Advertisement

ސިހުރުގެ މައްސަލަ: ހޯދަނީ ޑިޖިޓަލް މައުލޫމާތު، ގެންދިޔަ ތަކެތީގެ ތެރޭގައި ތަޅުދަނޑިފުލެއް އަދި އިސްތަށި ހިމެނޭ

29 ޖޫން 2024 - 11:13 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ސިހުރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒުގެ އެޕާޓުމެންޓު ބަލައި ފާސް ކުރުމަށްފަހު ފުލުހުން ގެންދިޔަ ބުދު -- ފޮޓޯ: އަދަދު


ސިހުރުގެ މައްސަލަ: ހޯދަނީ ޑިޖިޓަލް މައުލޫމާތު، ގެންދިޔަ ތަކެތީގެ ތެރޭގައި ތަޅުދަނޑިފުލެއް އަދި އިސްތަށި ހިމެނޭ

29 ޖޫން 2024 - 11:13 1

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ "ގާތްވުމަށް" ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިމާވެށްޓާ ބެހޭ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒު އާއި އޭނާގެ ކޮއްކޮ، ހައްވާ ސަނާ ސަލީމް އަތުން ފުލުހުން ހޯދަން މަސައްކަތްކުރަނީ ރައްކާކޮށްފައިވާ ޑިޖިޓަލް މައުލޫމާތުތަކެއްކަން އެނގިއްޖެ އެވެ.

ޝަމްނާޒު އާއި ސަނާގެ އެޕާޓުމެންޓު ބަލައި ފާސްކުރުމަށް ފުލުހުން ހޯދާފައިވާ އަމުރުގައި ތަހުގީގަށް ހޯދަން ބޭނުންވާ ތަކެތީގެ ލިސްޓެއް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މޯބައިލް ފޯނު، ޕެންޑްރައިވް، އެކްސްޓާނަލް ހާޑު، ކޮމްޕިއުޓަ ސިސްޓަމް، ލެޕްޓޮޕް، ޑިޖިޓަލް ޑާޓާ ރައްކާކުރެވިދާނެ އެންމެހާ އާލާތްތައް، މައްސަލައާ ގުޅުންހުރި ފޮތްތަކާއި ސިހުރުހާހޫރަ ހެދުމަށް ބޭނުންކުރާ އެންމެހާ ތަކެއްޗެވެ.

ފުލުހުން ގެންދިޔަ ތަކެތި

ޝަމްނާޒު އާއި ސަނާގެ އެޕާޓްމެންޓު ޗެކްކޮށް ފުލުހުންގެ ތަހުގީގަށް ގެންދިޔަ ތަކެއްޗާ ބެހޭ ގޮތުން، އެކަމުގެ މައުލޫމާތު އެނގޭ މީހަކު އަދަދު ނޫހަށް ވާހަކަ ދެއްކި އެވެ. އެ ގެއިން ގެންދިޔަ ތަކެތީގެ ތެރޭގައި، ޝަމްނާޒު އާއި ސަނާގެ ފޯނުގެ އިތުރުން ފުލުހުން ގެންދިޔައީ ސީލްކޮށްފައިވާ ފޯނެއް ކެނޑުމަށް ފަހު އެ ފޯނާއި، އައިއޯއައިޖީ މުބާރާތެއްގައި ބެހި ތަޅުދަނޑިފުލުލާ އެއްޗަކާއި، ސަނާގެ ކޮޓަރިން ފެނުނު އިސްތަށިކޮޅަކާއި، ސަމްނާޒުގެ ކޮޓަރިން، ފަށެކެވެ.

ފުލުހުން ގެންދިޔަ ތަޅުގަނޑިފުލުލާ އެއްޗަކީ ވޫލުން ވިޔެފައިވާ ޑޯލްއެކެވެ.

މި މައްސަލައިގައި ޝަމްނާޒު ހައްޔަރުކުރީ، އަދި ގެ ބަލައި ފާސްކުރީ ހަމައެކަނި އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށެވެ. އެ މައުލޫމާތެއް ވެސް އަދި މި މައްސަލައިގައި ޝަމްނާޒު ސިހުރު ހެދީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމެއް، ނުވަތަ ރަމީޒަށް ކަމެއް، ނުވަތަ އެހެން މީހަކަށް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މި މައްސަލައިގައި ޝަމްނާޒު އާއި ސަނާ ހައްޔަރުކުރީ ތ. ކިނބިދޫ، ނިވައިދޮށުގޭ، ހުސައިން ސަމީރަށް އެކި ފަހަރުމަތިން، ފައިސާ ދީގެން "ދެމަފަރިން ދުރުމުރުމަށާއި ލޯބި ހާސިލްކުރުމަށާއި މީހުންނާ ގާތް ގުޅުން އުފެއްދުމަށް ސިހުރު ހާހޫރާ ހަދަމުން އަންނަ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މީނާގެ ފުށުން މިފަދަ ކުށުގެ އަމަލެއް ތަކުރާރުކޮށްފާނެ ކަމަށް ބެލެވޭތީ މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި" އެވެ.

ނަމަވެސް ފުލުހުން ޝަމްނާޒު އާއި ސަނާ ހައްޔަރުކުރީ ކޯޓު އަމުރު ލިބިފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުންކަން "އަދަދު" އަށް އެނގިފައިވެ އެވެ.

ސިހުރުގެ ތުހުމަތުގައި ޝަމްނާޒު ހައްޔަރުކުރިއިރު، އެ މައްސަލަ ހުށަހެޅީ ކާކުކަމެއް، އަދި މައްސަލައާ ގުޅުންހުރި އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ސިހުރުގެ ތުހުމަތު ފެންމަތިވީ، ރައީސްގެ "ކަނާތުގެ ގޮތުގައި ހުރި"، ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ދުރުކުރި ހަބަރުތައް ފެތުރިގެން ދިޔުމަށް ފަހު އެވެ. މުއިއްޒު ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އާދަމް ރަމީޒު ބުރާސްފަތި ދުވަހު ވަނީ ވަޒީފާއިން ވެސް ސަސްޕެންޑުކޮށްފަ އެވެ.