29 ޖޫން 2024 - 01:10 0
މާފުށި ޖަލުގެ ބޭރު ފެންސް، ޖަލުގައި މިއަދު މަރުވި މީހެއްގެ މަރާ ގުޅިގެން ތަހުގީގެއް ހިންގާނެ ކަމަށް ހޯމް މިނިސްޓަރުވިދާޅުވި. ފައިލް ފޮޓޯ/އަދަދު
29 ޖޫން 2024 - 01:10 0
މާފުށި ޖަލުގައި މިއަދު މަރުވި ށ. ފުނަދޫ ޒަމާނީ ވިލާ މުހައްމަދު ޖަމީލް 45, ގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރިތޯ ބަލަން ފުރިހަމަ ތަހުގީގެއް ކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.
ޖަމީލުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހުޅުމާލޭ ސަހަރާގައި މިހާރު އޮތް އިރު އޭނާގެ މޫނުމަތީގައި ނޫފައިގެންފައިވާ ދެ ނަތަކާއި ކޮންމެވެސް ވަރަކަށް މަށައިގެން ގޮސްފައިވާ ތަނެއް ހުރުމުން، އޭނާ މަރުވީ އަނިޔާގެ ސަބަބުން ކަމަށް ބައެއް މީހުން ދަނީ ތުހުމަތުކުރަމުންނެވެ.
ސޯޝަލް މީޑިއާގައި އެތައް ބަޔަކު އެ ތުހުމަތުތައް ކުރަމުން ދަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރަން ފުލުހުންނަށް އަންގަވާފައިވާނެ ކަަމަށެވެ.
އާއިލާގެ ރުހުން އޮތް ނަމަ ޖަމީލުގެ ޕޯސްޓްމޯޓަމް ހަދަން ވެސް ފުލުހުންނަށް އަންގަވާފައިވާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
"މަރުގެ ސަބަބެއް ކަމަށް ޑޮކްޓަރު ކަނޑައަޅާފައި ވަނީ ކާޑިއޯޕުލްމޮނަރީ އެރެސްޓް [ހިތް ހުއްޓުން]، ގޮޅީގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ގައިދީ އެންމެ ފަހު ވަގުތުކޮޅު އޭނާ އުޅުނީ ނަމާދުކުރުމުގައި. އޭނާގެ ހަށިގަނޑު މިއަދު ހެނދުނު ފެނުނީ ސަޖިދައިގައި އޮއްވައި، ތަހުގީގީ ހުރިހާ އެޖެންސީއަކާ ވެސް ކަރެކްޝަނަލް ސާވިސް އިން އެ ފުޓޭޖް ހިއްސާކުރާނެ،" އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޖަލުގައި ވާ ކޮންމެ މަރެއް އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް މިނިވަންކަމާ އެކު ތަހުގީގުކުރައްވާނެ އެވެ.
ޖަމީލުގެ މަރާ ގުޅިގެން ކަރެކްޝަނަލް ސާވިސް އިން މީޑިއާއަށް ކުރިން ބުނީ ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދީފައިވާ ކަމަށެވެ.
އަދި އެއްވެސް ބަދަލެއް ނައުމާ ގުޅިގެން، 12:13 ހާއިރު މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފެށި ކަމަށާއި, ޖަމީލްގެ ހިތް ހުއްޓިގެން މަރުވިކަމަށް ޑޮކްޓަރު ކަނޑައެޅީ 12:45 ގައި ކަމަށް ވެސް ކަރެކްޝަނުން ބުނެ އެވެ.
އޭނާ ބަންދުކޮށްފައި ހުރީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެނެވެ. އޭނާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް ވެސްމެ އެވެ.
ޖަމީލް މަރުވުމާ ގުޅިގެންކަރެކްޝަނުން ވަނީ ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި ފުލުހުން އަދި އެޗްއާރްސީއެމްގެ އިތުރުން އެންއައިސީއަށް އެކަން އަންގާފަ އެވެ.
Comment