Advertisement

ބިދޭސީއަކު ގެއްލިގެން ރިޕޯޓު ކުރާ ކޮންމެ ރިކުއެސްޓަކަށް 1000ރ. ނަގަން ފަށަނީ

3 އޮކްޓޯބަރު 2024 - 16:03 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންތަކެއް: މި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ތިން ފީއެއް ނަގަން ފަށަން ހޯމް މިނިސްޓަރީން ވަނީ ނިންމައިފައި -- ފޮޓޯ: އަދަދު ފައިލް


ބިދޭސީއަކު ގެއްލިގެން ރިޕޯޓު ކުރާ ކޮންމެ ރިކުއެސްޓަކަށް 1000ރ. ނަގަން ފަށަނީ

3 އޮކްޓޯބަރު 2024 - 16:03 0

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީއަކު ގެއްލިގެން އެކްސްޕެޓް ސިސްޓަމްގެ ތެރެއިން ކުރާ ކޮންމެ "ވާކް ޕާމިޓް ރިކުއެސްޓް" އަކަށް 1000ރ. ގެ ފީއެއް ނަގަން ހޯމް މިނިސްޓަރީން ނިންމައިފި އެވެ.

އެ މިނިސްޓަރީން މިއަދު ގެޒެޓު ކުރި އިއުލާނުގައި ބުނެފައި ވަނީ ވާކް ޕާމިޓް ރިކުއެސްޓް ފީގެ އިތުރުން ވެސް ދެ ފީއެއް ނަގަން ނިންމާފައިވާ ކަމަށެވެ. އަދި، އެ ފީތައް ނަގަން ފަށާނީ މި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެގޮތުން ނަގަން ނިންމާފައިވާ ފީތަކަކީ:

  • ވާކް ޕާމިޓް މިސިން ރިކުއެސްޓް ސާވިސް ފީ: 1000ރ.
  • ވާކް ޕާމިޓް ނެގްލިޖެންސް ފައިން: 2000ރ.
  • ވާކް ޕާމިޓް މިސިންގް ވިތުޑްރޯވަލް ސާވިސް ފީ: 10،000ރ.

މީގެ ތެރެއިން ވާކް ޕާމިޓް ނެގްލިޖެންސް ފައިން އަކީ ވޯކް ޕާމިޓް ހުއްދައިގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރަމުން ދާ މީހަކު، އޭނާއަށް ވަޒީފާ ދިން ކުންފުނީގެ އިހުމާލުން ފިލައިފި ނަމަ ދައްކަންޖެހޭ ފީ އެކެވެ.

ވަކް ޕާމިޓް މިސިން ވިތުޑްރޯވަލް ސާވިސް ފީއަކީ ބިދޭސީއަކު ގެއްލިގެން ރިޕޯޓު ކޮށްފައިވާ މިސިންގް ރިކުއެސްޓް އަނބުރާ ނަގަން ދައްކަންޖެހޭ ފީ އެކެވެ.

ހޯމް މިނިސްޓަރީގެ އިއުލާނުގައި ބުނީ މިހާރު ރިޕޯޓު ކޮށްފައި ހުރި މިސިންގް ރިކުއެސްޓުތައް އަންނަ ހޮނިހިރު ދުވަހުން ފެށިގެން 30 ދުވަސް ތެރޭގައި ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެއަށްފަހު މިހާރު ކޮށްފައި ހުރި މިސިން ރިކުއެސްޓެއް އަނބުރާ ނަގާނަމަ، 10،000ރ. ގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް މިނިސްޓަރީގެ އިއުލާނުގައި ބުނެފައިވެ އެވެ.

އަދި، އަންނަ ހޮނިހިރު ދުވަހަށްފަހު، ބިދޭސީއަކު ގެއްލިގެން ރިޕޯޓު ކުރާ ރިކުއެސްޓުތައް ވެސް އަނބުރާ ނަގަން ލިބޭނީ ހަތް ދުވަސް ކަމަށް މިއަދު ކުރި އިއުލާނުގައި ބުނެފައިވެ އެވެ. ހަތް ދުވަހަށްފަހު މިސިން ރިކުއެސްޓު އަނބުރާ ގެންދާނަމަ، ސާވިސް ފީގެ ގޮތުގައި 10،000ރ. ދައްކަން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރީން ބުންޏެވެ.

ފީތަކާ ގުޅޭ އިތުރު މައުލޫމަތު އެ މިނިސްޓަރީގެ ނަންބަރު، 1500 އަށް ގުޅައިގެން ނުވަތަ، [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ ކަމަށް އެ މިނިސްޓަރީން ބުންޏެވެ.