Advertisement

ހައްޖު ރޯގާތަކާއި މެނިންގޮކޯކަލް ފެތުރުމުގެ ފުރުސަތު އޮތުމުން އައިޖީއެމްއެޗްގައި ހާއްސަ ފިޔަވަޅުތަކެއް

30 ޖޫން 2024 - 10:33 0

އަމަން ހަލީމް

އަމަން ހަލީމް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ މައި ދޮރާށި: ރޯގާތައް ފެތުރޭތީ ހޮސްޕިޓަލުގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވޭ --- އަދަދު ފައިލް ފޮޓޯ


ހައްޖު ރޯގާތަކާއި މެނިންގޮކޯކަލް ފެތުރުމުގެ ފުރުސަތު އޮތުމުން އައިޖީއެމްއެޗްގައި ހާއްސަ ފިޔަވަޅުތަކެއް

30 ޖޫން 2024 - 10:33 0

ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު އެނބުރި ރާއްޖެ އަންނަ ހައްޖާޖީންނާއެކީ ތަފާތު ރޯގާތަކާއި ގައިންގަޔަށް އަރާ މެނިންގޮކޯކަލް ބަލި ފެތުރިދާނެ ކަމުގެ ބިރު އޮތުމާ ގުޅިގެން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހާއްސަ ފިޔަވަޅުތަކެއް އަޅައިފި އެވެ.

އައިޖީއެމްއެޗުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ބަލި މީހުންނާ މުއާމަލާތްކުރަން ޖެހޭ ހުރިހާ ސަރަހައްދެއްގައި މަސައްކަތް ކުރާ މީހުން ހުރިހާ ވަގުތެއްގައި މާސްކު އެޅުމާއި، މިކަހަލަ ބަލިތައް ފެތުރޭ އިރު ސިއްހީ ފަރުވާދޭ ތަންތަނުން ގެންގުޅޭ އެންމެ މަތީ މިންގަނޑުގައި ހިފަހައްޓަން އަންގާފައިވެ އެވެ.

މުވައްޒަފުންގެ އިތުރުން ބަލި މީހުންނަށް ފަރުވާ ދިނުމުގައި ވެސް ހާއްސަ އިންތިޒާމުތަކެއް ވެސް ހަމަޖައްސާފައިވެ އެވެ.

އެގޮތުން ހައްޖާޖީންނާއި ހައްޖާޖީންގެ ކޮންޓެކްޓުން ފަރުވާ ދިނުމަށް ހައްޖު ކްލިނިކް ޓްރަޔޭޖް ކައުންޓަރަށް ގެންދިޔުމަށާއި، އެ މީހުން ހުރިހާ ވަގުތެއްގައި މާސްކު އަޅުވަން މަޖުބޫރުކުރުމަށް ވެސް އަންގާފައިވެ އެވެ. އަދި މެނިންގޮކޯކަލްއަށް ޝައްކުކުރެވޭ ހާލަތުގައި އަމަލުކުރާނެ ހާއްސަ އުސޫލުތަކަކާއި މެނިންގޮކޯކަލް ވެކްސިން ޖަހަން ލަފާދޭން ޖެހޭ މީހުންނަކީ ކޮބައިކަން ކަނޑައަޅާފައިވެ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ބަލި މީހުންނާ އެކީ މަސައްކަތް ކުރާ މުވައްޒަފުން ވެކްސިން ޖެހުމަށް ވެސް އައިޖީއެމްއެޗުން ވަނީ ނިންމާފަ އެވެ.

މި ދުވަސްވަރު ރޯގާތައް ފެތުރޭ މިންވަރު އިތުރުވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ސަމާލުވުމަށް އަންގާފަ އެވެ. އެކަމަކު މި ވަގުތަށް ބޮޑު ނުރައްކަލެއް ނެތް ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެ އެވެ.