Advertisement

ދަތުރު ކުރުމުގެ ކުރިން ހުރިހާ ހައްޖުވެރިން ވެސް ވެކްސިން ފުރިހަމަ ކުރި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި

25 ޖޫން 2024 - 22:16 0

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަކީލް:


ދަތުރު ކުރުމުގެ ކުރިން ހުރިހާ ހައްޖުވެރިން ވެސް ވެކްސިން ފުރިހަމަ ކުރި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި

25 ޖޫން 2024 - 22:16 0

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ރާއްޖެއިން ފުރި އެންމެން ވެސް ދަތުރު ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ވެކްސިންތައް ޖެހި ކަމަށް ހައްޖު ކޯޕަރޭޝަނުން މިރޭ ބުނެފި އެވެ.

ހައްޖުވެރިން ވެކްސިން ފުރިހަމަ ކުރި ކަމަށް އެ ކޯޕަރޭޝަނުން ބުނީ ދާދިފަހުން ހައްޖުގެ އަޅުކަން ކުރުމަށްފަހު މާލެ އައި ފުޓުބޯޅަ ކުޅުންތެރިޔާ އަހުމަދު މުހައްމަދު އާރިފް (ބަކާ) އަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް ޖެހި މިއަދު ނިޔާވުމުންނެވެ.

"ސައުދީ އަރަބިއްޔާއަށް ދަތުރު ކުރި ހުރިހާ ހައްޖުވެރިން ވެސް ވަނީ ސައުދީ ހައްޖު މިނިސްޓްރީގެ ގައިޑްލައިންތަކާ އެއްގޮތަށް ފުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޓްރެވަލް ވެކްސިން ކަމުގައިވާ ޕޯލިއޯ މެނިންޖައިޓިސް އަދި އިންފްލުއެންޒާ ވެކްސިން ފުރިހަމަކޮށްފައި ކަމުގައި ދަންނަވަން،" އެ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އާރިފް، 38، ނިޔާވިއިރު އޭނާއަށް ފަރުވާދެމުންދިޔައީ އޭޑީކޭގެ އައިސީޔޫގައި އެކަހެރިކޮށް ބާއްވައިގެން ކަމަށް އެނގިފައިވެ އެވެ.

މެނިންގޮކޯކޮލް ޑިޒީޒް އަކީ މެނިންގޮކޯކޮލް ނަމަކަށް ކިޔާ ބެކްޓީރިއާއަކުން ޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ. މި ވައިރަހުގެ ސަބަބުން އާންމު ގޮތެއްގައި ޖެހެނީ ދެ ބައްޔެކެވެ. އެއީ ލޭގެ އިންފެކްޝަނެއްގެ ގޮތުގައި ޖެހޭ މެނިންގޮކޯކަލް މެނިންގިޓިސްއާއި ސިކުނޑިއާއި މައިބަދަ ގުޅޭ ސަރަހައްދަށް ޖެހޭ މެނިންގޮކޯކަލް މެނިންގިޓިސް އެވެ.

ބަލި ޖެހުމުން އެންމެ ބޮޑުވަރުވާ މީހުންގެ ތެރޭގައި ކުޑަކުދިންނަށާއި ޒުވާނުންގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ތަހަންމަލު ކުރާ މީހުން ހިމެނެ އެވެ.

އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ވެސް ނުރައްކާވާ މެނިންގޮކޯކޮލް ބައްޔަކީ ވެކްސިން ޖަހައިގެން ކުރިއާލައި ރައްކާތެރިވެވޭ ބައްޔެކެވެ.