Advertisement

ގިނަ ތައްޔާރީތަކެއް ވެފައި އޮތް ސްޕޯޓްސް އެވޯޑްސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

29 ޖޫން 2024 - 00:02 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މިދިޔަ އަހަރުގެ ސްޕޯޓްސް އެވޯޑް ހަފްލާގެ ތެރެއިން.--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ


ގިނަ ތައްޔާރީތަކެއް ވެފައި އޮތް ސްޕޯޓްސް އެވޯޑްސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

29 ޖޫން 2024 - 00:02 0

އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައި، ގިނަ ތައްޔާރީތަކެއް ފުރިހަމަކޮށްފައި އޮތް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށް ސްޕޯޓްސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ސްޕޯޓްސް މިނިސްޓްރީން އެންމެ ފުރަތަމަ މި އަހަރު ސްޕޯޓްސް އެވޯޑްސް ބާއްވަން ތާވަލުކުރީ ރެޔެވެ. އެކަމަކު، އިތުރަށް ފުރިހަަމަ ކުރަން ހުރި ކަންކަމަށް ވަގުތު ބޭނުންވާތީއާ އެކު، އަންނަ މަހުގެ ހަތަރަކަށް (އަންނަ ބުރާސްފަތި ދުވަހަށް) އެވޯޑް ފަސްކުރީ އެވެ.

އެކަަމަކު، ސްޕޯޓްސް މިނިސްޓްރީން މިރޭ ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، ސްޕޯޓްސް އެވޯޑްސް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

ސްޕޯޓްސް މިނިސްޓްރީން މި ގޮތަށް ނިންމިިއިރު، ބުރާސްފަތި ދުވަހުގެރޭ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި އެވޯޑްސް ހަފްލާ ބާއްވަން ވަނީ ސްޓޭޖު ވެސް ހަދައިފަ އެވެ. ހަފްލާ އަށް އަންނަން ދައުވަތު ކާޑު ފޮނުވައި، އަންނަކަން ކަށަވަރުކުރަން މިނިސްޓްރީން ވަނީ ފޯނުން ގުޅައިވެސްފަ އެވެ. އެކަމަކު، މިނިސްޓްރީން މި ވަނީ ކުއްލި ނިންމުމަކުން އެވޯޑްސް ހަފްލާ ފަސްކުރަން ނިންމައިފަ އެެވެ. އެކަމަކު، މި ފަހަރު ވަކި މުއްދަތެއް ހާމަކުރުމެެއް ނެތި އެވެ.

ދައުލަތުގެ ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކޮށް، އިތުރު ފިޔަވަޅުތައް އަޅަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވި އެވެ. އެ ގޮތުން ބަލާއިރު، ސްޕޯޓްސް އެވޯޑްސް ފަސްކުރަން ނިންމުމަކީ ވެސް ހަރަދުކުޑަކުރަން ފަސްކުރި އިވެންޓެއް ކަމަށް ބެލެވުމުގެ ޖާގަ އެބައޮތެވެ.

"މިގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ހަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގާފަ، މީގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެ،" ރައީސް، ޑރ. މުއިއްޒު، އެކްސްގައި ލިޔުއްވާފައިވެ އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ މިދިޔަ ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު، އަހުމަދު މަހުލޫފް ފެއްޓެވި މަސައްކަތެކެވެ. މިދިޔަ ސަރުކާރުން ސްޕޯޓްސް އެވޯޑްސް ބާއްވާފައިވަނީ، ކުޅިވަރުގެ ބައިނަލްއަގުވާމީ މަޝްހޫރު ތަރިން ރާއްޖެ އަށް ދައުވަތުދީގެންނެވެ. މި ފަދަ ބޮޑު ހަރަދުތަކެއް ކޮށްގެން، ސްޕޯޓްސް އެވޯޑްސް ހަފްލާ ބާއްވާތީ އާންމުންގެ ފާޑުކިޔުން އަމާޒުވި އެވެ. އެކަމަކު، މި ސަރުކާރުން ސްޕޯޓްސް އެވޯޑްސް ހަފްލާ ބާއްވަން ނިންމާފައިވާއިރު، ބޭރުގެ ބައިނަލްއަގުވާމީ ކުޅިވަރު ތަރިން ގެންނަން ނިންމާފައިނުވެ އެވެ.