Advertisement

އެސްޑީއެފް ބިލަށް އާންމުންގެ ހިޔާލު ހޯދަނީ

2 ޖުލައި 2024 - 19:24 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އެސްޑީއެފް ބިލަށް އާންމުންގެ ހިޔާލު ހޯދަނީ

2 ޖުލައި 2024 - 19:24 0

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އަލުން ހުށަހަޅާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.

އެސްޑީއެފް އަކީ ދައުލަތުގެ ދަރަނި ދެއްކުމުގެ ބުރަ ކުޑަކޮށް އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމުގެ މަގުސަދުގައި މާލިއްޔަތު ގާނޫނުގެ ދަށުން އުފައްދާފައިވާ ފަންޑެކެވެ. މި ފަންޑަށް ޖަމާކުރަނީ އެއާޕޯޓު ޑިވެލޮޕްމަންޓު ފީ އާއި ކްރޮސް ސަބްސިޑީގެ ގޮތުގައި ޕްރޮޖެކްޓުތަކަށް ވަންނަ ފައިސާ އެވެ.

މި ފަންޑަށް ގާނޫނީ ބާރުވެރިކަން ދިނުމުގެ ގޮތުން ފުރަތަމަ ބިލު ހުށަހެޅީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ މަގުޗާޓު، "ހަފުތާ14" ގައި، ހިމަނައިގެން ކުރެވުނު ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް ބިލު މަޖިލީހަށް ބަލައިގަންނަން ވޯޓަށް އެހި ވަގުތު ޕީއެންސީގެ މެމްބަރުން ތަޅުމުގައި ނެތުމުން އެމްޑީޕީ މެމްބަރުން ވޯޓު ދިނީ ބިލު ބަލައިނުގަންނާށެވެ.

އަލުން މަޖިލީހަށް ބިލު ހުށަހެޅީ ފުވައްމުލައް މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދެވެ. އޭނާ ބިލު ހުށަހެޅުއްވިއިރު، ކުރިން ދައުރުގައި ހުށަހެޅި ބިލަށް އެއްވެސް ބަދަލެއް ނުގެނެ އެވެ.

އެ ބިލަށް ހިޔާލެއް ނުވަތަ އިސްލާހެއް ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި 9, ގެ 14:00 ކަމަށް މަޖިލީހުން ވަނީ ބުނެފަ އެވެ. ހިޔާލު ހުށަހަޅަން ޖެހެނީ މާލިއްޔަތު ކޮމިޓީގެ އީމެއިލަށް ނުވަތަ މަޖިލިސް އިދާރާއަށް ލިޔުމުންނެވެ.

އެސްޑީއެފް ބިލުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި އެ ފަންޑު ބަލަހައްޓަން ގަވަނިން ކޮމިޓީއެއް އެކުލަވާލުމާއި އެ ފަންޑަށް ޖަމާކުރާނެ ފައިސާ އާއި އެ ފަންޑު ބޭނުންކުރެވޭނެ ހާލަތްތަކުގެ އިތުރުން އެ ފަންޑަށް ޖަމާކުރާ ފައިސާ އިންވެސްޓުކުރުމުގައި އަމަލުކުރާނެ ގޮތްތައް ހިމެނެ އެވެ.