Advertisement

ސިޔާސީ މަގާމުތަކުގެ އަދަދު ހާމަނުކުރުމުން ރައީސް މުއިއްޒު ކުށްވެރިވެއްޖެ، އަދަބު ލިބޭނެ: އެމްޑީޕީ

3 ޖުލައި 2024 - 18:13 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްޑީޕީ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މަޖިލިސް


ސިޔާސީ މަގާމުތަކުގެ އަދަދު ހާމަނުކުރުމުން ރައީސް މުއިއްޒު ކުށްވެރިވެއްޖެ، އަދަބު ލިބޭނެ: އެމްޑީޕީ

3 ޖުލައި 2024 - 18:13 0

ހާމަ ކުރަންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމެއް ހާމަ ނުކޮށް ހުރުމަކީ ކުށެއް ކަމަށާއި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަ ނުކުރެއްވުމުން އެކަމުގެ އަދަބު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގަންނަވާނެ ކަމަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މައުރޫފް ވިދާޅުވީ ގާނޫނުގައި ހަމަ ކުރަންޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާ ކަމެއް ސިއްރު ކޮށްގެން ހުރުމަކީ ގާނޫނާ ހިލާފުވުން ކަމަށެވެ. ކުށަކަށް އެކަން ވަނީ އެހެންވެ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

"ގާނޫނުން ކަނޑައެޅިގެން ހާމަ ކުރަންޖެހޭނެ ކަމަށް ބަޔާން ކޮށްފައި އޮތް ކަމެއް ނުކުރުމަކީ ގާނޫނާ ހިލާފުވުން، އެހެންވީމާ، ގާނޫނާ ހިލާފުވުމަކީ ކުށްވެރިވުން، އެހެންވީމާ ރައީސް މުއިއްޒު މިހާރު އެހުންނެވީ ގާނޫނާ ހިލާފުވެފައި، އެއީ ކުށެއް، ކުށެއް ކުރައްވައިގެން އެ ހުންނެވީ، އެހެންވީމާ އެ ކުށުގެ އަދަބު ރައީސް މުއިއްޒުއަށް ލިބިވަޑައިގަންނަވާނެ، އެއީ އަޅުގަނޑުމެންނަށް ކުރެވެން އޮންނާނެ ކަމެއް، އެކަން ސާބިތު ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން، އެ ހާމަ ނުކުރުމުގެ ކުށް،" މައުރޫފް ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައި ތިބި މީހުންގެ އަދަދު ހާމަ ކުރުން ލާޒިމުވާ ގޮތަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމު މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރު ކޮށްލުމުން ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

މީކާއިލް ހުށަހެޅުއްވި ބިލު ބަލައިގަތުމަށް ވޯޓު ދިނީ އެމްޑީޕީގެ 11 މެންބަރުން އެކަންޏެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް 56 މެންބަރަކު ވޯޓު ދިނެވެ.

ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ އަދަދު ހާމަ ކުރަން ސަރުކާރުން އަންނަނީ ދެކޮޅު ހަދަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވެސް އެ މައުލޫމާތު ހާމަ ނުކުރާއިރު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވެސް ވަނީ އެ ސިޔާސީ މަގާމުތަކުގެ އަދަދުތައް ހާމަ ކުރަން ދެކޮޅު ހަދައިފަ އެވެ.

ނަމަވެސް އެއްވެސް މި ވެރިކަމުގައި އެއްވެސް މައުލޫމާތެއް ނުލިބިގެން ނޫސްވެރިން އުޅެން ނުޖެހޭނެ ކަމަށާއި މައުލޫމާތު ހޯދުމަށް އާރުޓީއައި ހުށަހަޅަން ނުޖެހޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި މައުލޫމާތެއް ނުލިބިއްޖެ ނަމަ ހުދު އެމަނިކުފާނު ވެސް އެކަމަށް އެޓެންޑުވެވަޑައިގަންނަވާނެ ކަމަށް ޑިސެމްބަރު 5، 2023، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

"އެއްވެސް ކަމެއް ފޮރުވައި، ޖަވާބުދާރީ ނުވެވޭ ކަމެއް ނޯންނާނެ. މައުލޫމާތު ހިއްސާ ކުރާނެ. ތިޔަބޭފުޅުން މިސާލަކަށް، އެކަހަލަ ހާލަތެއް ދިމާވެއްޖިއްޔާ، ހަމަ އަޅުގަނޑަށް ވެސް އިޝާރާތެއް ކޮށްލަންވީ. އަޅުގަނޑަށް ޔަގީން [އެފަދަ ހާލަތެއް] ދިމައެއްނުވާނެ،" ރައީސް ވިދާޅުވި އެވެ. "ތިޔަބޭފުޅުން އާރުޓީއައިއަށް ލާންޖެހޭ ހިސާބަކަށް ނުދާނެ. އަޅުގަނޑަކަށް ހިއެއްނުވޭ ދާންޖެހޭނެހެނެއް އިނގޭތޯ. ހުރިހާ މައުލޫމާތެއް ލިބެމުންދާނެ. އެއްވެސް ކަމެއްގައި ހިފެހެއްޓުމެއް ނާންނާނެ."

ސިޔާސީ މަގާމުތަކުގެ މައުލޫމާތު ދިނުމަށް ސަރުކާރުން ދެކޮޅު ހަދަމުންދާއިރު، ސަރުކާރުން ވަނީ އާރްޓީއައި ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ބިލެއް ހުށަހަޅަން ނިންމައިފަ އެވެ. ނަމަވެސް އެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތަފުސީލެއް ސަރުކާރުން އަދި ނުދެ އެވެ.