އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުަމަތް މެދުކެނޑިއްޖެ

1 ޖުލައި 2024 - 12:57 0

ލީވާން އަލީ ނާސިރު

ލ

އައްޑޫ ސިޓީ ފޭދޫ އާއި މަރަދޫފޭދޫ ގުޅޭ ސަރަހައްދު: އައްޑޫގެ ގުޅިފައިވާ ރަށްތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި -- ފޮޓޯ: އަލީސް ކެޕްޗާ


އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުަމަތް މެދުކެނޑިއްޖެ

1 ޖުލައި 2024 - 12:57 0

މަގު ހަދަން ކޮންނަނިކޮށް ކަރަންޓު ކޭބަލެއް ބުރިވުމާ ގުޅިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މިއަދު މެންދުރެވެ. އޭރުން ފެށިގެން އަދި ކަރަންޓު ނުލިބޭ ކަމަށް އެ ސިޓީއިން މައުލޫމާތު ދިން މީހުން ބުނެފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު "އަދަދު" އަށް ވިދާޅުވީ ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެޗްވީ މެއިން ކޭބަލަކަށް ގެއްލުންވެގެން ކަމަށެެވެ.

ފެނަކައިގެ ޓީމުން މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ގަޑިއިރުތަކުގައި ކަރަންޓުގެ ހިދުމަތް އަލުން ދެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެފްކޮންސްގެ މީހުން މަގު ހެދުމަށް ކޮންނަމުން ދަނިކޮށް އެޗްވީ މެއިން ކޭބަލެއް ކަނޑައިގެން ގޮސްގެން. ކަރަންޓު ކެނޑުނީ ގުޅިފައި ހުރި ހުރިހާ ރަށަކުން. އެ މައްސަލަ ހައްލުކޮށް ކުރިއަށް އޮތް ގަޑިއިރެއްހާއިރު ތެރޭގައި ކަރަންޓު ދޭން ފެށޭނެ ކަމަށް މި ބަލަނީ،" މުއާޒް ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި ފަހަކަށް އައިސް ކަރަންޓާއި ފެނުގެ ހިދުމަތް މެދުކެނޑޭކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު، ފެނަކައިން ބުނީ އެ ރަށުގައި ހިންގާ ފެނާއި ކަރަންޓުގެ މަޝްރޫއާއެކު އެ ކަމަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ގެނެވޭނެ ކަމަށެވެ.

އޭގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ އައްޑޫގައި އެންމެ އަސާސީ ހިދުމަތް ކަމަށްވާ ކަރަންޓާއި ފެނުގެ ހިދުމަތަށް ބުރޫއަރާތީ ކަންބޮޑުވުން ފާޅުކޮށް، އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރަށް މީގެ ކުރިން ގޮވާލާފަ އެވެ.