7 ޖުލައި 2024 - 22:40 0
ނިމާ ހަސަން
ޑިފެންސް މިނިސްޓަރު ޣައްސާން; ރައީސް ވިދާޅުވީ އެތައް ހާސް ސިފައިން ތިބި ވާހަކައެއް ނޫން ކަމަށާއި ތިބި ނަމަ ފޮނުވާލާނެ ވާހަކަ ކަމަށް ވިދާޅުވި - ފޮޓޯ: އަދަދު
7 ޖުލައި 2024 - 22:40 0
ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވީ ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ތިބި ވާހަކަ ނޫން ކަމަށާއި ވިދާޅުވީ އެތައް ހާސް ސިފައިން ތިބި ނަމަވެސް ފޮނުވާލާނެ ވާހަކަ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ޣައްސާން ވިދާޅުވީ, ބައެއް މައުލޫމަތުތަކަކީ ވެރިކަމުގައި ނެތް ބަޔަކަށް ލިބޭނެ މައުލޫމާތެއް ނޫން ކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ކުރިން ރައީސަށް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭރަކު [ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން] އެމަނިކުފާނަކަށް ރާއްޖޭގައި ގާއިމުވެތިބި ސިފައިންގެ އަދަދެއް އެނގިވަޑައިގަންނަވާނެ އެއްވެސް ގޮތެއް ނޯންނާނެ. ސަބަބަކީ [ރައީސް މުއިއްޒު] ހުންނެވީ ސަރުކާރުން ބޭރުގައި ކަމަށްވާތީ," ޣައްސާން ވިދާޅުވި އެވެ.
ޣައްސާން ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތް ކުރެއްވުމަށް, ބޭރުގެ އެއްވެސް ފަރާތަކަށް ހުރަސް ނުކުރެވޭ ގޮތަށް ވަރަށް ފަލަ ރަތް ރޮނގެއް ދަންމަވާލެއްވި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ވެރިކަމަށް ވަޑައިގެން, އިންޑިއާ ސިފައިން ފޮނުވާލުމަށްޓަކައި އެންމެ ފުރަތަމަ ކުރެއްވި ކަމަކީ, ރާއްޖޭގައި ގާއިމުވެތިބި ސިފައިންނަކީ ކޮންތާކު, ކިހާ މިންވަރަކަށް, ކޮން ކަމެއް ކުރަން ތިބި ބައެއްތޯ ސާފުކޮށް, އެ މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުން ކަމަށެވެ.
ރައީސްއަކީ ސިފައިންގެ އެންމެ މަތީ ވެރިޔާގެ އިތުރުން ހާރިޖިއްޔާގެ އެންމެ މަތީ ވެރިޔާކަން ފާހަގަކޮށް ޣައްސާން ވިދާޅުވީ, ރާއްޖެއިން ބޭރުގެ ސިފައިން ގައުމުން ބޭރުކުރީ އެއްވެސް ގައުމަކާއި ހަތުރުވެރިނުވެ, ޑިޕްލޮމެސީ އިސްކުރައްވައިގެން ކަމަށެވެ.
"މިދިޔަ މޭ މަހު 9 ވަނަ ދުވަހުން ފެސިގެން މި ބިމަކު, ސާބިތުވެ, ބޭރުގެ އެއްވެސް ސިފައިންގެ މީހެއް.. އިންޑިއާގެ އެއްވެސް ސިފައިންގެ މީހެއް ނެތް. އެމީހުން ވަނީ ފައިބައިގެން އެނބުރި ގޮސްފައި, މިރޭ ވެސް ދިވެހި ރައްޔިތުންނަށް އަޅުގަނޑު އެކަން ކަށަވަރުކޮށްދެން," ޣައްސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމަށްފަހު ރައީސްގެ ވިސްނުންފުޅާއެކު މިހާރު ކުރަނީ ދިވެހި ސިފައިންގެ ގާބިލިއްޔަތުކަން އިތުރު ކުރުމުގެ މަސައްކަތް ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment