8 ޖުލައި 2024 - 09:48 1
8 ޖުލައި 2024 - 09:48 1
މިއުނިކް (ޖުލައި 8) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ސްޕެއިން އަތުން 2-1 އިން ބަލިވެ، ޖަރުމަނު މުބާރާތުން ކެޓިއިރު، އެ ނަތީޖާ އެ ގޮތަށް ނުކުތުމުގައި މެޗުގެ ރެފްރީ އެންތަނީ ޓޭލާ ގޯސްތަކެއް ހަދާފައިވާ ކަމަށް ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅުގައި ސްޕެއިނުގެ ޑެނީ އޯލްމޯ އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް، ޖަރުމަނުގެ ފްލޯރިއަން ވާޓްޒް ވަނީ ލަނޑެއް ޖަހައި، އެއްވަރުކޮށްފަ އެވެ. ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހުނުއިރު، ސްޕެއިން މޮޅުވި ލަނޑު ޖެހީ އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ފަހު ވަގުތުގަ އެވެ.
ސްޕެއިނާއި ޖަރުމަނުގެ މެޗު އިންސާފުކުރި އިނގިރޭސި ރެފްރީ، އެންތަނީ ޓޭލާ ވަނީ އެ މެޗުގައި، 16 ރީނދޫ ކާޑު ދައްކައިފަ އެވެ. އޭގެ ތެރޭގައި، ސްޕެއިނުގެ ޑެނީ ކާވަހާލް އަށް ދެ ރީނދޫ ކާޑު ދެއްކުމަށް ފަހު ރަތް ކާޑެއް ދެއްކުން ވެސް ހިމެނެ އެވެ. މި މެޗުގެ ނަތީޖާ އަށް އަސަރުކުރާނެ އެންމެ ބޮޑު އެއް ނިންމުމަކީ، ސްޕެއިނުގެ ފުލްބެކް، މާކް ކުކުރޭލާ އަތުގައި އޭރިއާތެރެއިން ބޯޅަ ޖެހުނު ކަމަށް ބުނެ، ޖަރުމަނުން ކުރި އެޕީލް ކާމިޔާބު ނުވުމުވެ.
"އޭނަ (ރެފްރީ އެންތަނީ ޓޭލާ) އެބަހުރި ތަންކޮޅެއް ގިނައިން ސްޕެއިނާ އެއްކޮޅަށް ކަށިގަނޑު ފުމެފައި،" ހިތްހަަމަނުޖެހިފައި ހުރެ ނާގަލްސްމަން ބުންޏެވެ.
"އަހަރެމެންނަށް ނޭނގެ އެ ބޯޅަ އެހެން ގޮސްގެން ޕެނަލްޓީ ނުދޭންވީ ސަބަބެއް. ބޯޅަ ދަނޑުން ބޭރަށް ދެން އޮތް އަވަށަށް ދާ ވަރަށް ޖަހާއިރު އަތުގައި ޖެހިގެން ޕެނަލްޓީ ނުވިޔަސް، ގޯލާ ދިމާލަަށް ދާ ބޯޅައެއްގައި އަތް ޖެހިގެން ޕެނަލްޓީ ވާނެކަމަށް މި ބަލަނީ،"
ނާގަލްސްމަން، 36، އަކީ ޔޫރޯގެ ތާރީހުގައި ފެނިގެންދިޔަ އެންމެ ޒުވާން ކޯޗެވެ. ޖަރުމަނުން މުބާރާތުގެ ކުއާޓާ ފައިނަލުން ކެޓިއިރު، މިއީ ގަދަ އަށް ޓީމުގެ ބުރުގައި ޔޫރޯ ފުޓްބޯޅަ މުބާރާތެއްގެ ހޯސްޓް ކެޓި ފުރަތަމަ ފަހަރެވެ.
"ކުރެވުނު މަސައްކަތާ މެދު އަހަރެން ފަހުރުވެރިވޭ، މިއީ، ކުރިން މުބާރާތްތަކަށް ބަލާއިރު، ޖަރުމަނު ފުޓްބޯޅަ އަށް ދިރުން ލިބުނު މުބާރާތެއް،" ނާގަލްސްމަން ބުންޏެވެ.
ނާގަލްސްމަން ބުނީ މެޗަށް ފަހު، ޓީމުގެ ކުޅުންތެރިންނާ އެ ޓީމުގެ މިޑްފީލްޑަރު، ޓޯނީ ކްރޫސް ބައްދަލުކުރި ކަމަށެެވެ. އެ މެޗަށް ފަހު ފުޓްބޯޅަ އިން ރިޓަޔާކުރި ކްރޫސް ޓީމުގެ ކުޅުންތެރިންގެ ކިބައިން އެދިފައިވަނީ، މި ފަހަރު ލިބުނު ތަޖުރިބާއިން ފިލާވަޅު ދަސްކޮށް ކުރިއަށްދިއުމަށެވެ.
Comment