Advertisement

ޝަމްނާޒް ހައްޔަރުކުރީ ޒާތީ އަދި ބަދަލުހިފުމާ ގުޅޭ މައްސަލައެއްގައި: ބިގޭ

1 ޖުލައި 2024 - 20:18 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މުހައްމަދު ރަޝީދު ހުސެއިން (ބިގޭ): ޝަމްނާޒް ހައްޔަރުކުރީ ޒާތީ އަދި ބަދަލުހިފުމާ ގުޅޭ މައްސަލައެއްގައި ކަމަށް ވިދާޅުވި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޝަމްނާޒް ހައްޔަރުކުރީ ޒާތީ އަދި ބަދަލުހިފުމާ ގުޅޭ މައްސަލައެއްގައި: ބިގޭ

1 ޖުލައި 2024 - 20:18 1

ސިހުރު ހެދުމުގެ ތުހުމަތުގައި ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކުރީ ޒާތީ އަދި ބަދަލުހިފުމާ ގުޅޭ މައްސަލައެއްގައި ކަމަށް އަލިފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެ އެވެ.

ފުލުހުން މި މައްސަލައިގައި ހައްޔަރު ކުރީ ޝަމްނާޒްގެ އިތުރުން އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ހައްވާ ސަނާ އަލީ ސަލީމް އާއި ސިހުރު ހެދި ކަމަށް ބުނާ ތ. ކިނބިދޫ، ނިވައިދޮށުގޭ، ހުސައިން ސަމީރެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ސިހުރު ހެދުމާއި ގުޅުވައިގެން ހައްޔަރުކޮށްފައިވާ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ތުއްތު ކުއްޖެއްގެ މަންމައެއްކަމުގައިވާ ފާތިމަތު ޝަމްނާޒު އަލީ ސަލީމްގެ މައްސަލައަކީ ޒާތީ އަދި ބަދަލުހިފުމާއި ގުޅުންހުރި މައްސަލައެއް،" ބިގޭ ވިދާޅުވި އެވެ.

މި މައްސަލައަކީ ޒާތީ އަދި ބަދަލުހިފުމާ ގުޅޭ މައްސަލައެއްކަން ބިގޭ ދެކޭ ސަބަބުތައް ބަޔާންކުރައްވަމުން ވިދާޅުވީ:

  • ގާނޫނު އުގޫބާތުގައި ސިހުރު ހެދުން އެއީ ކުށެއްކަމަށް ކަނޑައަޅާފައި ނުވާއިރު، މި މައްސަލާގައި އަމަލުކުރަމުން އަންނަ ގޮތް.
    • ތުހުމަތުކުރެވޭ ސިހުރު ހެދިކަމަށްބުނާ ފަރާތް ބަންދުން ދޫކޮށްފައިވުން.
    • މިމައްސަލާގައި ޖިނާއީ ދައުވާއެއް އުފުލިދާނެކަމާއިމެދު އުފެދޭ ޝައްކު.
    • މިބާވަތުގެ މައްސަލަތަކުގައި މީހާ ހައްޔަރުގައި ނުބަހައްޓައި ތަހުގީގުކުރެވޭނެ ކަމަށް ގަބޫލުކުރެވޭތީ.

    މީގެއިތުރުން ބިގޭ ވަނީ ޝަމްނާޒުގެ ތުއްތު ދަރިންގެ ހައްގުގައި އޭނާ ވަގުތުން ހައްޔަރުން ދޫކުރުމަށް ގޮވާލައްވާފަ އެވެ.

    މައްސަލައިގައި ހިމެނޭ ސިހުރު ހެދި ކަމަށް ތުހުމަތު ކުރެވޭ މީހާ ހަތް ދުވަހުގެ މުއްދަތަށްފަހު ކޯޓު ދޫކޮށްލާފައިވާއިރު، ޝަމްނާޒްއާއި އޭނާގެ ކޮއްކޮގެ ހަތް ދުވަހުގެ މުއްދަތު މިއަދަށް ހަމަވުމުން ކޯޓުން ވަނީ އިތުރު ހަތް ދުވަސް ޖަހާފަ އެވެ.

    މި މައްސަލައާ ގުޅޭ މާބޮޑު ތަފްސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް، ފުލުހުން ވަނީ މި މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސިހުރު ހެދިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ބުނެފަ އެވެ.

    ނަމަވެސް މައްސަލައާ ގުޅޭގޮތުން މިއަދު ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ސިހުރު ހެދި ކަމަށް ބުނާ މައްސަލައެއް ރައީސް ނޫނީ އެމަނިކުފާނުގެ އާއިލާއިން ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.