Advertisement

ސިޔާސީ މަގާމުތައް ގިނަކޮށް، އިންތިހާބީ މަގާމުތައް މަދުކުރަނީ؟

9 ޖުލައި 2024 - 12:41 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ސިޔާސީ މަގާމުތައް ގިނަކޮށް، އިންތިހާބީ މަގާމުތައް މަދުކުރަނީ؟

9 ޖުލައި 2024 - 12:41 1

ރާއްޖޭގައި މިއޮތީ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި ރައްޔިތުން އިންތިހާބު ކުރާ ވެރިކަމެކެވެ. ގައުމުގެ ވަލިއްޔުލް އަމްރު އިންތިހާބު ކުރަނީ ވޯޓަކުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ހުންނަ މަންދޫބު އިންތިހާބު ކުރަނީ ވޯޓަކުންނެވެ. އަތޮޅާއި ރަށަށް ވެސް ބަސް ކިޔޭނީ ވޯޓުން ކުރި ހޯދައިގެންނެވެ.

އެއީ ކަރުދާހުގައި ވަރަށް ފުރިހަމަ ނިޒާމަކެވެ. ކަން މިހެން އޮތަސް, ރައްޔިތުންގެ ފަރާތުން ރައްޔިތުން ތަމްސީލު ކުރުމަށް އިންތިހާބު ކުރާ މެންބަރުންގެ އަދަދު ކަނޑައަޅާ ފޯމިއުލާ "ޖަޕާނު މަހެއް" ގެ ގޮތުގައި އޮތް އޮތުމަކީ ގިނަ ދިވެހިންނަށް ގަބޫލުކުރަން އުނދަގޫ ކަމެކެވެ. ބޭސްނުކުރެވި އޮތް ބޮޑު ބަލިމަޑުކަމެކެވެ.

ދައުލަތުގެ މާލިއްޔާއަށް އަވަސް ފަރުވާ ބޭނުންވެފައިވާއިރު މި ބަލިމަޑުކަމަށް ވެސް ބޭހެއް ހޯދަން ޖެހެ އެވެ. އެ ބަހުސް ހިނގަމުން ދަނިކޮށް ހެންވޭރު ކޮޅުގައި ހުންނަ ޕީއެންސީގެ ހަރުގޭގައި އާދިއްތަ ދުވަހުގެ ރޭ ރައީސް އިއުލާނު ކުރެއްވީ ހަމައެކަނި މަޖިލީހަށް ގެންނަ ބަދަލުތަކުން މާލިއްޔާއަށް ދޭ ފަރުވާތަކެއް ނޫނެވެ.

ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި އެންމެފަހުން ގޮސް މިނިވަން މުއައްސަސާތައް ސައިޒުން ކުޑަކޮށް, އެފިޝިއެންޓް ކުރެއްވުމަށް ހުށަހެޅުއްވި ހުށަހެޅުންތަކެކެވެ. އެ ވާހަކަތައް ކަނުލައި އަޑުއެހި މީހުންނަށް އެއްބަސްވެވޭ ފަރުވާތަކާއި އެއްބަސް ނުވެވޭ ފަރުވާތަކެއް އެމަނިކުފާނު ހިއްސާކުރެއްވި އެވެ.

ނަމަވެސް, މަޖިލީހުގައި ބަހުސްކޮށް, ބިލު ފާސްކޮށް, އެންމެފަހުން ރައްޔިތުން ވޯޓު އަޅައި ނިމެންދެން ދައުލަތުގެ މާލިއްޔާއަށް ފަރުވާ ދިނުން ސްޓޭންޑް ބައިގައި ބޭއްވެން ނެތް ކަމާ ދެބަސްވާނެ މީހަކު ނުހުންނާނެ އެވެ.

އެކަން ފެށެން ޖެހެނީ ސަރުކާރާ ހަމައިންނެވެ. ވަކިން ހާއްސަކޮށް އިންތިހާބީ މަގާމުތައް މަދުކުރުމުގެ ވާހަކަ ދައްކަވާއިރު އޭގެ ކުރިން ނުވަތަ އެ ވާހަކައާ އިންވެގެން މާލިއްޔާ ވެންޓިލޭޓަރަށް ވައްޓާލި ސިޔާސީ މަގާމުތަކުގެ ވާހަކަ ދައްކަން ޖެހެ އެވެ. އަދަދުތައް ހާމަކުރަން ޖެހެ އެވެ. މަދުކުރީ ކިހާ ވަރެއްކަން, މާލިއްޔަތަށް އޮތް ލޯޑުން ކުޑަވީ ކިހާ މިންވަރެއްކަން ވަޒަން ކުރެވޭނީ އެއިރުންނެވެ.

ރައީސް ހުށަހެޅުއްވި ބަދަލުތައް

ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ހުށަހެޅުއްވި ހުށަހެޅުމަކީ އަދި ވަކި ބަހުސެކެވެ. މިޑް ޓާމް އިންތިހާބަކާއި ދެ އިންތިހާބު އެކީއެކަށް ބޭއްވުމުގެ ބަހުސް ރައްޔިތުންގެ މެދުގައި ގަދައަށް ކުރެވެން ޖެހެ އެވެ. ހަމައެކަނި ހަރަދުގެ ނަޒަރުން ބަލައިގެން ދުސްތޫރީ ނިންމުމެއް ނިންމުމަކީ އިންސާފަކަށް ނުވާނެ އެވެ.

މަޖިލީހުގެ އަދަދު 77 އަށް ހެދުމަށް ރައީސް ހުށެޅުއްވި އެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކުން ވަރަށް ގިނަ މުއައްސަސާތައް އުފައްދާފައިވާ ކަމަށާއި އިހުލާސްތެރި މަސައްކަތެއް ކުރަން "ބޮޑު ޓީމެއް" ބޭނުން ނުވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެއަށްފަހު ހުށަހެޅުއްވި ބައެއް ކޮމިޝަންތައް އުވާލައި އަނެއް ބައި ކޮމިޝަންތައް އެއްކޮށްލެއްވުމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ފަސް މީހުން، ހަތް މީހުން، 10 މީހުން، މިހާ ގިނަ އަދަދަކަށް ކޮމިޝަންތަކުގައި މެންބަރުން ތިބޭކަށް ނުޖެހޭ. އިހުލާސްތެރިކަމާއެކީގައި ތެދުވެރިކަމާއެކީގައި ރައްޔިތުންނާ އެކީގައި ކަމެއް ކޮށްދޭކަށެއް ބޮޑު ޓީމެއް އޮންނާކަށް ނުޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ގަބޫލުކުރައްވާ ގޮތުގައި މިހާރު ތިބި އަދަދަށް ކައުންސިލަރުން ބޭނުމެއް ނުވެ އެވެ. ރަށްރަށުގެ އާބާދީއަށް ބަލައި ކައުންސިލަރުންގެ އަދަދު މަދުކުރުމަކީ އެމަނިކުފާނު ގާނޫނަށް ގެނަނަވަން ހުށަހަޅުއްވާނެ އިސްލާހެކެވެ.

ކައުންސިލަރުންގެ ހޭދައަށްވުރެ ސިޔާސީ މަގާމުތަކުގެ ހޭދަ ބޮޑުވާނެ

ރާއްޖޭގައި ތިއްބެވީ 980 ކައުންސިލަރުންގެ ތެރޭގައި 18 އަތޮޅު ކައުންސިލް ރައީސުންނާއި ހަތަރު މޭޔަރުން ހިމެނެ އެވެ. އެ ބޭފުޅުންގެ މުސާރަ ބޮޑުކުރުމުން މަހަކު އެކަމަށް ދައުލަތުން ހޭދަކުރަނީ 778,000ރ. އެވެ. އަހަރަކު 9.3 މިލިއަން ރުފިޔާ އެވެ. ދެން މި އަދަދާ އަޅައިކިޔާށެވެ.

ސަރުކާރުން ސްޓޭޓް މިނިސްޓަރުންގެ މުސާރަ ދޭ 85 ބޭފުޅުންނަށް މަހަކު 3,697,500ރ. ބަޖެޓުން ހޭދަވެ އެވެ. އަހަރަކު 44 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ.

ރަށު ކައުންސިލް ރައީސެއްގެ މުސާރައަކީ 25,500ރ. އެވެ. ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރައަކީ 31,500ރ. އެވެ. ރާއްޖޭގެ 179 ރަށެއްގައި ތިއްބެވި ކައުންސިލް ރައީސުންގެ މުސާރައަށް މަހަކު 4,564,500 ހޭދަވެ އެވެ. އެއީ އަހަރަކު 54 މިލިއަން ރުފިޔާ އެވެ.

ނަމަވެސް, ސަރުކާރުގައި ތިބި ކަމަށް ލިޔެކިޔުމުން ފެންނަ 180 ޑެޕިއުޓީ މިނިސްޓަރުންގެ މުސާރައަށް މަހަކު 5,670,000ރ. އަދި އަހަރަކު 68 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.

ރަށު ކައުންސިލް މެންބަރަކަށް ލިބެނީ 18,000ރ. އެވެ. ސަރުކާރުގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކަށް 25,500ރ ލިބޭއިރު ޕޮލިޓިކަލް ޑިރެކްޓަރަކަށް ވެސް 20,500ރ. ލިބެ އެވެ. ބައެއް ކައުންސިލަރުން ވެރިކަން ބަދަލުވުމާއެކު އިސްތިއުފާ ދެއްވުމަށް ފަހު ވެރިރަށުގެ އޮފީހަކަށް ބަދަލުވި އެއް ސަބަބަކީ އެއީ އެވެ.

ސަސްޕެންޝަނުގައި ދެ ތިން ސިޔާސަ ވަޒީރުން ތިއްބެވިޔަސް ސިޔާސީ މަގާމުތަކުގެ އަދަދު ހާހުން ނެއްޓި ގޮސް ދެ ހާހާ ގާތްކޮށްފި އެވެ. މުސާރަ ބިލު ޔަގީނުން ވެސް ބޮޑީ މައި ސަރުކާރުގެ އެވެ.

ހަނދާނުގައި ބަހައްޓަންވީ ކަމަކީ 2021 ގައި އިންތިހާބު ކުރީ 980 ކައުންސިލަރުން ކަމެވެ. ސަރުކާރުގެ މަގާމުތަކަށް ވުރެ ނިސްބަތުން މުސާރަ ކުޑަކޮށް ވޯޓަކުން އިންތިހާބުވެފައި ތިބި ބައެކެވެ. ފަތްކޮޅެއް ލިބި އައްޔަނުވީ ބައެއް ނޫނެވެ.

ވަގުތުން ކުރެވޭ ކަންކަން ކުރުން މުހިންމު

މި އަމަލުކުރަމުންދާ ދުސްތޫރީ ނިޒާމަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ގަބޫލުކުރައްވަ އެވެ. އެ ހިސާބަށް ކަންކަން ދާން ޖެހޭނީ ރައްޔިތުންގެ މެދުގައި ފުޅާ ދާއިރާއެއްގައި ހިޔާލާއި މަޝްވަރާ ބަދަލުކޮށްގެންނެވެ. ފައްޔާޒު ސިފަކުރެއްވި ގޮތުގައި ރައީސް ހުށަހެޅުއްވި ބަދަލުތަކަކީ "ދެބޯގެރި ދުއްވުމުގެ" ގޮތުން ކުރެއްވި ކަމެކެވެ.

"މާލިއްޔަތު ރަނގަޅު ކަމަށް ވަޒީރުން ވިދާޅުވާއިރު އާންމު ރައްޔިތުން ހިތި ބޭސް ބޯންޖެހޭ ވާހަކަ ދެއްކީމައި މާލިއްޔަތު އަދި އިގްތިސާދު ރަނގަޅަށް އޮތަސް ރައްޔިތުން އަދި އިންވެސްޓަރުންނާއި ފައިނޭންސަރުންގެ އިތުބާރު ގެއްލި ނުބައި ދިމާލަކަށް ގޮސްދާނެ. ގެންނަށް ހުށަހަޅާފައި ހުރި ބަދަލުތަކުގައި އިހުލާސްތެރިކަމެއް ހުރި ކަމަކަށް ނުފެނޭ," އެކްސްގައި އިއްޔެ އޭނާ ވިދާޅުވި އެވެ.

ހަރަދު ކުޑަކުރުމަށް ބަދަލުތަކެއް ރައީސް ހުށަހެޅުއްވިއިރު ވިޔަފާރިތަކާއި ކިޔަވަން ބޭރުގައި ތިބި ދަރިވަރުންނަށް ދޭން ޖެހޭ ފައިސާ ދޭނެ ގޮތެއްގެ ވާހަކަ ސަރުކާރުން ހާމަކުރަން ޖެހޭ ކަމަށް ފައްޔާޒު ދެކެވަޑައިގަންނަވަ އެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު ނޭނގުމަކީ ގިނަ ބައެކޭ އެއްގޮތަށް އޭނާގެ ވެސް ކަންބޮޑުވުމެކެވެ.

"ސިޔާސީ މުވައްޒަފުން ކިހާވަރެއްތޯ، ރައްރަށުގެ ކައުންސިލަރުން މަދުކުރުމުގެ ކުރިން, ސިޔާސީ މުވައްޒަފުން ވައުދާ އެއްގޮތަށް މަދުކުރޭތޯ، މި ކަންކަން ހާމަކުރުމަކީ އެއްވެސް ވަރަކަށް އުނދަގޫކަމެއްނޫން އަދި މި ވަގުތުވެސް ސަރުކާރަށް އެނގެންޖެހޭ މައުލޫމާތު. ނޭނގޭނަމަ އެއީ އަދި މާ ކަންބޮޑުވާންޖެހޭ ކަމެއް," ފައްޔާޒު ވިދާޅުވެފައިވެ އެވެ.

އެހެނަސް އެރޭ ރައީސްގެ ވާހަކައިގައި ވެސް އަދި ސަރުކާރުން ވެސް އަދަދެއް ހާމަައެއް ނުކުރެ އެވެ. ލިބުނު މަދު މައުލޫމާތުން ޖެހި ހިސާބުން ވެސް ސަރުކާރުން ވައުދުވި 700 ގެ ލިމިޓު ހަމަވެއްޖެކަން ޔަގީން ކުރެވެ އެވެ. މުވައްޒަފުންނަށް މުސާރަ ދޭން ކުރާ ހޭދަ ބޮޑުވެ މާލިއްޔަތަށް އޮތް ބުރަ ބޮޑުވެފައިވާކަން އެއީ އެންމެން ދަންނަ ހަގީގަތެކެވެ.

ލާމަރުކަޒީ ނިޒާމާ ދެކޮޅު ވިސްނުމެއް

ގިނަ މީހުންގެ ބައިވެރިވުން އޮތުމަކީ ޑިމޮކްރަސީގެ އަސާސެކެވެ. ލާމަރުކަޒީ ނިޒާމުގެ ހަގީގީ އެސެންސަކީ ރައްޔިތުންގެ ބާރުވެރިކަމެވެ. ކައުންސިލަރުންގެ އަދަދު ދެތިން ކައުންސިލަރުންނަށް ބަދަލު ކުރުމުގެ ވާހަކަ ދައްކަން ޖެހޭނީ އިމެއް ނެތި އައިންއައިނަށް އައްޔަނުކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ ވާހަކައަށް ފަހެވެ.

ކައުންސިލްތަކުގައި ތިން މެންބަރުން, ފަސް މެންބަރުން, ހަތް މެންބަރުން ތިބެގެން ވެސް ޕާފޯމް ކޮށްފައި ވެސް އެބަ ހުއްޓެވެ. ހަމަ އެގޮތަށް ނުކުރާ ކައުންސިލްތައް ވެސް އެބަހުއްޓެވެ. އަދަދު ބޮޑުވެގެން ނުވަތަ ކުޑަވެގެން ކައުންސިލްތަކުގެ އެފިޝެންސީއަށް އައީ ކޮން ބަދަލެއްކަން އެނގޭނީ އިލްމީ ދިރާސާއެއް ކޮށްގެންނެވެ.

ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމުގެ ބަހުސް އެބައޮތެވެ. އެކަމުގައި އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވަނީ އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އޭނާ އެކަން ސިފަކުރަނީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލުމުގެ ގޮތުގަ އެވެ.

"ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން، އަނެއްކާވެސް ރަށްރަށުގެ އާންމު ހާލަތު ސާފު ނުވާ ބަޔަކު މާލޭގެ ފިނި ކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެ ފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ. ދައުލަތުގެ ކަންކަން ހިންގަން ނޭނގިގެން ގައުމު ބަނގުރޫޓުގެ މަގަށް ފުރޮޅެން ފެށީމައި ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން," ޝާހިދު ވިދާޅުވެފައިވެ އެވެ.

ކައުންސިލްތައް ހިންގަނީ ދައުލަތުގެ ބަޖެޓުގެ ހިއްސާއެއް ލިބޭ ގޮތަށެވެ. މިލިއަނުން އާމްދަނީ ވަންނަ ކައުންސިލްތައް އެބަހުއްޓެވެ. މި ކައުންސިލްތައް ތަމްސީލުކުރަނީ މިލިއަނުން ދައުލަތަށް އާމްދަނީ ވައްދާ ރަށްތަކުގައި އުޅޭ ރައްޔިތުންނެވެ.

އެ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ހަރަދު ކުރަން މާލޭގައި ބޮޑު މުސާރަ ދީފައި އެތައް ސަތޭކަ ބަޔަކު ބައިތިއްބާނަމަ އެ ރައްޔިތުންގެ ވޯޓުން ފަސް އަހަރުން އިންތިހާބު ކުރާ މީހުން އެ މަގާމުތަކުގައި ތިބުން މާ ހައްގުވެރި އެވެ. އިންތިހާބީ މަގާމުތައް މަދުކުރުމަށް ސަރުކާރުގެ އިހުލާސްތެރިކަމެއް އޮތިއްޔާ ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކޮށް, އެ މަގާމުތައް މަދުކުރަން ޖެހެ އެވެ.