Advertisement

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ މަތި ނުވާނެ: ޝުޖާއު

30 ޖޫން 2024 - 11:10 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ރަައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ - ފޮޓޯ: މަޖިލިސް އިދާރާ


ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ މަތި ނުވާނެ: ޝުޖާއު

30 ޖޫން 2024 - 11:10 2

މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށްވުރެ މަތިވެފައި ނުވާނެ ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމުގެ ވައުދާ އެކުގަ އެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި 1،400 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން ތިބި ކަމަށް ވިދާޅުވެ މިއަދުގެ މަޖިލިސް ޖަލްސާގައި ޝުޖާއު ވަނީ މި ސަރުކާރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ސިޔާސީ މުވައްޒަފުންގެ އަދަދު ބަލަހައްޓަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދަކީ [ސިޔާސީ މުވައްޒަފުންގެ އަދަދު] 700 އަށް ނޭރުވުން، ނާރުވަން، އަރުވާފަ ނޯންނާނެ، 700 އަށްވުރެ މަދުވާނެ އެއަށްވުރެންވެސް މަދަކުރެވޭތޯ މިއުޅެނީ އިއްޒަތްތެރި ރައީސް،" ޝުޖާއު ވިދާޅުވި އެވެ.

ނަމަވެސް މި ސަރުކާރުން ސިޔާސީ މުވައްޒަފުންގެ ގޮތުގައި އައްޔަންކޮށްފައިވާ މުވައްޒަފުންގެ ޖުމްލަ އަދަދެއް ހާމަކޮށްފައެއް ނުވެ އެވެ. "އަދަދު" ނޫހުން އެކި މަސްދަރުތަކުން ހޯދި ހޯދުންތަކުން އަންދާޒާ ކުރެވެނީ މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 2,000 އާ ގާތްކުރާ ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހަށް މިހައިތަނަށް ލިބިފައިވަނީ 12 މިނިސްޓްރީއެއްގައި ތިބި މުވައްޒަފުންގެ މައުލޫމާތެވެ. ބާކީ 10 މިނިސްޓްރީގައި ތިބީ ކިހާ އަދަދެއްގެ ސިޔާސީ މުވައްޒަފުން ކަމެއް ނޭނގެ އެވެ.

އެ މައުލޫމާތު ހާމަކުރި ހުރިހާ ވުޒާރާއެއްގައިވެސް އެމްޑީޕީ ސަރުކާރަށްވުރެ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަ އެވެ. މި ސަރުކާރުން މުވައްޒަފުންގެ މުސާރައަށް ކުރާ ހަރަދުވެސް އެމްޑީޕީ ސަރުކާރަށްވުރެ އިތުރެވެ.

ރާއްޖޭގެ އިގުތިސޯދީ ހާލަތު ގޯސްވެ ސަރުކާރުން ނިންމާފައިވާ ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރަން ނިންމާފައިވާކަން ރައީސް މުއިއްޒުވެސް ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފައި ވަނިކޮށެވެ.

"އަދަދު" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮންމެ މިނިސްޓްރީއަކުން ވެސް 25 ސިޔާސީ މުވައްޒަފުންގެ ލިސްޓެއް އެކުލަވައިލުމަށް ފަހު ރައީސް އޮފީހަށް ވަނީ ފޮނުވާފަ އެވެ. އެ ލިސްޓުގައި ނުހިމެނޭ މީހުން ވަޒީފާއިން ވަކިކުރާއިރު ފުރަތަމަ ރާޅުގައި 400 މުވައްޒަފުން ވަކިކުރާނެ ކަމަށް އެ ކަމުގެ މައުލޫމާތު ހިއްސާކުރެއްވި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.