Advertisement

ހޯމް މިނިސްޓަރާއި ފުލުހުންނާއެކު 241 ކޮމިޓީ އިން ބާއްވާ ބައްދަލުވުން ސިއްރުކޮށްފި

1 ޖުލައި 2024 - 10:26 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަދި ފުލުހުންގެ އިސްވެރިން ބައިވެރިވަނީ. މި ކޮމިޓީގައި މިއަދު ހާމަކުރަނީ ސިއްރު މައުލޫމާތުތަކެއް ކަމަށް މުގައްރިރު --- ފޮޓޯ: މަޖިލިސް އިދާރާ


ހޯމް މިނިސްޓަރާއި ފުލުހުންނާއެކު 241 ކޮމިޓީ އިން ބާއްވާ ބައްދަލުވުން ސިއްރުކޮށްފި

1 ޖުލައި 2024 - 10:26 0

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ފުލުހުންނާއި ހޯމް މިނިސްޓަރު އަލީ އިހުސާންއާއެކު ބާއްވާ ބައްދަލުވުން ސިއްރުކޮށްފި އެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ފައްޓަވަމުން މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ މިއަދުގެ ކޮމިޓީގައި "ތަންކޮޅެއް ސިއްރިއްޔާތުގައި އިތުރު މައުލޫމާތުތަކެއް ދެއްވާނެ ކަމަށް" ހޯމް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ.

"އެ މައުލޫމާތުތަކާ އެކީގައި މިނިސްޓަރާއި ފުލުހުންނާއެކު މިކޮޅަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައި އޮތީ. އެހެންވީމާ އެ ޕްރެޒެންޓޭޝަން މިއަދު އެބައޮތް ދިނުން. އެހެންވީމާ މީތި އެއްބަސްވާން އެ ދުވަހު ވެސް ސިއްރުކޮށްގެން ގެންދާ ގޮތަށް އޮންނާނީ," ސަލީމް ވިދާޅުވި އެވެ.

ކޮމިޓީ ސިއްރުކުރަން ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފް ހުށަހެޅުއްވުމުން ތާއީދު ކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. އެއަށްފަހު ނެގި ވޯޓު ފާސްކުރީ ހާޒިރުވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީގެ އޯޑިއޯ


މަޖިލީހުގެ 241 ކޮމިޓީއަކީ ގާނޫނު އަސާސީގެ 241 ވަނަ މާއްދާއިން ބާރުދީފައިވާ ކޮމިޓީ އެވެ. އެ ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ގައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމާއި ގައުމީ ސަލާމަތުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމެވެ.

ސިފައިންނާއި ފުލުހުން، ޑިފެންސް މިނިސްޓްރީ އަދި ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅުން ހުރި މައްސަލައެެއް މަޖިލީހުން ބަލާނަމަ އެ މައްސަލައެއް ބަލާނީ 241 ކޮމިޓީންނެވެ. އެ އިދާރާތަކާ ގުޅޭ ގޮތުން ހުށަހަޅާ ބިލުތައް ދިރާސާކުރާނީ ވެސް އެ ކޮމިޓީންނެވެ.

އެ އިދާރާތަކުގެ މައްސަލަތައް ބަލައި ކަންތައްތައް އިސްލާހު ކުރަން އެންގުމާއި އެ އިދާރާތަކަށް ފިޔަވަޅު އެޅުމުގެ ބާރު ވެސް އެކޮމިޓީއަށް އޮވެ އެވެ.