Advertisement

އަމީރު ހިއްސާކުރީ ދަރަނި ނެގުމަށް ފަހު ހޭދަކުރި ގޮތުގެ ތަފުސީލު

29 ޖޫން 2024 - 18:29 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަމީރު. މިދިޔަ ސަރުކާރުން ދަރަނި ނެގީ އެވަގުތު މަޖުބޫރު ވެގެން ކަމަށް ވިދާޅުވި --- ފޮޓޯ: އެމްޑީޕީ


އަމީރު ހިއްސާކުރީ ދަރަނި ނެގުމަށް ފަހު ހޭދަކުރި ގޮތުގެ ތަފުސީލު

29 ޖޫން 2024 - 18:29 2

ނިމިގެންދިޔަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވެރިކަމުގައި ރާއްޖޭގެ އިގުތިސޯދަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑުގެ ސަބަބުން ގައުމީ އުފެއްދުންތެރިކަމުން 33 ޕަސެންޓު ގެއްލިގެން ދިޔުން ކަމަށާއި އެކަމުގެ ސަބަބުން ދަރަނި ނަގަން ޖެހުނު ކަމަށް ވިދާޅުވެ އެ ދަރަނި ބޭނުންކުރި ގޮތުގެ ތަފުސީލުތައް އެ ސަރުކާރުގައި ފިނޭންސް މިނިސްޓަރަކަށް ހުންނެވި އިބްރާހިމް އަމީރު ހާމަކުރައްވައިފި އެވެ.

މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭރު ފިނޭންސް މިނިސްޓްރީ ހިންގަން ހުންނެވި އަމީރު ވަނީ އެމްޑީޕީގެ ސަރުކާރުން ދަރަނި ނެގުމަށް ފަހު ހަރަދު ކުރި ގޮތުގެ ތަފްސީލުތަކެއް ހިއްސާކުރައްވާފަ އެވެ.

އެގޮތުން, އެ ސަރުކާރުން ނެގި 64 ބިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން ސީދާ 19 ބިލިއަން ހޭދަކުރީ ކޮވިޑު މެނޭޖު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ނަގަން ޖެހިގެން ނެގި ދަރަނި ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރަނި ބޭނުންކުރި ގޮތް

  • ކޮވިޑު މެނޭޖު ކުރުމަށް - 19 ބިލިއަން ރުފިޔާ
  • ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް - 13.2 ބިލިއަން ރުފިޔާ
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް - 6.9 ބިލިއަން ރުފިޔާ
  • ފެނާއި ނަރުދަމާގެ ޕްރޮޖެކްޓުތައް - 5.7 ބިލިއަން ރުފިޔާ
  • ޔާމީން ސަރުކާރުން ނެގި 250 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުމަށް - 3.9 ބިލިއަން ރުފިޔާ
  • ތިލަމާލެ ބްރިޖު, ވޭސްޓް މެނޭޖުމަންޓު އަދި ގުޅީފަޅު ހިއްކަން - 2.5 ބިލިއަން ރުފިޔާ
  • ފަހި ދިރިއުޅުން ކޯޕަރޭޝަންގެ 4,000 ހައުސިން ޔުނިޓު - 1.9 ބިލިއަން ރުފިޔާ
  • ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްރޮޖެކްޓު - 1.7 ބިލިއަން ރުފިޔާ

މި ޕްރޮޖެކްޓުތަކުގެ އިތުރުން ވެސް ގަން އިންޓަނޭޝަނަލް އެއާޕޯޓާއި, އަތޮޅު ތެރޭގެ ހައުސިން ޕްރޮޖެކްޓުތަކަށާއި, މިފްކޯގެ ކެޕޭސިޓީ އިތުރުކޮށް ވަރުގަދަ ކުރުމަށާއި, އައްޑޫގެ މަގުތައް ތަރައްގީ ކުރުން އަދި މުޅި ރާއްޖެ ފެރީގެ ނިޒާމަކުން ގުޅާލުމަށް ކުރިއަށްގެންދިޔަ އާރުޓީއެލް މަޝްރޫއުއަށް ދަރަނި ނެގި ކަމަށް އަމީރު ވިދާޅުވި އެވެ.

އެ ދަރަނިތައް ނެގުމަށް ފަހު ވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ބޭރުގެ އިދާރާތަކުން ދެމެހެއްޓި ކަމަށާއި ކޮވިޑަށް ފަހު އެންމެ އަވަހަށް އިގުތިސޯދު ކުރިއެރި ގައުމަށް ރާއްޖެ ވެގެންދިޔަ ކަމަށް އަމީރު ވިދާޅުވި އެވެ.

"އޭރު އަޅުގަނޑުމެންގެ ގްރޯތު ސްޓޯރީ އާއި ރިފޯމް އެޖެންޑާ, ރޭޓިން އެޖެންސީތައް, ފިޗުންނާއި މޫޑީސް އަދި އިންވެސްޓަރުންގެ ކޮންފިޑެންސް އޮތީމައި ބީ މައިނަސްގައި ހިފެހެއްޓުނީ. އެކަމު މި ސަރުކާރުން މިދިޔަ ހަތް މަސް ތެރޭ ކޮންމެވެސް ކަންކަމެއް ހިނގައިގެން އެ ކޮންފިޑެންސް ގެއްލުނީމައި ރޭޓިން ދަށްވީ," އަމީރު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގައި ދަރަނި ނެގުމުގެ އިތުރުން ދަރަނި އަދާކުރުމަށް ވެސް އެތައް ފައިސާއެއް ހަރަދު ކުރި ކަމަށް އަމީރު ވިދާޅުވި އެވެ. ނަމަވެސް, މި ސަރުކާރުން އެކަންކަން އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"24 ބިލިއަން ރުފިޔާގެ ދަރަނި ފަސް އަހަރު ތެރޭ އަދާކުރިން. އެއީ ޔާމީންގެ ދައުރުގެ ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ ދަރަނި ސާވިސްކޮށްފައިވާނެ. 2022 ވަނަ އަހަރު މެޗުއަރވި [ދައްކަން ޖެހުނު] ސަނީ ސައިޑް ބޮންޑު ކާމިޔާބުކަމާ އެކު ރީފައިނޭންސް ކުރިން. އެއީ ރާއްޖޭގެ ދަރަންޏަށް ދިމާވި އެންމެ ބޮޑު ހިރާސް," އަމީރު ކިޔައިދެއްވި އެވެ.

އެ ބޮންޑަށް ފައިސާ ދެއްކުމަށްޓަކައި މާކެޓަށް ގޮސް 500 މިލިއަން ޑޮލަރު ހޯދުނު ކަމަށާއި އޭގެ ތެރެއިން 250 މިލިއަން ޑޮލަރުން އެ ބޮންޑު އަދާކުރި ކަމަށް އަމީރު ވިދާޅުވި އެވެ.

"އެ 500 މިލިއަން ޑޮލަރު ފިޔަވައި ނަގާފައި ހުންނަ ހުރިހާ ލޯނުތަކަކީ މާކެޓުގައި ވަރަށް ކޮމްޕެޓިޓިވް ރޭޓްސްގައި ނަގާފައިވާ ދަރަނި."

ކޮވިޑާއެކު ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް އެތައް އަހަރެއް އަރާނެ ކަމަށް ލަފާކުރި ކަމަށާއި ރާއްޖޭގެ އިގުތިސޯދު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް ވިދާޅުވާ ވިދާޅުވުން އޭނާ ތަކުރާރު ކުރެއްވި އެވެ.

"މައްސަލައަކަށް ވެގެން މިއުޅެނީ 2020 ވަނަ އަހަރު ނެގި މެޝާސްތައް [އެޅި ފިޔަވަޅުތައް], ނެގީ އެނގިގެން ތިބެއޭ. ހިސާބު ޖަހައިގެންނޭ. ފަހުން ކުރަން ޖެހޭ ކަންކަން ވެސް އެނގި ތިބެއޭ. އެއްވެސް އިރެއްގައި އެ މަސައްކަތް ކުރީ 2023 ވަނަ އަހަރު އިންތިހާބުގައި ބަލިވިޔަސް ދެން އަންނަ ބަޔަކަށް އެ ކަންކަން ކުރަން ނޭނގިގެން, ވަރަށް ނާގަބިލު ބައެއް އަންނާނެ ކަމަށް ބަލައިގެންނެއް ނޫން," ސަރުކާރަށް ފާޑު ވިދާޅުވަމުން އަމީރު ވިދާޅުވި އެވެ.

މިއަދުގެ ހާލަތަށް ވެއްޓުނީ ސަރުކާރަށް މާލީ ގޮންޖެހުންތައް މެނޭޖު ނުކުރެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.