Advertisement

ޕީއެންސީން ދައްކަނީ ގާނޫނުއަސާސީ ބަދަލުނުކުރެވޭ ގޮތަށް "ތަޅެއް އަޅުވާ" ވާހަކަ

3 ޖުލައި 2024 - 10:58 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ


ޕީއެންސީން ދައްކަނީ ގާނޫނުއަސާސީ ބަދަލުނުކުރެވޭ ގޮތަށް "ތަޅެއް އަޅުވާ" ވާހަކަ

3 ޖުލައި 2024 - 10:58 0

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަަހަޅާފައިވާ ދަރަންޏާ ބެހޭ ބިލުގައި ހުރި ކަންތައްތައް ގާނޫނުއަސާސީގައި ހިމަނައި ގާނޫނު އަސާސީ އަށް ބަދަލެއް ނުގެނެވޭ ގޮތަށް ހަދަން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ ބައެއް އިސް މެންބަރުން މިއަދު ގޮވައިލައްވައިފި އެވެ.

ދަރަންޏާ ބެހޭ ބިލުގައިވާ ކަންތައްތައް ގާނޫނު އަސާސީއަށް ވެއްދުމުގެ ހިޔާލު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ފާޅުކުރެއްވީ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. އޭނާ ދެކެވަޑައިގެންނެވި ގޮތުގައި އެގޮތަށް ކަންތައް ކުރަން ޖެހެނީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ދަރަންޏާ ބެހޭ ބިލު ފާސްކޮށް ތަސްދީގުކުރިޔަސް ދެން އަންނަ ސަރުކާރަކުން އެ ބިލަށް އަަމަލުނުކޮށް "ބިލު ހަލާކުކުރާނެތީ" އެެވެ.

"އެހެންވީމާ މިގާނޫނު ހަަދަންވީ ގޮތަކީ ގާނޫނުއަސާސީއަށް މިބަދަލުގެންނަންވީ، ގާނޫނުއަސާސިއަށް މިބަދަލު ގެނެސްފައި އަދި އެވަރުން ވެސް ފުދޭކަށް ނެތޭ އިނގޭތޯ، އެ ބަދަލު ގެނެސްފައި، އެގާނޫނަށް ބަަދަލުގެނެވޭނީ މުޅި މަޖިލީހުގެ އިއްތިފާގުން ކަން ވެސް އަޅުގަނޑުމެން ޖެހޭ އެ ބިލުގައި ލިޔަން،" ސަލީމް ވިދާޅުވި އެެވެ.

އެ ނޫން ގޮތަކަށް ކަންތައް ކޮށްފިއްޔާ މިހާރު އިދިކޮޅުގައި ތިބި ބަޔަކު ވެރިކަމަށް އަތުވެއްޖެއްޔާ "ބިލު ފުނޑައިލާނެ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ މިހާރު އޮތް މަޖިލީހުން ބިލެއް ފާސްކުރިޔަސް އެމްޑީޕީއަށް ވެރިކަން ލިބިއްޖެ ނަމަ އެކަންކަތައްތައް "ވަރަށް ފަސޭހައިން ބަދަލުކޮށްލާނެ" ކަމަށެވެ.

"ހަގީގަތުގައި މިއެއްޗިހި ފާސްކުރަންވީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ނޫނީ ބަދަލުނުކުރެވޭ ގޮތަށް،" ފަލާހު ވިދާޅުވި އެެވެ.

އެގޮތަށް ފާސްކުރުން އޭނާ ސިފަކުރެއްވީ ތަޅެއް އެޅުވުމުގެ ގޮތުގަ އެެވެ.

"އެބަ ޖެހޭ މިއެއްޗިހި ތަޅު އަޅުވަން، މި އެމްޑީޕީގެ ކިބައިން އެބަ ޖެހޭ މިގައުމު ސަލާމަތްކުރަން،" ފަލާހު ވިދާޅުވި އެވެ.