Advertisement

މާލީ ބަޔާން ހާމަނުކުރާ ކަމަށް ޓްރާންސްޕޭރެންސީ އިން ބުނީ އުސޫލު ސާފުނުކޮށް: މަޖިލިސް

4 ޖުލައި 2024 - 10:34 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މާލީ ބަޔާން ހާމަނުކުރާ މައްސަލާގައި ޓްރާންސްޕޭރެންސީ އިން ޕޯސްޓުކުރީ އުސޫލު ސާފުނުކޮށް ކަމަށް މަޖިލީހުން ބުނެފި - ފޮޓޯ: މަޖިލިސް އިދާރާ


މާލީ ބަޔާން ހާމަނުކުރާ ކަމަށް ޓްރާންސްޕޭރެންސީ އިން ބުނީ އުސޫލު ސާފުނުކޮށް: މަޖިލިސް

4 ޖުލައި 2024 - 10:34 0

އަލަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މާލީ ބަޔާންތައް ހުށަނާޅާ މައްސަލާގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އެކަމާ ގުޅޭ އުސޫލުތައް ސާފުނުކޮށް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޭރެންސީއިން އިއްޔެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މަޖިލިސް މެންބަރުންގެ ހިއްސާ ވިޔަފާރިތަކުގައި އޮތީ ކިހައިވަރަކަށްކަން އެ ބޭފުޅުންނަށް ވޯޓު ދިން ރައްޔިތުންނަށް ސާފު ވާން ޖެހޭނެ ކަމަށެވެ.

މިކަމަށް ރައްދުދީ މަޖިލީހުންގެ ރަސްމީ އެކްސް އެކައުންޓުން ރޭ ކޮށްފައިވާ ޕޯސްޓެއް ބުނީ، މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން މެންބަރުންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭނީ މެންބަރު ކަމުގެ ހުވާކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަސް ވުމުން ކަމަށެވެ.

"އެހެންކަމުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅުއްވަންޖެހޭނީ އަންނަ އަހަރުގެ މޭ 28 ވަނަ ދުވަހަށް އެއް އަހަރު ފުރުމަށް ފަހު، އަންނަ އަހަރުގެ އޯގަސްޓް 31 ގެ ކުރިން،"

"ވީމާ، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހާމަކުރުމަށް ގޮވާލާ ޓުވީޓުކޮށްފައި ވަނީ މާލީ ބާޔާން ހާމަކުރަމުންދާ އުސޫލު ރަނގަޅަށް ސާފުނުކޮށް،" މަޖިލީހުން ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ނިމިދިޔަ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ފަސްވަނަ އަހަރުގެ އަންނަ އޮގަސްޓުގެ ނިޔަލަށް ހުށަހަޅަން ޖެހޭނެ ކަމަށާއި ފުރަތަމަ ހަތަރު އަހަރުގެ މާލީ ބަޔާން ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށްވެސް މަޖިލީހުން ބުނެފައިވެ އެވެ.

މެމްބަރުންގެ މާލީ ބަޔާން ހާމަނުކުރާ މައްސަލައިގައި ޓްރާންސްޕޭރެންސީން ގާނޫނަށް ނުބަލައި ބަސް ބުނި ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފައިވާއިރު، ޓްރާންސްޕޭރެންސީން އެއްވެސް ގާނޫނަކާ ހަވާލާދީ އެއްވެސް އެއްޗެކޭ ނުބުނެ އެވެ.