19 މާރިޗު 2025 - 12:44 0
އަހުމަދު އާއިދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: ފަހު 10 އަކަށް މަޖިލީހުގެ ޖަލްސާތައްވެސް މެދުކަނޑާލަން ވަނީ ނިންމާފަ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
19 މާރިޗު 2025 - 12:44 0
ރޯދަމަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ސަރުކާރުން ހަމަޖައްސާފައިވާތީ, އެ ދުވަސްތަކުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވެސް މެދުކަނޑާލަން ނިންމައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އެޕްރީލް 7، ގައި ކަމަށެވެ. އެހެންކަމުން ޝައްވާލު މަހުގެ ހަ ރޯދައަށް ވެސް މަޖިލިސް ބަންދުވާނެ އެވެ.
އެކަން އިއުލާނުކުރުމުގެ ކުރިން އަބްދުއްރަހީމް ވަނީ، ރޯދައިގެ ފަހު 10 ގައި މަޖިލީހުގެ މެންބަރުން ރައްޔިތުންނަށް ނަމޫނާ ދެއްކެވުމަށާއި މި މަހުގެ ފުރިހަމަ ސަވާބާއި ފައިދާ ލިބިގަތުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ.
މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި މިވަނީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ބައެއް ބިލުތަކުގެ މަސައްކަތް ނުނިމި އޮއްވަ އެވެ. އެގޮތުން އިޒްރޭލް ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމާ އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހު އަދިވެސް އޮތީ ކޮމިޓީ މަރުހަލާގަ އެވެ.
މާދަމާއިން ފެށިގެން ސަރުކާރު ބަންދުވަނީ އެޕްރީލް 5، އާ ހަމައަށެވެ.
ރިޔާސީ ވައުދެއްގެ ގޮތުގައި ރައީސް މުއިއްޒު މިކަން އިއުލާނުކޮށް ވެރިކަމުގައި މިގޮތަށް ހަމަޖެއްސެވީ، އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ސަރުކާރުން ބުންޏެވެ.
މި ދުވަސްތަކުގައި ސަރުކާރުގެ އޮފީސްތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ބުރޫނާރެ ގޮތެއް އެ ތަންތަނުން ކަނޑައެޅުމަށް ވެސް ރައީސް އޮފީހުން ވަނީ އަންގާފަ އެވެ.
މިދިޔަ އަހަރުގެ ރޯދަ މަހުގެ ފަހު 10 ބަންދުކުރުމަށްފަހު ސަރުކާރުން ނިންމީ އެ ދުވަސްތަކުގައި ވަޒީފާއަށް ނުކުންނަން ޖެހޭ މުވައްޒަފުންނަށް އިނާޔަތެއް ދިނުމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment