2 ޖުލައި 2024 - 09:22 0
2 ޖުލައި 2024 - 09:22 0
މިއުނިކް (ޖުލައި 2) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ގަދަ 16 ބުރުގައި ރުމޭނިއާއާ ދެކޮޅަށް ކުޅެން ޖެހޭއިރު، ނެދަލެންޑްސް އިން އަދި ހާސްވެގެން އުޅެން ޖެހޭ ހާލަތަށް ޓީމުގެ ކަންތައްތައް ގޮސްފައިނުވާ ކަމަށް އެ ޓީމުގެ ކޯޗު، ރޮނާލްޑް ކޫމަން ބުނެފި އެވެ.
ނެދަލެންޑްސް އިން މި ފަހަރުގެ ޔޫރޯގެ ގަދަ 16 ބުރަށް ދަތުރުކުރީ، ގްރޫޕްގެ ތިން ވަނަ ހޯދައި، އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިން ވަނަ ޓީމުތަކުގެ ތެރެއިންނެވެ. އެ ގޮތުން، ނެދަލެންޑްސް އިން ގްރޫޕްގެ ފުރަތަަަމަ މެޗުގައި ޕޮލެންޑް އަތުން މޮޅުވިއިރު، ދެން ކުޅުނު މެޗުން ފްރާންސާ އެއްވަރުވެ، ފަހު މެޗުން ވަނީ އޮސްޓްރިއާ އަތުން ބަލިވެފަ އެވެ.
ނޮކައުޓް ބުރަށް ނުކުންނައިރު، އޮސްޓްރިއާ މެޗުން ނެދަލެންޑްސް އަށް ކަންތައްތަކެއް ދަސްވެފައިވާ ކަމަށް ކޫމަން ވަނީ ބުނެފަ އެެވެ.
"އޮސްޓްރިއާ މެޗަށް ވުރެ ދަށްކޮށް ދިޔަ މެޗުތައް ވެސް އެބަހުރި، އަހަރެމެން މި ޖެހެނީ ކަންކަން ރަނގަޅުކުރަން. ފަހުރުވެރިކަމާ އެކު ނުކުމެ، މޮޅަށް ރީިތި ފުޓްބޯޅައެއް ކުޅެ ނަތީޖާ ނެރެން. އަހަރެމެންނަށް އެކަން ކުރެވޭނެ. އެ ޔަގީންކަމާ އެކު މި ތިބީ. ހާސްވެގެން އުޅެން ޖެހޭ ހާލަތެއް ނެތް، އިތުބާރު އެބައޮތް،" 1988 ވަނަ އަހަރު ނެދަލެންޑްސްއާ އެކު ޔޫރޯ ކާމިޔާބުކުރި ކޫމަން ބުންޏެވެ.
ކޫމަން ބުނީ ނެދަލެންޑްސް ޓީމަށް ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި ދަނޑުމަތީގައި ދިމާވީ އެއް މައްސަލައެއް ކަމަށެވެ. އެއީ، އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކާ ދެމެދު އޮންނަ ވާހަކަ ދެއްކުމުގެ ކަންތައްތައް ކަން ކޫމަން ވަނީ ފާހަގަކޮށްފަ އެވެ.
"މެޗު ތެރޭގައި ހިނގާ ކަންތައްތަކަށް ބަލައި ޓީމު ތެރޭގައި ވާހަކަ ދެކެވިގެން ވަރަށް ގިނަ ކަންކަން ހައްލުކުރެވިދާނެ،" ކޫމަން ބުންޏެވެ.
ނެދަލެންޑްސް ޓީމުގެ ފުރަތަމަ އެގާރަ އަށް މާ ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށް ނުފެންނަ ކަމަށް ކޫމަން ވަނީ ބުނެފަ އެވެ.
މީގެ ކުރިން ބައިނަަލްއަގުވާމީ ބޮޑު މުބާރާތެއްގައި ނެދަލެންޑްސް އާއި ރުމޭނިއާ ބައްދަލުކުރީ އެންމެ ފަހަރަކު އެވެ. އެއީ 2008 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގަ އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު އެ މެޗުން، ނެދަލެންޑްސް 2-0 އިން މޮޅުވި އެވެ.
ސައުވީސް އަަހަރަށް ފަހު ޔޫރޯގެ ނޮކައުޓް ބުުރުގައި ކުޅޭ ރުމޭނިއާ އިން ނެދަލެންޑްސްއާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެެވެ.
Comment