Advertisement

ތިން ގައުމަކަށް ފޮނުވާ ސަފީރުންނާ ފަތްކޮޅު ހަވާލުކޮށްފި

3 ޖުލައި 2024 - 13:35 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ތުރުކީ، ޕާކިސްތާނު އަދި ބަންގްލަދޭޝަށް އައްޔަންކުރެއްވި ސަފީރުންނާ ރައީސް ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް


ތިން ގައުމަކަށް ފޮނުވާ ސަފީރުންނާ ފަތްކޮޅު ހަވާލުކޮށްފި

3 ޖުލައި 2024 - 13:35 0

ދިވެހި ސަރުކާރުން ތިން ގައުމަކަށް އައްޔަންކުރާ ސަފީރުންނާ މިއަދު ސަފީރު ކަމުގެ ފަތްކޮޅު ހަވާލުކޮށްފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތިން ބޭފުޅުންނާ ސަފީރުކަމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މިއީ މި ސަރުކާރުގެ ފަރާތުން ބޭރަށް ފޮނުވާ ސަފީރުންގެ ދެވަނަ ބެޗެވެ.

ބޭރަށް ފޮނުވާ ސަފީރުން

  • ތުރުކީ ސަފީރު - ލެފްޓެނަންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް
  • ބަންގްލަދޭޝް ސަފީރު - ޝިއުނީން ރަޝީދު
  • ޕާކިސްތާނު ސަފީރު - މުހައްމަދު ތޯހާ

މި ތިން ބޭފުޅުން ސަފީރު ކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ރުހުން ދީފަ އެވެ. ތިން ބޭފުޅުންވެސް ސަފީރު ކަމަށް އައްޔަންކޮށްފައިވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގަ އެވެ.

މީގެ ތެރެއިން ތުރުކީގައި ހުންނަ ސަފީރުގެ މަގާމަށް އައްޔަންކުރެއްވި އަބްދުއްރަހީމް ސިފައިންގެ ހިދުމަތުގައި 39 އަހަރުގެ ހޭދަކުރެއްވުމަށްފަހު، 60 އަހަރު ފުރުމާއެކު ސިފައިންގެ ގާނޫނުގައިވާ ގޮތުގެ މަތިން އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ އެޕްރީލް 18، ގަ އެވެ. އެއަށްފަހު އޭނާ ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.

އޭނާއަކީ ރާއްޖެއިން ތުރުކީއަށް ކަނޑައެޅި ފުރަތަމަ ސަފީރެވެ. ރާއްޖެއިން ތުރުކީގައި ފުރަތަމަ ފަހަރަށް އެމްބަސީއެއް އަޅަން ނިންމާފައިވާކަން ސަރުކާރުން އިއުލާނުކުރީ ޑިސެމްބަރު 10، 2023 ގަ އެވެ.

ޕާކިސްތާނަށް އައްޔަންކުރި ސަފީރު ތޯހާ ފުރަތަމަ އައްޔަންކުރަން ނިންމީ ސައުދީ އަށެވެ. އޭނާ އެ މަގާމަށް އައްޔަން މަޖިލީހުގެ ރުހުން އޮތް ކަމަށް މަޖިލީހުން ފާސްކުރީ މެއި، 6 ގަ އެވެ. އެހައިތަނަށް ރުހުން ލިބުނު ސަފީރުންނަށް މެއި 7، ގައި ރައީސް ފަތްކޮޅު ދެއްވި އިރު އޭނާއަށް ފަތްކޮޅެއް ނުދެއްވަ އެވެ.

އޭގެ ބަދަލުގައި އޭނާ ޕާކިސްތާނުގެ ސަފީރުކަން އޭނާއަށް ދިނުމަށް މަޖިލީހަށް ފޮނުވި އެެވެ.

ބަންގްލަދޭޝަށް އައްޔަންކުރި ޝިއުނީން މީގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގަ އެވެ.