3 ޖުލައި 2024 - 15:29 0
3 ޖުލައި 2024 - 15:29 0
ޑަސެލްޑޯފް (ޖުލައި 3) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ބުރުން ފްރާންސް އަތުން ބެލްޖިއަމް ބަލިވި މެޗަށް ފަހު، ނޫސްވެރިންގެ ބައްދަލުވުމުގައި، ބެލްޖިއަމްގެ ރަން ޖީލުގެ ފެއިލްވުމެއް ކަމަށް ސުވާލުކުރުމުން، ބެލްޖިއަމްގެ ކެޕްޓަން، ކެވިން ޑި ބްރޭނާ ޖަވާބު ދޭން ދެކޮޅު ހަދައިފި އެވެ.
ފްރާންސް އަތުން، 1-0 އިން ބަލިވެ، ބެލްޖިއަމް މި ފަހަރުގެ ޔޫރޯ އިން ކެޓިއިރު، އެ ޓީމަށް އަނެއްކާ ވެސް މި ވަނީ ބޮޑު މުބާރާތެއްގައި އެކަށީގެންވާ ކާމިޔާބެއް ނުލިބި ފަރުޖައްސާލަން ޖެހިފަ އެވެ. އެއާ އެކު، މިއީ، ބެލްޖިއަމްގެ ފުޓްބޯޅައިގައި އޮތް ރަން ޖީލުގެ ފެއިލްވުމެއް ކަމަށް ގިނަ ބަޔަކު ސިފަކުރެ އެވެ. އެއާ ގުޅޭގޮތުން ޑި ބްރޭނާ އަށް ވަނީ ސުވާލު އަމާޒުވެފަ އެވެ.
"ކޮބާ ގޯލްޑަން ޖެނެރޭޝަން (ރަން ޖީލު) އަކީ،" ނޫސްވެރިޔާގެ ސުވާލަށް ޑި ބްރޭނާ ޖަވާބު ދިނެވެ.
އެއާ އެކު، ނޫސްވެރިޔާ ދެން ބުނެފައިވަނީ، ބެލްޖިއަމްގެ ރަން ޖީލުގެ ވާހަކަ އެވެ.
"ތި ބުނަނީ، ފްރާންސް، ސްޕެއިން، ޖަރުމަނުގައި ގޯލްޑަން ޖެނެެރޭޝަނެއް ނެތޭ؟ ތިއީ ބޭކާރު ސުވާލެއް،" ޑި ބްރޭނާ ބުންޏެވެ.
ބެލްޖިއަމްގެ ފުޓްބޯޅައިގެ ރަން ޖީލުގެ ވާހަކަ ދެކެވެން ފެށީ އެންމެ ފުރަތަމަ 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާ ހަމައިންނެވެ.
2014 ވަނަ އަހަރުގެ ވޯލްޑް ކަޕް: ކުއާޓާ ފައިނަލްގައި އާޖެންޓީނާ އަތުން 1-0 އިން ބަލިވި
2016 ޔޫރޯ: ކުއާޓާ ފައިނަލްގައި ވޭލްސް އަތުން 3-1 އިން ބަލިވި
2018 ވަނަ އަހަރުގެ ވޯލްޑް ކަޕް: ސެމީ ފައިނަލްގައި ފްރާންސް އަތުން 1-0 އިން ބަލިވިއިރު، ތިން ވަނަ ހޯދީ 2-0 އިން އިންގްލެންޑް ބަލިކޮށްފައި.
2020 ޔޫރޯ: ކުއާޓާ ފައިނަލްގައި އިޓަލީ އަތުން 3-1 އިން ބަލިވި.
2022 ވަނަ އަހަރުގެ ވޯލްޑް ކަޕް: ގްރޫޕް ސްޓޭޖުން ކެޓީ މޮރޮކޯ އާއި ކްރޮއޭޝިއާގެ ފަހަތުން ނިންމައިގެން
ޔޫރޯ 2024: ގަދަ 16 ބުރުގައި ފްރާންސް އަތުން 1-0 އިން ބަލިވި
މި ފަހަރުގެ ޔޫރޯ އަށް ފުރިހަަމަ ރެކޯޑަކާ އެކު ކުރިމަތިލި، ބެލްޖިއަމް ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުން 1-0 އިން ސްލޮވާކިއާ އަތުން ބަލިވިއިރު، ދެ ވަނަ މެޗުން ބެލްޖިއަމް ވަނީ 2-0 އިން ރުމޭނިއާ ބަލިކޮށްފަ އެެވެ. ތިން ވަނަ މެޗުގައި ބެލްޖިއަމް، 0-0 އިން ޔޫކްރެއިނާ އެއްވަރުވެ، ގަދަ 16 .ބުރަށް ބެލްޖިއަމް ދިޔައީ، ގްރޫޕްގެ ދެ ވަނައިގެ ގޮތުގަ އެވެ.
ޔޫކްރެއިނާ އެއްވަރުވި މެޗަށް ފަހު، ޑި ބްރޭނާ، ކުޅުންތެރިން ގޮވައިގެން ސަޕޯޓަރުންނަށް ތަރުހީބު ދޭން ދިޔަ ވަގުތު ސަޕޯޓަރުން ނުރުހިގެން އަޑުގަދަކުރަން ފެށުމުން ޑި ބްރޭނާ ވަނީ ކުޅުންތެރިން އަނބުރާލައިފައި، ޗޭންޖިން ރޫމަށް ދާން އިރުޝާދުދީފަ އެވެ. އެހެންވެ، މި ފަހަރުގެ ޔޫރޯގައި ބެލްޖިއަމް އަށް ނާކާމިޔާބު މި ވީ ސަޕޯޓަރުންގެ ނުރުހުން ވެސް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
Comment