Advertisement

ނަހަމަ ގޮތުގައި ވިއްކި އެސެޓުތަކާއި ރާއްޖޭއިން ބޭރުގައި ފޮރުވާފައި ހުރި ވަގު ފައިސާ ހޯދަން ގާނޫނެއް ހަދަނީ

7 ޖުލައި 2024 - 22:28 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ނަހަމަ ގޮތުގައި ވިއްކި އެސެޓުތަކާއި ރާއްޖޭއިން ބޭރުގައި ފޮރުވާފައި ހުރި ވަގު ފައިސާ ހޯދަން ގާނޫނެއް ހަދަނީ

7 ޖުލައި 2024 - 22:28 0

ނަހަމަ ގޮތުގައި ވިއްކާފައި ހުރި ދައުލަތުގެ އެސެޓުތަކާއި ގެއްލިފައިވާ ފައިސާ އަދި ރާއްޖެއިން ބޭރުގައޮ ފޮރުވާފައި ހުރި ވަގު ފައިސާ ހޯދަން ގާނޫނެއް ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަން ހިންގާ ޕީއެންސީން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ވައްކަންކޮށްފައިވާ މީހުންނަށް ހަގީގީ އަދަބު ލިބިދޭންޖެހޭ ކަމަށެވެ.

"ކޮރަޕްޝަންގެ އެކި ކަހަލަ ނުބައި އަމަލުތައް ހިންގައިގެން ރައްޔިތުންގެ ފައިސާއިން ކޮށްފައިވާ ވައްކަންތައް ބަލައި ހަގީގީ އިހުލާސްތެރި ގޮތެއްގައި އެކަންކަން ބަލައި އެ ވައްކަން ކުރި ފަރާތްތަކަށް ދޭންޖެހޭ އަދަބު ދީ، އެ އެސެޓުތައް ރިކަވާ ކުރެވެންޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކަން އެންމެ ރަނގަޅަށް ކުރެވޭނީ ގާނޫނެއް ހަދައިގެން ކަމަށެވެ.

"ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ވިއްކައި، ކުޑަ އަގުގައި ވިއްކައިގެން ފައިދާ ހޯދައި މިފަދަ ކަންކަން ކޮށްފައި ހުރި ފަރާތްތަކުގެ ކިބައިން އެ މުދާތައް ރިކަވާކޮށް، އެ ފައިސާ ރިކަވާކޮށް ރައްޔިތުންނަށް އެ ފައިސާއިން ފައިދާވާ ގޮތަށް ފައިސާ ހޯދުން މީގެ ތެރެއިން [ހިމެނޭ]،" އެމަނިކުފާނު ވިދާޅުވި އެވެ.

އެ ގާނޫނު ފަރުމާ ކުރާއިރު، ރާއްޖެއިން ބޭރުގައި ރައްކާކޮށްފައި ހުރި ވަގު ފައިސާ ވެސް ހޯދަން ފަސޭހަވާނެ ގޮތަކަށް ގާނޫނު ބައްޓަން ކުރައްވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެއިރުން އިރާދަކުރެއްވިއްޔާ ހަމައެކަނި ރާއްޖޭގައި ވައްކަންކޮށްގެން ރައްކާކޮށްފައި ހުރި ފައިސާއެއް ނޫން ރާއްޖެއިން ބޭރަށް ގެންގޮސްފައި އެއްޗެއް ހުރިއްޔާ އެ ވެސް ހޯދުމުގައި މިހާރަށްވުރެ ފަސޭހަވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ނަހަމަ ގޮތުގައި އެސެޓުތައް ވިއްކުމުގެ އެންމެ ބޮޑު މައްސަލައަކީ އެމްއެމްޕީއާރްސީން ހިންގި 1.3 ބިލިއަން ރުފިޔާގެ ހިޔާނާތް ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވި އެވެ. އެކަމުގައި ޝާމިލުވާ އެންމެނަށް އަދަބު ލިބެންޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުން ގެއްލުނު ފައިސާ ހޯދައި އެ ވައްކަމުގައި ބައިވެރިވި އެންމެންނަށް އަދަބު ދެއްވާނެ ކަމަށް ވެސް މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ފައިސާ ހޯދަން. އެމްއެމްޕީއާރްސީގެ މައްސަލަ މީގެ ތެރެއިން ބަލާއިރު އެންމެ ބޮޑު މައްސަލައަކީ. އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ، އެއީ ކޮންމެ މީހެއްކަމުގައި ވިޔަސް އެމީހަކަށް ދޭންޖެހޭ ހައްގު އަދަބު މި ސަރުކާރުން ދީ އެ ފައިސާ ރައްޔިތުންނަށްޓަކައި ހޯދުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.