Advertisement

ޖަލުގައި ޖަމީލު މަރުވި މައްސަލަ ޑިމޮކްރެޓްސްއިން އެޗްއާރުސީއެމްއަށް ހުށަހަޅައިފި

30 ޖޫން 2024 - 15:12 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ޖަލުގައި ޖަމީލު މަރުވި މައްސަލަ ޑިމޮކްރެޓްސްއިން އެޗްއާރުސީއެމްއަށް ހުށަހަޅައިފި

30 ޖޫން 2024 - 15:12 0

މާފުށީ ޖަލުގައި މަރުވި ށ. ފުނަދޫ, ޒަމާނީ ވިލާ, މުހައްމަދު ޖަމީލް 45, ގެ މަރުގައި "ކަންބޮޑުވުމާއި ޝައްކުއުފެދޭ ކިތަންމެ ކަމެއް ހުރުމުން" އެ މައްސަލަ ބަލައިދިނުމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހަޅައިފި އެވެ.

އެކަމާ ގުޅިގެން ޑިމޮކްރެޓުން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އޭނާގެ މަރުވީ ކަރެކްޝަންސް އޮފިސަރުން އަނިޔާކޮށް ފަރުވާ ދިނުމުގައި އިހުމާލުވުމުން ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.

"މި މަރުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ވޭތޯ އާއި, ޖަލު ބަލަހައްޓާ އޮފިސަރުންގެ ފަރާތުން އަނިޔާކޮށްފައިވޭތޯ އާއި, ބޭސްފަރުވާ ހިމެނޭހެން ގާނޫނުތަކާއި ގަވާއިދުތަކުން ކަށަވަރު ކޮށްދޭ އެންމެހައި ހައްގުތައް ބަންދުކޮށްފައި ހުރި މުއްދަތުގައި މުހައްމަދު ޖަމީލަށް ފުރިހަމައަށް ލިބިދީފައިވޭތޯ ބަލައި މި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދެން," އެޗްއާރުސީއެމްއަށް ޑިމޮކްރެޓުން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

އޭނާ ބަންދުކޮށްފައި ހުރި މާފުށީ ޖަލުގެ ގޮޅިން އެއްކުރި މައުލޫމާތުން އޭނާ މަރުވީ ސަޖިދައިގައިކަން އެނގޭ ކަމަށާއި އޭނާގެ އަނގަޔާއި ނޭފަތުން ފޮނު އަރާފައި ހުރިކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ބުނެ އެވެ. އަނިޔާގެ ނިޝާނެއް ތަހުގީގަށް މިހާތަނަށް ފެންނަން ނެތް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ގޮޅިއަށް އޭނާ އެންމެފަހުން ވަނީ އެރޭ 09:30 ގައި ކަމަށާއި އެއަށްފަހު އެއްވެސް މީހަކު އެ ގޮޅިއަށް ނުވަންނކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފަ އެވެ. ގޮޅީގެ ދޮރު ހުޅުވީ ހެނދުނު 06:30 ގައި ކަމަށާއި އޮފިސަރުން ވެސް ގޮޅިއަށް ނުވަންނަ ކަމަށް ފުލުހުން ބުނެ އެވެ.

ޖަމީލުގެ މަރާ ގުޅިގެން ޖަލުގައި އަމަލުކުރަމުންދާ ދެ ކަމަކަށް ބަދަލު ވަނީ ގެނެސްފަ އެވެ. އެގޮތުން, ބައެއް ގައިދީން ނަމާދުގެ ސަޖިދައިގައި ގިނަ ވަގުތު ހޭދަކުރާތީ އެއް ގަޑިއިރުން އެއް ގަޑިއިރުން އެ މީހުންގެ ހަބަރު ބެލުމަށް ވަނީ ނިންމާފަ އެވެ.

ހަމައެހެންމެ, ޖަލުތަކުގައި މަރުވާ މީހުންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު މެނުވީ އާއިލާތަކާ ހަވާލު ނުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.