Advertisement

ސައިކަލެއްގެ މަޑިދަށުން 400،000ރ. ވަގަށްނެގި ކަމަށް ތުހުމަތުވާ ޖަހަންގިރު ބުނީ އޭނާ ފްރޭމް ކުރަނީ ކަމަށް

މާލެގައި މީގެ ކުރިން ހިނގި ހާދިސާއަކާ ގުޅިގެން ފުލުހުން ހަރަކާތްތެރި ވަނީ -- ފޮޓޯ: އަދަދު ފައިލް


ސައިކަލެއްގެ މަޑިދަށުން 400،000ރ. ވަގަށްނެގި ކަމަށް ތުހުމަތުވާ ޖަހަންގިރު ބުނީ އޭނާ ފްރޭމް ކުރަނީ ކަމަށް

ސައިކަލެއްގެ މަޑިދަށުން 442،275ރ. ވަގަށް ނެގި ކަމަށް ތުހުމަތު ކުރަނީ ވިޔަފާރިއެއްގެ މައްސަލައިގައި ފްރޭމް ކުރަން ކަމަށް ފުލުހުންގެ ހައްޔަރުގައި ހުރި ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަހަންގިރު އާލަމް 45، ކްރިމިނަލް ކޯޓުގައި އިއްޔެ ބުނެފި އެވެ.

ވައްކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޖަހަންގިރު ހައްޔަރު ކުރީ މިމަހުގެ 12، ގަ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ޖެހިގެން އައި ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ 15 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށްފަ އެވެ.

ބަންދުގެ މުއްދަތު މުރާޖައާ ކުރަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު ފަސް ދުވަހަށް އޭނާ ބަންދުކުރަން އަމުރުދީފަ އެވެ. ކޯޓުގައި އިއްޔެ އޭނާ ބުނެފައި ވަނީ ސައިކަލުގެ މަޑި ދަށުން ނެގީ ފައިސާ ނޫން ކަމަށާއި ވިޔަފާރިއެއްގެ މައްސަލައިގައި އޭނާ ފްރޭމް ކުރަނީ ކަމަށެވެ.

ޖަހަންގިރާ ދެކޮޅަށް ފުލުހުން ވަނީ ހެކީގެ ގޮތުގައި ސައިކަލެއްގެ މަޑި ފޭކޮށްގެން އެއްޗެއް ނަގާތަން ފެންނަ ސީސީޓީވީ ފުޓޭޖެއް ހުށަހަޅައިފަ އެވެ. އޭގެއިތުރުން ވެސް ވައްކަން ކުރި ކަމުގެ ތުހުމަތު ވުޖޫދުވާ މިންވަރަށް ހެކި ހުށަހަޅައިފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ޖަހަންގީރުގެ ވަކީލު ބުނެފައި ވަނީ މިހައިތަނަށް އެ މައްސަލައިގައި ފުލުހުން ޖަހަންގިރު އާ ސުވާލު ވެސް ކޮށްފައި ނުވާ ކަމަށެވެ. އަދި، މައްސަލައިގެ ތަހުގީގު ކުރިއަށް ދާގޮތް ވެސް ވަރަށް ލަސްކަން އޭނާ ފާހަގަކޮށްފައިވެ އެވެ.

ޖަހަންގިރު އަކީ ރާއްޖޭގައި ގަވާއިދާ އެއްގޮތަށް އުޅޭ ބިދޭސީއެކެވެ. އޭނާގެ ދިވެހި ދެ އަނބިން ތިބޭއިރު، އޭގެތެރެއިން އެކަކަށް ތިން ކުދިން ލިބިފައިވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ އަމުރުން އެނގެ އެވެ.