގައި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މާލޭގެ ހަތަރު ތަނަކަށް ރެއިޑުކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް 83 މީހަކު ގެންދިޔަ އެވެ. މާލޭގައި ގަވާއިދާ ހިލާފަށް ހިންގާ މާރުކޭޓުތަކަކުން އަތުލައިގަތް އެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމަށްވެސް މިހާރު ވަނީ ނިންމާފަ އެވެ.

ނަމަވެސް އޭގެ ފަހުންވެސް ބިދޭސީންތަކެއް ވަނީ ރެއިޑުކުރި ބައެއް މާރުކޭޓުތައް ހުޅުވާފަ އެވެ. އެއާއެކު އެކަންކުރުވާ ދިވެހިންނަށްވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނެ ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފަ އެވެ.

ބެލެވޭ ގޮތުގައި ޝައްމާނުގެ މި ޕޯސްޓަކީ އެ ޝުއޫރުތަކާ ގުޅިގެން ކުރެއްވި ޕޯސްޓެކެވެ.

މިދިޔަ ސަރުކާރުން ބިދޭސީންގެ މައްސަލަ ބެލެހެއްޓީ އިކޮނޮމިކް މިނިސްޓްރީގެ ދަށުންނެވެ. ނަމަވެސް މި ސަރުކާރުން އެއީ ގައުމީ ސަލާމަތާ ގުޅޭ މައްސަލަައެއް ކަމަށް ކަނޑައަޅާ، އެ މަސައްކަތް ހޯމް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.