Advertisement

ސައްތައިން ސައްތަ ރެކޯޑަކާ އެކު އާޖެންޓީނާ ކުއާޓާ އަށް

30 ޖޫން 2024 - 08:30 0


ސައްތައިން ސައްތަ ރެކޯޑަކާ އެކު އާޖެންޓީނާ ކުއާޓާ އަށް

30 ޖޫން 2024 - 08:30 0

ފްލޮރިޑާ (30 ޖޫން) - އެމެރިކާގައި މިހާރު ކުރިއަށްދާ ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗު ވެސް އާޖެންޓީނާ އިން ކާމިޔާބުކޮށް ގްރޫޕް ސްޓޭޖުގެ މެޗަކުން ބަލިނުވެ, ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ އިން ފުރަތަމަ މެޗުގައި ކެނަޑާ އަތުން މޮޅުވީ 2-0 ގެ ނަތީޖާ އަކުންނެވެ. ދެ ވަނަ މެޗުގައި ޗިލީގެ މައްޗަށް ކުރިހޯދީ 1-0 އިންނެވެ. އަދި، މިއަދު، ފަތިހު ޕެރޫ އަތުން އާޖެންޓީނާ މޮޅުވީ 2-0 އިންނެވެ.

އާޖެންޓީނާ އިން މި މެޗަށް ނުކުތްއިރު, އެ ޓީމުގެ ތަރި ލިއޮނަލް މެސީ މި މެޗުގައި ކުޅެފަ އެއް ނުވެ އެވެ. މެސީ މި މުބާރާތުގައި ކުޅުނު ދެ މެޗުގައި ވެސް އެންމެ ފޯމުގައި ނެތް މަންޒަރު ފެނިފައިވާއިރު, ރިޕޯޓްތައް ބުނާ ގޮތުން އަނިޔާގެ ސަބަބުން މި މުބާރާތުގައި ދެން މެސީ ނުފެނުމުގެ ފުރުސަތު އެބައޮތެވެ.

މުޅި މެޗު ކަހަލަ ގޮތަކަށް އާޖެންޓީނާ އިން ކޮންޓްރޯލް ކޮށްގެން ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާ އަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތައް ވަނީ ނާކާމިޔާބުވެފަ އެވެ. މި ހާފުގައި ޕެރޫގެ ޑިފެންޑަރުން އާޖެންޓީނާ އަށް ގޯލު ޖަހަން މާ ރަނގަޅު ފުރުސަތެއް ވެސް ދީފަ އެއް ނުވެ އެވެ.

ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި އާޖެންޓީނާ އިން ގޯލު ޖަހާ ލީޑު ނެގި އެވެ. މިއީ އޭރިއާ ތެރެއަށް އެންހެލް ޑި މާރިއާ ހުސްކޮށްލަ ދިން ބޯޅަ އެއް ގޯލުގެ ތެރެއަށް ލައުޓާރޯ މާޓިނޭޒް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

އޭގެ ފަހުން 55 ވަނަ މިނެޓުގައި އާޖެންޓީނާގެ ފުލްބެކް ނިކޮލަސް ޓާލިއާފިކޯ ގޯލު ޖެހި ނަމަވެސް ރެފުރީ ވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމައިފަ އެވެ.

މެޗުގެ 69 ވަނަ މިނެޓުގައި ޕެރޫގެ ޑިފެންޑަރު ހެސުސް ކަސްޓެލޯ އަތުގައި އޭރިއާ ތެރެއިން ބޯޅަ ޖެހުމާއި ގުޅިގެން ރެފުރީ ވަނީ ޕެނަލްޓީ އެއް ދީފަ އެވެ. އެކަމަކު އާޖެންޓީނާގެ ލެއާންޑްރޯ ޕެރަޑޭސް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

އާޖެންޓީނާ އިން ލީޑު ފުޅާކުރީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. މި ގޯލު އާޖެންޓީނާ އަށް ޖަހާދިނީ ވެސް މާޓިނޭޒް އެވެ.

ކޮޕަ އެމެރިކާ ގްރޫޕް އޭގައި ރޭ ޗިލީއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުކޮށް، ކެނަޑާ ވަނީ ގްރޫޕް ދެ ވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެެވެ. މިއީ ކެނަޑާ، މި މުބާރާތުގެ ކުއާޓާގައި ކުޅޭ ފުރަތަމަ ފަހަރެެވ.