Advertisement

ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އޮލިމްޕިކް ޑޭ ފާހަގަކޮށްފި

6 ޖުލައި 2024 - 18:43 0

މިއަދު ހެނދުނު އޮލިމްޕިކް ޑޭ ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވުނު އިވެންޓްގެ ތެރެއިން.--- ފޮޓޯ: އަދަދު


ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އޮލިމްޕިކް ޑޭ ފާހަގަކޮށްފި

6 ޖުލައި 2024 - 18:43 0

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އިން އިސް ނަގައިގެން، ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި "އޮލިމްޕިކް ޑޭ" ފާހަގަކޮށްފި އެވެ.

އެ ގޮތުން، ފުރަތަމަ ހަރަކާތް ކުރިއަށްދިޔައީ މިއަދު ހެނދުނު މާލޭގަ އެވެ. އެ އިވެންޓްތައް ފެށުމުގެ ގޮތުން، "އޮލިމްޕިކް ޑޭ ރަން" ކުރިއަށް ގެންދިޔައީ، އާޓިފިޝަލް ބީޗުން ފެށިގެން، 1.2 ކިލޯމީޓަރު ދުވުމެއް، ގަލޮޅު ދަނޑަށް ނިންމާ ގޮތަށެވެ.

މި އިވެންޓްގައި، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އަދި އެކިއެކި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންނާއި އެތުލީޓުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މިއަދު ބޭއްވި އިވެންޓްގެ ތެރެއިން ސްޕޯޓްސް މިނިސްޓަރު ރާފިއު (ކ) އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު.-- ފޮޓޯ: އަދަދު


އެ އަށް ފަހު، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގެ ރައީސް ތޯމަސް ބަކްގެ މެސެޖެއް ހުރިހާ އެތުލީޓުންނަށް ހިއްސާކޮށްދެއްވީ، އޮލިމްޕިކް ކޮމިޓީގެ ރައީސް، ސައްތާރު ދެއްކި ވާހަކައިގަ އެވެ. އަދި ސްޕޯޓްސް މިނިސްޓަރު، ރާފިއުގެ ވާހަކައިގައި ވެސް ވަނީ "އޮލިމްޕިޒަމް"ގެ މުހިންމުކަން ފާހަގަކުރައްވައި، އެތުލީޓުން މުސްތަގުބަލެއް ގާއިމްކުރަން މަސައްކަތް ކުރަން ހިތްވަރު ދެއްވައިފަ އެވެ.

އެ ބައިތަކަށް ފަހު، ދެން އޮތީ، ޒުމްބާ އާއި އެކިއެކި ހަރަކާތްތަކެވެ.

މާލޭގެ އިވެންޓްތައް، ހެނދުނު ނިންމާލިއިރު، ދެން، މީގެ އިވެންޓްތައް ކުރިއަށްގެންދަން ކަނޑައަޅާފައި އޮތް، ތިން ރަށް ކަމަށްވާ، ތ. ގުރައިދޫ، ހދ. ކުޅުދުއްފުށި އަދި ޅ. ނައިފަރުގައި އިވެންޓްތައް ކުރިއަށްދިޔައީ މިއަދު ހަވީރު އެވެ.

ކޮންމެ އަހަރެއްގައި ވެސް، ޖޫން 23 ވަނަ ދުވަހު އޮލިމްޕިކް ޑޭ ގެ ގޮތުގައި ފާހަގަކުރެ އެވެ. ރާއްޖޭން ސީދާ އެ ދުވަހު، މި ހަރަކާތްތައް ކުރިއަށް ނުގެންދިޔައީ ވީހާ ވެސް ގިނަ ފަރާތްތަކަށް ބައިވެރިވެވޭ ތާރީހެއްގައި ކުރިއަށް ގެންދިއުމުގެ ބޭނުމުގަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ޓީޓީ ތަރި ދީމާ (ކ) އާއި ގައމީ ޓީޓީ ޓީމުގެ ލައިސާ.-- ފޮޓޯ: އަދަދު