Advertisement

ޖަލުގައި މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ހަދާފައި ނޫނީ ހަށިގަނޑު ދޫނުކުރަން ނިންމައިފި

29 ޖޫން 2024 - 15:02 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ޖަލުގައި މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ހަދާފައި ނޫނީ ހަށިގަނޑު ދޫނުކުރަން ނިންމައިފި

29 ޖޫން 2024 - 15:02 1

މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ ޖަލުތަކާއި ފުލުހުންގެ ރިމާންޑު ޖަލުތަކުގައި މަރުވާ މީހުންގެ ހަށިގަނޑު މީގެފަހުން ދޫކުރާނީ ފުރިހަމަ ޕޯސްޓްމޯޓަމެެއް ހެދުމަށް ފަހު ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގައި އިއްޔެ މަރުވި ށ. ފުނަދޫ, ޒަމާނީ ވިލާ, މުހައްމަދު ޖަމީލް 45, ގެ މަރާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވަނީ ޖަމީލުގެ ހަށިގަނޑު ހަވާލުކުރުމަށް ފަހު ޕޯސްޓްމޯޓަމެއް ހެދުމަށް އަލުން ހަށިގަނޑާ ހަވާލުވާން މަސައްކަތް ކުރި ސަބަބު ހާމަކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއީ ސޯޝަލް މީޑިއާގައި ދައުރުވި ޖަމީލުގެ ފޮޓޯތަކަކާ ގުޅިގެން އޭނާ މަރުވުމުގައި ގޯހެއް ހިނގާފައިވާ ކަމަށް ތުހުމަތުތަކެއް ކުރެވިގެން ކަމަށެވެ. ނަމަވެސް, އާއިލާއިން އެކަމުގައި މައްސަލައެއް ނެތް ކަމަށް ބުނުމާ އެކު ވަޅުލުމަށް އެއްބަސްވި ކަމަށް އިހުސާން ވިދާޅުވި އެވެ.

"މީގެ ފަހުން ޖަލުގައި އެއްވެސް ހާލަތެއްގައި ނިޔާވާ އެއްވެސް ގައިދީއަކު އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ދޫކުރާނީ ފުރިހަމަ ޕޯސްޓްމޯޓަމެއް ހެދުމަށް ފަހު. އާއިލާއާ ހިސާބަށް އަޅުގަނޑުމެން ހަށިގަނޑު ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހަދައި އެކަމުގެ ރިޕޯޓުތައް ލިބި މުއައްސަސާތަކުން ފުރިހަމައަށް ޖަވާބުދާރިވެވޭ ވަރަށް ތައްޔާރުވެގެން," އިހުސާން ވިދާޅުވި އެވެ.

އޭގެ އިތުރުން ވެެސް ޖަލުގައި އަމަލުކުރަމުންދާ ބައެއް ގޮތްތަކަށް ބަދަލުތަކެއް ގެނައުމަށް ވެސް ވަނީ ނިންމާފަ އެވެ. އެއީ, ބައެއް ގައިދީން ނަމާދުގެ ސަޖިދައިގައި ގިނަ ވަގުތު ހޭދަކުރާތީ އެ މީހުންގެ ހަބަރު ބެލުމަށް ގެނައި ބަދަލެކެވެ. ޖަމީލު މަރުވީ ސަޖިދައިގައި އޮއްވައި ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެ އެވެ.

"ކަރެކްޝަނުން އެއް ގަޑިއިރު ތެރޭ ކޮންމެ ގައިދީއަކު ބަލާނަން. އެއީ އަޅުކަމުގެ ހަރަކާތުގައި ހުއްޓަސް ފުރާނަ ހުރިތޯ ބެލުމަށް," އިހުސާން ވިދާޅުވި އެވެ.

ޖަމީލުގެ ހަށިގަނޑުގައި އަނިޔާވެފައި ހުރި ކަމަށް ހުރި ނިޝާންތަކަކީ އެއްވެސް މީހެއްގެ ފަރާތުން ލިބިފައިވާ އަނިޔާއެއް ނޫންކަން މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށް ފުލުހުން މިއަދު ބުންޏެވެ.